ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާ އޮތުމުން އިންތިހާބުގައި ވާދަކުރުމުގެ ޝަރުތާ މެދު އިތުރު މައްސަލައެއް ސުޕްރީމް ކޯޓުގައި މިއަދު ފެންމަތިވެއްޖެ އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ޝަރުތުތަކުގެ ތެރޭގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުން ނުދިއުމާއި ސާބިތު ދަރަންޏެއް އޮތްނަމަ ފައިސާ ދައްކަމުން ގެންދިއުން ހިމެނެ އެވެ.
ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ޔާމީން މިހާތަނަކަށް ނުދައްކަ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުންތަކުގެ ތެރެއިން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖަލު ހުކުމުގެ ސަބަބުން ކުރިމަތިނުލެއްވޭނެ ކަމަށް ނިންމި ބައެވެ. ސާބިތު ދަރަންޏެއް އޮތް ކަމަށް ކޮމިޝަނުން ނިންމި ބައި އިސްތިއުނާފެއް ނުކުރެ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ކޮމިޝަނުން ފުރަތަމަ ދިން ލިޔުމުގައި ސާބިތު ދަރަނީގެ މައްސަލަ ފާހަގަ ކޮށްފައި ނެތް ކަމަށާއި އެކަން އޮތީ ފަހުން ކޮމިޝަނުން ދިން ލިޔުމެއްގައި ކަމަށެވެ. އަދި ފަހުގެ ލިޔުން ލިބުނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށް ވަކީލުން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޖޫރިމަނާއަކީ ޖަލު ހުކުމެއް ބައެއް ކަމަށެވެ. އަދި ޖޫރިމަނާ ދައްކަން މީރާއިން އަންގާފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!