ކުރީގެ އަދަދާއިގުޅޭ،

" ތި ހޯދަނީ މިތަ؟ "

Ad
rt

އަލަމާރިން ވަރީގެ ފޯމް ނަގައި ޝަހާނާ އަހާލުމުން ޔަޝްމީ ދިޔައީ ސިހިގެންނެވެ. ޝަހާނާއަށް އެ ފޯމް ފެނުމުން ޔަޝްމީ އިންތިހާއަށް ކަންބޮޑު ވެއްޖެއެވެ. ހާސްވެ ހުރެ ޔަޝްމީ ނުހަނު އަވަހަށް ޝަހާނާގެ އަތުގައި އޮތް ފޯމުގައި ހިފިއެވެ. އޭރު މުޅިމީހާ ހުރީ ފިނިވެފައެވެ. ޝަހާނާގެ އަތުން ފޯމު އަތުލުމާއިއެކު ޝަހާނާ ދެއަތް އުރާލީ އެއްމިޔަކަނުން ހިނިތުންވެލަމުންނެވެ.

" ހާރޫން މިހާރު ޔަޝްމީއާއެކު އުޅެން ބޭނުން ނުވަނީތަ؟ "

ޝަހާނާ އެހެން އަހާލުމާއިއެކު ޔަޝްމީއަށް އަނެއްކާވެސް އެ ފޯމަށް ބަލައިލެވުނެވެ.

" މިކައިވެނި ކުރެވުނު ގޮތް ދައްތައަށްވެސް އެނގެއެއްނު! އެހެންވެ، އުޅެން ބޭނުން ނުވާ ވާހަކަ ތަކުރާރުކޮށް އަހަރެން ކިޔާތީވެ ހާރޫން ފޯމް ނެގީ! "

ޔަޝްމީ އެހެން ބުނުމުން ޝަހާނާ ގާތަށް އަނެއްކާވެސް ހިނިއައެވެ.

" އެހެންތަ؟ ދެން ވަރިކުރަނީތަ؟ "

ދެބުމަ ހިއްލާލަމުން ޝަހާނާ އަހާލިއެވެ. އެއާއިއެކު ޔަޝްމީ ހިންދިރުވާލަމުން ޝަހާނާގެ މޫނަށް ބަލައިލިއެވެ.

" ދައްތާ! މިވާހަކަ އެއްވެސް މީހެއްގާތު ނުބުނައްޗޭ! ޕްލީޒް.. އަހަރެންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް އެއްވެސް މީހަކަށް ހިއްސާކުރާކަށް އަހަރެން ބޭނުމެއް ނޫން"

ޔަޝްމީ އާދޭހާއިއެކު ބުނެލިއެވެ. ޝަހާނާ ދެކޮނޑު އަރުވާލަމުން ގޮސް އެނދުގައި އިށީނދެލަމުން މަލާމާތުގެ ނަޒަރަކުން ޔަޝްމީއަށް ބަލައިލިއެވެ. އޭރު ޔަޝްމީ ހުރީ ޝަހާނާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

" ތީގަ އެބައޮތްތަ ނުބުނަންވީ ކަމެއް؟ އެހެން ނޫނަސް ތި ފޯމު ކޯޓަށް ހުށަހަޅާ ހިސާބުން ތިކަންތައް ރަށު ކޯޓަށް އެނގޭނެ! އެނގެއެއްނުދެން ރަށު ތެރޭގައި ތިވާހަކަ ފަޅައިގެންދާނެ ގޮތް"

އެއްފައި މައްޗަށް އަނެއްފައި އެއްލަމުން ޝަހާނާ ބުންޏެވެ. ޔަޝްމީއަށް އަނެއްކާވެސް އެފޯމަށް ބަލައިލެވުނީ ލަދުގަނެފައި ހުރެއެވެ.

" އެކަމަކުވެސް ހެޔޮ! ދައްތަ ނުބުނައްޗޭ އެއްވެސް މީހެއްގާތު.. ފަހަރެއްގައި ހާރޫން މި ފޯމު ބާޠިލް ކޮށްލަފާނެއެއްނު"

އެންމެ ފަހުން ޔަޝްމީގެ ހިތުގައި އޮތް ގޮތަށް ބުންޏެވެ. އެހިނދު ޝަހާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ނުހަނު އަވަހަށެވެ.

