ރާއްޖޭގޭ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ދެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް، ކ. ގުޅީފަޅު ބަނދަރު މަޝްރޫއަށް ވެސް ކޮންސަލްޓެންސީ ދޭ ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއަށް ކޮންސަލްޓެންސީ ދޭން ހަމަޖައްސާފައި ވަނީ، ޑެންކާމުގެ ނިރާސް އަދި ނެދަލެންޑްސްގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި ކުންފުންޏާ އެކު، ސަބް-ކޮންސަލްޓެންޓެއްގެ ގޮތުގައި ދިވެހި ކުންފުންޏެއް ކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑް ހަރަކާތްތެރިވެ އެވެ.

Ad
rt

މި ދެ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައި ވަނީ 860,626 ޑޮލަރު (13.3 މިލިއަން ރުފިޔާ) އަށެވެ.

ގުޅީފަޅު ބަނދަރު ހެދުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ ވެސް ހަވާލުކޮށްފައި ވަނީ ޑެންކާމުގެ ނިރާސް އަދި ނެދަލެންޑްސްގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަށެވެ. އެހެން ނަމަވެސް، މި މަޝްރޫއުގައި ސަބް-ކޮންސަލްޓަންޓުންގެ ގޮތުގައި ދިވެހި ތިން ކުންފުންޏެއް ހަރަކާތްތެރިވެ އެވެ. އެއީ ވޯޓާ ސޮލިއުޝަންސް އާއި ކްލެރިއަން މޯލްޑިވްސް އަދި ބީޗުރޮކް ވެންޗާސް ވަނީ ހަމަޖައްސާފަ އެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1,050,362 ޑޮލަރު (16.24 މިލިއަން ރުފިޔާ) އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ތަރައްގީކުރަން ނިންމާފައިވާއިރު، މިދިޔަ ސަރުކާރުން ވަނީ އެ ފަދަ ބަނދަރެއް ހިމެނޭ ގޮތަށް ރާއްޖޭގެ އެންމެ އުތުރުގައި "އައިހެވަން" މަޝްރޫއު ކުރިއަށް ގެންދަން ނިންމާފަ އެވެ. އެހެން ނަމަވެސް، ފީސިބިލިޓީ ސްޓަޑީ ހެދުން ފިޔަވައި އެ މަޝްރޫއުގެ މާ ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ. އަދި މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދާނެކަން އިއުލާންކޮށްފައެއް ވެސް ނުވެ އެވެ.

އައްޑު އަކީ ރާއްޖޭގެ ދެކުނުގެ ވިޔަފާރި މަރުކަޒަށް ހެދުމަށް 414 މިލިއަން ޑޮލަރު (6.4 ބިލިއަން ރުފިޔާ)ގެ ބިޔަ މަޝްރޫއެއް ހިންގަން ނިންމަައި އެ މަޝްރޫއު އަށް ބޭނުންވާ އެހީ ހޯދުމަށް ބޭރުގެ ފަރާތްތަކަށް މި ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ހުޅުވާލާފަ އެވެ. އެ މަޝްރޫއުގެ ތެރޭގައި، ހިތަދޫގައި މިހާރު ވެސް ގާއިމްކޮށްފައިވާ ސަރަހައްދީ ބަނދަރު ތަރައްގީކުރުން ހިމަނާފައިވެ އެވެ.