ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ދިނުމުގެ ޔާމީން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނިންމުމާ ގުޅިގެންނެވެ.

Ad
rt

އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުންނެވެ. އެކަމަކު ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ޝަރީއަތް މިއަދު މެންދުރުފަހު ވަނީ ފަށައިފަ އެވެ. މި މަޖިލީހުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ކޮމިޝަންގެ ނިންމުން ބާތިލްކޮށް، އެމަނިކުފާނުގެ ޝަތުތު ފުރިހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އެނޫން ގޮތަކަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ނަމަ، ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދޭން ވެސް އެދޭ ކަމަށް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި އެވެ.

އިލެކްޝަންސްގެ ވަކީލުން ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް އެބައޮތް ކަމަށެވެ. ނަމަވެސް އަންނަ ހޯމަ ދުވަހު އޭގެ މުއްދަތު ހަމަވުމަށްފަހު އިތުރު ފުރުސަތެއް އެކަމަށް ދޭނަމަ އިންތިހާބުގެ ޓައިމްލައިނަށް އަސަރު ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޔާމީންގެ ފަރާތުން މިފަދަ ވަގުތީ އަމުރަކަށް އެދިފައިވާއިރު، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެ ނަމަ، ބެކްއަޕެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފަ އެވެ. ޔާމީންގެ އެންގެވުމަށް ޕީއެންސީން ހޮވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ސުޕްރީމް ކޯޓުން ލިބިއްޖެނަމަ، މުއިއްޒުގެ ނަން އަނބުރާ ގެންދަވާނެ އެވެ. އެ ނޫންނަމަ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރޭ ކެންޑިޑޭޓަކަށް ވާނީ މުއިއްޒެވެ.