" ތިއީ އަދި މަގޭ އަނތްބެއް! ބަލިވީމަ ބޭސް ދިނުމަކީވެސް މިވަގުތު މަގޭ ޒިންމާއެއް.!"
ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޝަހާނާ އަންނަތަން ފެނުނެވެ. އެހެންކަމުން ހާރޫން އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. ޔަޝްމީއާ ދިމާލަށް ބަލައިވެސްނުލައި ޝަހާނާވެސް ހާރޫންގެ ފަހަތުން ހިނގައިގަތީ ބޮޑު ކާމިޔާބެއް ލިބިގެން ދާ ފަދަ ގޮތަކަށެވެ.
***
ހާރޫން ސައިކަލްމަތީގައި އިށީނުމަށްފަހު ޕޭމަންޓްމަތީގައި ހުރި ޝަހާނާއަށް ބަލައިލިއެވެ. އޭރު ޝަހާނާގެ ނަޒަރު ހުރީ ސީދާ ހާރޫންގެ މޫނަށެވެ. ހާރޫން ސައިކަލް ސްޓާޓްކޮށްލުމާއެކު ޝަހާނާ އައިސް ފަސޭހަ ކަމާއިއެކު ހާރޫންގެ ފަހަތުގައި އިށީނދެލިއެވެ. އެހިނދު ހާރޫންގެ ގައިން ދުވި މީރުވަހުން ޝަހާނާއަށް ދެލޯ މަރާލެވުނެވެ. ސައިކަލް ދުއްވާލަމުން ހާރޫން ކުރިއަށް ޖެހިލިއެވެ. ޝަހާނާއާ އެހާ ގާތުގައި އިންނަން ހާރޫންއަށް އުނދަގޫވީއެވެ. ހެވިފައި އިނދެ ޝަހާނާ ދިޔައީ ހާރޫންގެ ގައިން ދުވާ މީރުވަހުން ހިތްހަމަ ޖައްސަމުންނެވެ.
" ކޮން ފިހާރައަކަށް ދާންވީ ؟ "
ހާރޫންގެ ސުވާލުން ޝަހާނާ ކުޑަކޮށް ވިސްނާލިއެވެ.
" ރީތިވާ އެއްޗެހި ވިއްކާ ތާކަށް"
ޝަހާނާ އެހެން ބުނެލީ ހާރޫންގެ ކަނދުރާއާ ކުޑަކޮށް މޫނު ކައިރިކޮށްލަމުންނެވެ. ހާރޫންގެ ވަރުގަދަ ހަށިގަނޑުގައި ހިފަހައްޓާލާ ހިތުން އޭނާގެ ހިތް ތެޅިފޮޅެމުން ދެއެވެ. މަގުން ދުއްވާފައިދާ އެހެން އެއްޗެއްސަށްވެސް އޭނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. އާދައިގެ ވަރަކަށް ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ކުރިމަތިން އައި ސައިކަލްގެ ދުވެލި ބާރުކޮށްލުމާއިއެކު ސިއްސައިގެން ގޮސް ހާރޫންއަށް ބުރެކި ޖެއްސުނީ ގޯޅިއެއް އަޅަމުން މަގުގެ އެއްއަރިމައްޗަށެވެ. އެއާއިއެކު ފަހަތުގައި އިން ޝަހާނާ ގޮސް ތަތްވީ ހާރޫންގެ ބުރަކަށީގައެވެ. ވަގުތުގެ ބޭނުން ހިފައި އޭނާ ހާރޫންގެ ދެއަރިކަށީގައި ހިފަހައްޓާލިއެވެ.
" ނޫން.. އަހަރެން ބިރުގަންނަނީ.. ބިރުގަންނަނީ"
ހާރޫންގެ ބުރަކަށީގައި މޫނު ޖައްސައި، ތަތްވެ ގަނެގެން އިނދެ ޝަހާނާ ކިޔަމުން ދިޔައެވެ. ޝަހާނާ ދުރުކުރަން ކިތަންމެ ބޭނުންވި ނަމަވެސް ހާރޫންއަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. އޭނާ ބުރެކި ޖައްސާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އެއްވެސް ކަމެއް ނުވެޔޭ! އިހަށް އަހަރެންގެ ގައިން ދޫކޮށްލައިފައި ހަމަޖެހިލަބަލަ!"
ހާރޫން އެހެން ބުނުމަށްފަހު ޝަހާނާގެ ދެއަތުގައި ހިފެހެއްޓީ އޭނާގެ ގައިން ދޫކުރޭތޯއެވެ.
" ޕްލީޒް ޝަހާނާ! ދުރަށް ޖެހިލަބަލަ! "
" އެކްސިޑެންޓެއް ވީތަ؟ "
ޝަހާނާ ކުޑަކޮށް ދުރުވެލަމުން އެހެން ބުނެލުމާއިއެކު ހާރޫން ވަގުތުން ސައިކަލުން ފޭބިއެވެ. އަދި ފަރާތް ފަރާތް ބަލައިލީ އޭނާ ދަންނަ އެއްވެސް މީހަކު ހުރިތޯއެވެ. އޭރު ހާރޫން ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ.
" މިހުރީވެސް އޭގެ ފިހާރައެއް! ވަދެލަންވީނު. އަހަރެން މަޑުކޮށްލާނަން"
ދެޖީބަށް އަތް ޖަހާލަމުން ހާރޫން އެހެން ބުނުމާއިއެކު ޝަހާނާވެސް ސައިކަލުން ފޭބިއެވެ.
