މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސާ، އެކަން އިއުލާން ކޮށްފިއެވެ.
އެކަން ރަސްމީކޮށް އިއުލާނު ކުރީ މިކަމަށްޓަކައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދާ ހާއްސަ ޖަލްސާގައެވެ.
މި ޖަލްސާގައި އެމްއެންޕީގެ ރަނިންމޭޓު އިއުލާނު ކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރިޠާސީ ކެންޑިޑޭޓް ނާޒިމްއެވެ.
މި ޖަލްސާގައި ނާޒިމް ވަނީ އަދީލްއަކީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޔުނިވާސިޓީ އޮފް މެލޭޝިއާގައި މާސްޓާސް ހައްދަވާފައިވާ ބޭފުޅެއް ކަމަށާއި ބްރޫނާއީގައި ރައީސްގެ ހާއްސަ ސްކޮލާޝިޕެއްގެ ދަށުން ޔުނިވާސިޓީ އޮފް ދާރުއްސަލާމުގައި ޑރ. ފިލޯސަފީ އެޑިއުކޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެއްކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން އައްޑޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަމާއި އެ ސިޓީގެ ހައި ސްކޫލާއި މެދުވަލު ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ އިސްލާމިއްޔާ ސްކޫލްގައި ވެސް މަސައްކަތް ކުރައްވާފައިވާ ކަމަށާއި އަދި ތަފާތު އެކި ޔުނިވާސިޓީތަކުގައި ވިޒިޓިންގ ލެކްޗަރާއެއްގެ ގޮތުގައި ވެސް އަދީލް މަަސައްކަތް ކުރައްވާފައިކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އަދީލް ވަނީ ރައްޔިތުން މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައެވެ. 2019 ވަނަ އަހަރުގެ އިންތިހާބުގައި އަދީލާއި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!