" ތިބުނީ؟ "

ޝަހާނާ ބުންޏެވެ.

" މިބުނީ އޭނަ މި ފޯމު އަހަންނަށް ދިނީ މިކަމާ ވިސްނާފައި ގޮތެއް ނިންމާށޭ ބުނެފައި! އެކަމަކު އަހަރެން މިހުރީ އަދިވެސް ގޮތެއް ނިންމަން ނޭނގިފައި!"

ޔަޝްމީ ޝަހާނާއަށް ފުރަގަސް ދެމުން ތަންކޮޅަކަށް ހިނގާލިއެވެ. އެއާއިއެކު ޝަހާނާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ.

" ކީއްވެ ގޮތެއް ނިންމަން ނޭންގެންވީ؟ ޔަޝްމީ އުޅެން ބޭނުން ނުވާ ވާހަކަ އަބަދާއަބަދު ކިޔާތީއެއް ނޫންތަ އޭނަ ވަރިކުރަން ނިންމާނީ! ދެން މިހާރު ޔަޝްމީގެ ޚިޔާލު ބަދަލުވީތަ؟ "

ޝަހާނާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާއަށް ވާހަކަވެސް ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެހެންކަމުން ޔަޝްމީ ފަސްއެނބުރި ޝަހާނާއަށް ބަލައިލިއެވެ.

" ޚިޔާލަކީ އެކި ފަހަރު އެކި ގޮތަށް ބަދަލުވާ އެއްޗެއް! އަހަރެން ބިރުގަންނަނީ މަންމަމެން އަހަރެންދެކެ ރުޅި އަންނާނެތީވެ! ލަދުގަންނަނީ ރަށު މީހުން އަހަންނަށް މަލާމާތްކުރާނެތީވެ! ދެރަވަނީ ޅަޢުމުރުގައި ދިރިއުޅުން ހަލާކުކޮށްލަން ޖެހުނީމަ"

ޔަޝްމީގެ އަސަރުގަދަ ވާހަކަތައް އަޑުއަހާފައި ޝަހާނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ އައިސް ޝަހާނާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުންޏެވެ.

" ޔަޝްމީގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް އެނގޭނީ މަންމައަކަށްވެސް އަދި ރަށު މީހުންނަކަށްވެސް ނޫން! އުޅެން ބޭނުން ނުވަންޏާ ވަގުތާއި ޢުމުރު ބޭކާރު ނުކުރޭ! އުފާވެރިކަން ޙާޞިލް ކުރަން ބައެއް ފަހަރު އަމިއްލަ އެދުންވެސް އިސްކުރަން ޖެހޭނެ.. އަބަދަކު މީހުންގެ ސިކުނޑިން ވިސްނައިގެންނެއް ނޫޅެވޭނެ"

ޝަހާނާގެ ޖުމްލަތަކުން ޔަޝްމީ ކުޑަކޮށް ހިނިތުންވެލިއެވެ.

" އަހަރެންގެ ދައްތައެއް ބޭބެއެއް އަދި ކޮއްކޮއެއްވެސް ނުހުރޭ! އެހެންވެ ޔަޝްމީއާމެދު އަހަރެން އަބަދުވެސް ދެކެނީ އެއްބަނޑުއެއްބަފާ ކޮއްކޮއެއްގެ ގޮތުގައި. ޔަޝްމީއަށް ލިބޭ ކޮންމެ އުފަލަކީ އަހަންނަށްވެސް ލިބޭ އުފަލެއް.."

