ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

ޖޭޕީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ މިއަދުއެވެ. އަދި އެ ދެ ބޭފުޅުންގެ ފޯމާއި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާޙީމް އެވެ.

Ad
rt

އެ ދެ ބޭފުޅުންގެ ތެރެއިން ޝިހާބު ވަނީ މީގެކުރިން ވެސް ޖޭޕީގައި އުޅުއްވާފައެވެ. އެގޮތުން އެ ޕާޓީ އުފެއްދިތާ ކުރީކޮޅު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި އުޅުއްވާފައި ވެއެވެ.

ދާދި މިދާކަށް ދުވަހާއި ޖެހެންދެން ޝިހާބު ހުންނެވީ ރައީސް ސާލިހުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ.

ރައީސް ސާލިހުގެ އެޑްވައިޒަރުގެ މަގާމަށް އޮކްޓޫބަރު 15، 2019 ގައި އައްޔަން ކުރެއްވި ޝިާބު އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ޖުލައި މަހުއެވެ.

ނާޒިމު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި ކުރީގެ ރައީސް މައުމޫން ގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައި ވެއެވެ.