މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް ދަރިކަނބަލުން، ވުލާ، ނާޒިމް އެންޑޯސް ކުރައްވައިފިއެވެ.

އެކަން އޭނާ ހާމަކުރައްވާފައިވަނީ އެމްއެންޕީން ރޭ ކުރިޔަށް ގެންދިޔަ އެ ޕާޓީގެ އަންހެނުންގެ ލީޑާޝިޕް ފޯރަމްގައެވެ.

Ad
rt

ޕީއެޗްޑީއަށް ކިޔަވަމުން، ވިޔަފާރީގެ މަސައްކަތް ކުރަމުން ގެންދާ ވުލާ ވަނީ، އޭނާގެ ކިޔެވުމާއި އާއިލީ ހަޔާތުގެ ވާހަކައާއި އާއިލީ ޒިންމާތައް އަދާކޮށް އޭނާގެ ތައުލީމު ފުރިހަމަ ކުރަމުން، ވިޔަފާރީގެ ދާއިރާގައި ހޯދި ކާމިޔާބުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ހުޅުމާލޭގައި ހުންނަ އެޗް78 ގެސްޓް ހައުސް ވިޔަފާރި ބަލަހައްޓާތާ 09 އަހަރުވެފައިވާއިރު، ވުލާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތުން ފެށިގެން ވިޔަފާރިއާއި ގުޅޭ ހުރިހާ ނިންމުމެއް އަދި އެންމެ ބޮޑު ނިންމުންތަކުން ފެށިގެން އެންމެ ކުޑަ ނިންމުންތައް، ނިންމަމުން ގެންދަނީ އޭނާ ކަމަށެވެ.

އެމްއެންޕީން ބޭއްވި ފޯރަމްގައި ވުލާ ވާހަކަ ދައްކަނީ، ފޮޓޯ: އެމްއެންޕީ

ދާއިރާގައި ދިމާވި ގޮންޖެހުންތަކާއި އެކު ލީޑާޝިޕްގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެހީތެރިޔާ އަދި ސަޕޯޓަރަކީ ބައްޕަ ނާޒިމް ކަމަށާއި ހަރުދަނާ އަންހެނަކަށް ވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދަސްކޮށް ދިން މީހަކީ އެއީކަމަށެވެ.

މީގެ އިތުރުން ބައްޕަގެ އެހީއާއި ހިތްވަރާއި އެކު އެންމެ ފުރިހަމަ މާނައިގައި އޭނާގެ ހުރިހާކަމެއް ގާތުން ބެލެހެއްޓެވި ކަމަށާއި ހަޔާތުގެ ކޮންމެ ހިނދުކޮޅެއްގައި ވެސް ބާރުވެރިކޮށްދެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކޮންމެ މީހެއްގެ ހަޔާތުގައި ވެސް، އެ މީހަކު ވެއްޓުނަ ނުދީ ހިފަހައްޓައި ގާތުގައި ހުންނަ ހިތްވަރުގަދަ މީހަކު ހުންނައިރު، އޭނާގެ ހަޔާތުގެ އެ މީހަކީ ބައްޕަކަމަށް ވިދާޅުވިއެވެ.

ވުލާ އިތުރަށް ވިދާޅުވީ މީހާގެ ނަފްސާއި މެދު ސުވާލު އުފެދި، ޝައްކު އުފެދި ހިތްވަރު ބަލިވާ ކޮންމެ ފަހަރެއްގައި ވެސް ކަންފަތުގައި ހަރުލާފައި ހުންނަނީ އަބަދު ވެސް ބައްޕަ ދެއްވާ ހިތްވަރުގެ ބަސްތައް ކަމަށެވެ.

ބައްޕަގެ އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު އަދާކޮށް ވުލާ ވިދާޅުވީ ދިރިއުޅުމުގައި ލިބޭ ހުރިހައި ކާމިޔާބެއްގެ ބިންގަލަކީ އާއިލާ ކަމަށެވެ. އަދި މަންމައާއި ކޮއްކޮގެ ދައުރަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ވުލާ ވިދާޅުވީ، ނާޒިމަކީ ގައުމު ދެކެ އެންމެ ފުރިހަމަ މާނައިގައި ލޯބިވާ، ރާއްޖޭގެ އާއި ދިވެހިންގެ ކަންކަން އެހެން ހުރިހައިކަމެއްގެ މައްޗަށް އިސްކުރާނޭ ހެޔޮ އަދި ގާނޫނާއި ގަވައިދަށް ބޯލަނބާ އިންސާފުވެރި ތެދުވެރި މީހަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭގެ ހެއްކަކީ އޭނާގެ ހަޔާތުގައި މިވީހާ ދުވަސްތަކުގައި، ބަހާއި އަމަލުން އެކަން ދައްކަވައި އެކަމުގެ މިސާލުގައި ދިރިއުޅުއްވަމުން ގެންދިއުންކަމަށް ވުލާ ވިދާޅުވިއެވެ.