ޝަހާނާގެ ވާހަކަތައް އަޑުއެހުމާއިއެކު ޔަޝްމީގެ ދެލޮލުން ކަރުނަ ހިލުނެވެ. މިއަދު އޭނާ ބޭނުންވަނީވެސް އެފަދަ މީހެކެވެ. އޯގާތެރިކަމުގެ ބަހެއް ބުނެލާ ކޮންމެ މީހަކީ ޔަޝްމީއަށް ވަރަށް މުޙިއްމު މީހެކެވެ. ޝަހާނާ ވާހަކަ ދައްކާ ނިމުމާއެކު ޔަޝްމީއަށް އޭނާގެ ގައިގައި ބައްދާލެވުނެވެ. އެއާއިއެކު ޝަހާނާގެ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިކުރުވިއެވެ. ޝަހާނާ ޔަޝްމީގެ ބުރަކަށީގައި ފިރުމާލީ، އަލަމާރީގެ ލޯގަނޑުން ބަލަހައްޓައިގެން ހުރެއެވެ. އޭރު އޭނާގެ ދެލޮލުގައިވެސްވަނީ އާދަޔާ ޚިލާފް އަސަރުތަކެކެވެ.

" ދައްތާ! ހާރޫން ބުނީ ދައްތައާއެކު ދާށޯ ރަށަށް.. "

ރޮމުން ރޮމުން ޔަޝްމީ ބުނެލިއެވެ. އެޖުމްލައާއެކު ޝަހާނާއަށް އެއްބުމަ ހިއްލާލެވުނެވެ. ހަމަ އެވަގުތެވެ. ޔަޝްމީ ޝަހާނާގެ ގައިން ދޫކޮށްލުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" އެހެންވެ އަހަރެން މާދަމާ ރަށަށް ދާނަން! ފަހަރެއްގައި ދެން އެނބުރި މިތަނަށް ނައުންވެސް އެކަށީގެންވޭ! ހާރޫން މި ފޯމު ކޯޓަށްލީމަ އެހިސާބުން މިކަން ނިމިދާނެ"

ޔަޝްމީ އަސަރާއެކު ބުނެލިއެވެ.

" ވެދާނެދޯ ހާރޫން ޔަޝްމީ ފޮނުވާލަައިފަ ވަރި ކުރަނީ ކަމަށް"

ޝަހާނާ ބުންޏެވެ. ޔަޝްމީ ބޯޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އަހަރެން މިދަނީ އޮށޯވެލަން.. ކުޑަކޮށް އަރާމުކޮށްލަން"

ޔަޝްމީ ހިނގައިގަންނަމުން ބުންޏެވެ. ޝަހާނާއަށް ހުރެވުނީ ޔަޝްމީއަށް ބަލާށެވެ. ޔަޝްމީ ނިކުތުމާއިއެކު ހިތްހަމަ ޖެހުމުގެ ނޭވާއެއް ޝަހާނާއަށްވެސް ދޫކޮށްލެވުނެވެ.

" އަމިއްލައަށް ތިޔަ ކީ ތިމާއަށް ލިބޭނެ އެއްޗެހި! މަންމަމެންގެ ނުރުހުން.. ރަށުމީހުންގެ މަލާމާތް.. ދެން ހިތާމަ! "

ހެވިފައި އިނދެ ޝަހާނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

***

ފުރަން ދިޔުމުގެ ކުރިން ޝަހާނާ ހުރީ ހާރޫންއާ ބައްދަލްކޮށްލަން ބޭނުންވެފައެވެ. އެހެންކަމުން އޭނާ ސޯފާގައި އިށީނދެލީ ހާރޫން ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އޭރު ޔަޝްމީ އުޅެނީ ކޮޓަރީގައެވެ. ކުއްލިއަކަށް ޝަހާނާ ސިހިފައި ފަހަތް ބަލައިލީ އެތެރެއަށްވަތް ހާރޫން ފޯނަކުން ވާހަކަ ދައްކާ އަޑަށެވެ. ޝަހާނާ ފެނުމުން އޭނާ ފޯނު ބޭއްވުމަށްފަހު ހީލިއެވެ. ރައްދުގައި ޝަހާނާވެސް ހިނިތުންވެލިއެވެ.

" ކޮބާ ރެޑީތަ؟ މިރޭ ފަތިހު އެންމެ ލަސްވެގެން ފަހެއް ޖަހާއިރު ވާނެ ނިކުންނަން. ބޯޓު ފުރަނީ ހައެއް ޖަހާއިރު"

ހާރޫން އެހެން ބުނެ ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ.

" ޔަޝްމީގެ ދައްތައެއްގެ ޙައިޞިއްޔަތުން އަހަރެން ބޭނުން ވާހަކައެއް ދައްކާލަން"

ޝަހާނާ ވާހަކަ ދައްކަންފެށިއެވެ. ޙަޤީޤަތުގައި އޭނާ ބޭނުންވަނީ ހާރޫންގެ ހިތުތެރޭގައި ރާވަމުންދާ ކަންތައްތައް ހޯދާށެވެ. ޔަޝްމީއާމެދު މިހާރު ހާރޫން ދެކޭގޮތް ބަލާށެވެ. އަދި އޭނާގެ މައުޞޫމްކަން ހާރޫންއަށް ދައްކާށެވެ.

އަތުގައި އޮފް ފޯނު ލޮކް ކޮށްލަމުން ޖީބަށް ފޯނު ލުމަށްފަހު ހާރޫން އައިސް ސޯފާގައި އިށީނދެލިއެވެ.

" ކިހިނެއްވީ؟ ޔަޝްމީ އެއްޗެކޭ ބުނީތަ؟ "

ހާރޫން ޝައުޤުވެރިކަމާއިއެކު އަހާލިއެވެ. އެއާއިއެކު ޝަހާނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" އެކޮޓަރީގައި އޮތް ވަރީގެ ފޯމް އަހަންނަށް ފެނިއްޖެ! "

ޝަހާނާގެ ފުރަތަަމަ ޖުމްލައިން ހާރޫންގެ މޫނުމަތީގެ ކުލަވަރު އަނދިރިވެގެން ދިޔަކަން ޝަހާނާއަށް ފާހަގަ ކުރެވުނެވެ.

" ޔަޝްމީ ބުނި ރަށަށްދާ ވާހަކަ! ޔަޝްމީ ރަށަށް ފޮނުވާލާފައި ވަރިކުރަންތަ ތިއުޅެނީ؟"

ޝަހާނާ އެހެން އަހާލުމުން ހާރޫންއަށް ބަލައިލެވުނީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އެއަށްފަހު އޭނާއަށް އެއްމިޔަކަނުން ހީލެވުނެވެ.

" އަސްލު ޝަހާނާގާތު އަހަރެން ތެދަށް ބުނަންތަ؟ އަހަރެން ޔަޝްމީ ވަރިކުރާކަށް ބޭނުމެއްނޫން! ނުވިސްނަން ވަރިކުރާކަށް! ޔަޝްމީގެ ސިކުނޑި އަދިވެސް ވަރަށް ޅަ! އެހެންވެ އެއްޗެއް ވިސްނޭތޯ ބަލަންވެގެން އެގޮތަށް މި ކަންތައްކުރަނީ! ޔަޝްމީ ބަލައި އަހަރެން ވަރަށް އަވަހަށް ދާނަން! ޝަހާނާ މިހާރު އޭނަ ގޮވައިގެން ދައްޗޭ! ކުޑަކޮށް ހަމައަކަށްވެސް އެޅިދާނެ"

ހާރޫން ހަމަޖެހިފައި އިނދެ ދެއްކި ވާހަކަތަކުން ޝަހާނާ އިނީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ހާރޫން އެދިނީ އޭނާ އުއްމީދު ކުރިފަދަ ޖަވާބެއް ނޫނެވެ. އެހެންކަމުން ޝަހާނާ އިނީ ޔަޝްމީއާ ބެހޭގޮތުން އިތުރަށް ދައްކަން ބޭނުން ނުވެފައެވެ.

" އަހަރެން ފޯމު ނެގީވެސް ޔަޝްމީއަށް އެއްވެސް ބަދަލެއް އާދޭތޯ ބަލަން ވެގެން! ވަރިކުރުމުގެ ބޭނުމަކުވެސް ނޫން! އެކަމަކު.. ކިތަންމެ ލޯބި ވިޔަސް އަހަރެންގެ އަނތްބެއްގެ ގޮތުގައި އިންނަ މީހަކު ވަރިކުރާނެ އޮތީ އެންމެ ސަބަބެއް"

ހާރޫން ޝަހާނާއަށް ބަލައިލަމުން ބުންޏެވެ. އެހިނދު އެނގެން ބޭނުންވާފަދަ ގޮތަކަށް ބަލަހައްޓައިގެން ޝަހާނާ އިނެވެ.

" ބޭވަފާތެރިވެއްޖެއްޔާ ދެން ޖެހޭނީ އަހަރެންގެ ޙަޔާތުން ދުރަށްދާން! ކައިވެނިމަތީގައި ތިބެ ބޭވަފާތެރިވާނީ ވަރަށް ނުބައި އަނބިން! އެފަދަ ކުށެއް ކޮށްފިނަމަ މަޢާފު ދިނުމެއްނެތި އަހަރެން އެމީހަކު ދޫކޮށްލާނަން! "

ހާރޫންގެ ވާހަކައިން ހިތްހަމަޖެހޭގޮތް ދައްކައިލަމުން ޝަހާނާ ބޯ ޖަހާލިއެވެ.

" އޯކޭ ވަރަށް ލަސްވެސް ވެއްޖެއެއްނު މިރޭ! އަވަހަށް ދެން ނިދާލަންދޭ!"

ހާރޫން ތެދުވަމުން ބުނެލިއެވެ. އިތުރަށް މަޑުކުރުމެއްނެތި އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރުގައިވެސް ޝަހާނާއަށް އިނދެވުނީ ޝައުޤުވެރިކަމާއެކު ހާރޫނަށް ބަލާށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ހާރޫން އެތެރެއަށް ވަނެވެ. އޭރު އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިގެން ޔަޝްމީ އިނީ ދެލޯމަރާލައިގެންނެވެ. ހާރޫން ވަތް އަޑަށް އޭނާ ހާރޫންއަށް ބަލައިލިއެވެ.

" މިހާރު ޕެކް ކުރީތަ؟"

ބެގީ ނައްޓާލަމުން ހާރޫން ސުވާލު ކުރިއެވެ. ޔަޝްމީ އެއްވެސް ޖަވާބެއް ނުދިނުމުން ހާރޫން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" އަހަންނާ ދުރަށް ދެވޭތީ އުފަލެއް ނުވޭތަ؟ "

ތުވާލި ހިފައިގެން ފާޚާނާއާ ދިމާލަށް ހިނގައިގަންނަމުން ހާރޫން އެހިއެވެ.

" އަހަރެން ދާތީ އުފާވާނީ ހާރޫންއެއްނު"

ޔަޝްމީ އެހެން ބުނެލުމުން ހާރޫން ދެކޮނޑު އަރުވާލިއެވެ. އޭރު އޭނާ ގޮސް ފާޚާނާއަށް ވަންނަނީއެވެ. ޔަޝްމީ ހީކުރީ އެހެން ބުނުމުން ހާރޫންގެ ސަމާލުކަން ލިބޭނެ ކަމަށެވެ. ނަމަވެސް އަޅައިވެސްނުލާ ހާރޫން ވަނީ ފާޚާނާއަށެވެ. މިފަހަރު ޔަޝްމީ މާ ދެރަވެއްޖެއެވެ.

ދިހަވަރަކަށް މިނިޓްގެ ތެރޭގައި ހާރޫން ތާޒާ ވެލައިގެން ނިކުތެވެ. އޭރު ތުވާލި އޮތީ އޭނާގެ ކޮނޑުމަތީގައެވެ. ޔަޝްމީ ބަލައިލިއިރު ހާރޫން ހުރީ އޭނާ ލައިފައިވާ ދިގު ޓްރެކްސޫޓްގެ ވާފަށް އައްސާށެވެ.

" މާދަމާ ވަރަށް މައިރާ ބޯޓަށް ދާންޖެހޭނެ! އަވަހަށް ނިދާލާ!"

ތުވާލި ހަރުގައި ތުވާލި އަޅާލަމުން ހާރޫން ބުންޏެވެ. އޭރުވެސް ޔަޝްމީއަށް އިނދެވުނީ ހާރޫންގެ ރީތި ހަށިގަނޑަށް ބަލަހައްޓައިގެންނެވެ. އިތުރަށް އެއްޗެއް ނުބުނެ ހާރޫން ގޮސް އެނދުގެ އަނެއް ފަރާތުން އެރިއެވެ.

" އަހަރެންތަ ސޯފާއަށް ދާންވީ މިރޭ؟"

ޔަޝްމީ ނުގޮސް އިންނާތީ ހާރޫން އަހާލިއެވެ. އެއާއިއެކު ޔަޝްމީ އިސްޖަހާލިއެވެ. އޭނާ އިންގޮތުން ވާހަކައެއް ދައްކަން ބޭނުންވާހެން ހާރޫންއަށް ހީވިއެވެ.

"ނޫނޭ! ހާރޫންއަކީ އެހާ ދަށްފަންތީގެ މީހެއް ނޫނެއްނު"

ޔަޝްމީ މަޑުމަޑުން ބުންޏެވެ. އެއާއިއެކު ހާރޫން އެނދުގައި އޮށޯވެލުމަށްފަހު ބްލޭންކެޓްގެ ދަށަށް ފައި ކޮއްޕާލިއެވެ.

" ދެން ތިބުނަނީ ޔަޝްމީ ސޯފާގައި ނިދަނީ ދަށްފަންތި މީހަކަށް ވީމައޭތަ؟"

ހާރޫން ތެދަށް އޮވެ ބުނެލީ ޔަޝްމީއަށް ބަލައިލަމުންނެވެ.

" އަސްލު އަހަރެން ކަހަލަ މީހަކު ހާރޫންއަކާ އެކަށީގެންނެއް ނުވޭ! ކައިވެނި ކުރި އިރު އަހަންނަކަށް ނޭނގެ ހާރޫންއަކީ ތިހާ މުއްސަނދި މީހެއް ކަމެއް"

ޔަޝްމީ ވާހަކަ ދައްކަން ފެށުމުން ހާރޫން ވަރަށް ޝައުޤުވެރިވިއެވެ.

" އެކަމަކު އަހަންނަށް އެނގެޔޭ އަހަންނަކީ އަހަރެންގެ މަސައްކަތުން ކުރިއަރައިގެން ގޮސްފައިވާ މީހެއްކަން! އަހަރެންގެ އަތުގައި ލާރި ހުރިވަރުވެސް އަހަރެންގެ މުދާ އޮތްވަރުވެސް އަހަންނަށް ވަރަށް ސާފުކޮށް އެނގެޔޭ! އެކަމަކު... މި މުއްސަނދިކަމުން އަހަންނަށް ކާމިޔާބުވީ ކަމެއް ޔަޝްމީ ދައްކަބަލަ! އެންމެ ކުޑަމިނުން އަހަރެންދެކެ ލޯބިވާނެ މީހަކުވެސް ނެތް! އެކަށީގެންވާތީ އަހަރެން މެރީ ކުރީ.. އެކަމަކު ޔަޝްމީއަށް އަހަރެން ކަމުނުދިޔައީ! "

ހާރޫން މަޑުމަޑުން ބުނެލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ޔަޝްމީއަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ އިނީ ވިސްނާށެވެ.

" ފޯމު އޮންނާނެ އަލަމާރީގައި "

ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ހިނިތުންވެލިއެވެ.

" އަހަރެންގެ ފަރާތުން ޔަޝްމީއަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ މަޢާފަށް އެދެން.. ރަށަށް ދިޔުމަށްފަހު ފަހަރެއްގައި އަހަރެމެން ދެން ދިމާވެސް ނުވެދާނެ! "

އެހެން ބުނެ ހާރޫން ޔަޝްމީއަށް ބަލައިލި ވަގުތު ޔަޝްމީއަށްވެސް ހާރޫންގެ ދެލޮލަށް ބަލައިލެވުނެވެ. އޭރު ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރެއިން ޔަޝްމީގެ ލޮލުގައި ވިދަމުންދާ ކަރުނަތައް ހާރޫންއަށް ފެނުނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (32)

ސިލްސިލާ ވާހަކަ: ޝިކާޔަތު (32)

(ނިމުނީ)