" އަހަންނަކަށް ނުކެރޭނެ އެކަނި ވަންނާކަށް! "
ޖެހިލުންވެފައި ހުރެ ޝަހާނާ އެހެން ބުނުމުން ހާރޫން އެނބުރިލީ ފިހާރައާ ދިމާލަށެވެ.
" ހިނގާ އަހަންނާއެކު! "
އާދައިގެ ގޮތަކަށް ހާރޫން އެހެން ބުނެ ފިހާރަށް ވަނެވެ. ފަހަތުން ޝަހާނާވެސް ވަދެއްޖެއެވެ. އެފިހާރައިގައި ގިނައީ ތަފާތު ވައްތަރުތަކުގެ ސެންޓެވެ. އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ޝަހާނާ އަޖައިބު ވެފައި ހުރެ އެކި ދިމަދިމާލަށް ބަލައެވެ. ޝަހާނާއަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހާރޫން ހުރީ ސެންޓް ހަރެއްގެ ކައިރީގައެވެ.
" ޔަޝްމީއަށް ސެންޓް ހޯދަނީތަ؟ "
ޝަހާނާގެ އަޑަށް ހާރޫން ހީލިއެވެ.
" ޔަޝްމީއަށް އަހަރެން ސެންޓް ގެނެސްދެނީ ބޭރުން! "
ހާރޫން އެހެން ބުނުމުން ޝަހާނާ ދެކޮނޑު އަރުވާލުމަށްފަހު އެތަނުން ފުޅިއެއް ނެގިއެވެ.
***
އެނދުމަތީގައި އޮވެ ޔަޝްމީ ވިސްނަމުން ދިޔައެވެ. ޙަޤީޤަތުގައިވެސް ހާރޫން އޭނާދެކެ ފޫހިވީބާއޭ ހިތަށް އެރުމާއެކު ބޭއިޙްތިޔާރުގައި ޔަޝްމީއަށް ރޮވިއްޖެއެވެ. އަރިއަކަށް އޮވެ ކަރުނައިން ބާލީސް ފޯކުރަމުން ދިޔައެވެ. ހަމަ އެވަގުތެވެ. ކޮޓަރީގެ ދޮރު ހުޅުވުނެވެ. ނަމަވެސް ބިއްދޮށަށް އެނބުރި އޮތް ޔަޝްމީ ހަރަކާތެއްނެތި އޮތެވެ. އެތެރެއަށް ވަދެގެން އައި ހާރޫން ފާހާނާއަށް ވަތް އަޑަށް ޔަޝްމީ ތެދުވެއްޖެއެވެ. އަދި އަވަސް އަވަހަށް މޫނު ސާފުކޮށްލަުމަށްފަހު އެނދުގައި އިށީނދެލިއެވެ. އެއާއިއެކު ޓިޝޫއަކުން ދެއަތް ހިއްކަމުން ހާރޫން ފާޚާނާއިން ނިކުމެއްޖެއެވެ.
" މާދަމާ ހެނދުނު އެބޯޓް ފުރާ! ޔަޝްމީ ބޭނުމިއްޔާ އަހަރެން ލޯންޗެއް ހަމަޖައްސައިދީފާނަން"
ޑަސްބިނަށް ޓިޝޫކޮޅު ލުމަށްފަހު ހާރޫން އިށީނީ އެނދުމަތީގައެވެ. ނަމަވެސް ޔަޝްމީއާ ތަންކޮޅެއް ދުރުގައެވެ. އެއާއެކު ދެރަވެލާފައި ޔަޝްމީ ހާރޫންއަށް ބަލައިލިއެވެ.
" އަހަރެން ހަމަ ފޮނުވާލަނީތަ؟ "
ކުރަކިވެފައިވާ އަޑަކުން ޔަޝްމީ ސުވާލު ކުރިއެވެ. ޔަޝްމީ އެހެން ބުނުމުން ހާރޫންއަށް ފުން ނަޒަރަކުން ޔަޝްމީގެ މޫނަށް ބަލައިލެވުނެވެ. އަދި ދުލުން ދެތުންފަތް ތެންމާލަމުން އޭނާ ބޯ ޖަހާލިއެވެ.
" އެއީ ދެން އެންމެ ރަނގަޅުގޮތް! މި ކޮޓަރިތެރޭގައި އޮވެ ރުއިމަށް ވުރެ މާ އުފާވެރިވާނެ ޔަޝްމީ މައިންބަފައިންގާތަށް ދިޔައީމަ. އެމީހުންވެސް އުފާވާނީ އޭރުން"
ހާރޫންގެ ލުއި ހިނިތުންވުން ފެނި، ޔަޝްމީ އިތުރަށް ދެރަވިއެވެ. ދެމީހުންގެ ދެމެދަށް އޭރުވެސް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
" ދެން މި ގުޅުން ނިންމާލީމަ ރަނގަޅުވާނީ"
އަނެއްކާވެސް އިވުނީ ހާރޫންގެ އަޑެވެ. ޔަޝްމީއަށް ދެވަނަ ފަހަރަށްވެސް ހާރޫންއަށް ބަލައިލެވުނެވެ. އޭރު ހާރޫން އިނީ ދުރަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ޔަޝްމީއާ ކައިވެނިކުރީ ގޮތެއް ނެތިގެންނެއްނޫން. މި ދުނިޔެއިންވެސް އަހަންނަށް ލޯބި ވެވުނީ ހަމައެކަނި ޔަޝްމީދެކެ. އަހަންނަކީ ބޭނުންވާ ކޮންމެ ކަމެއް ޙާޞިލް ކުރާނެ މީހެއް. އެކަމަކު އުޅެއުޅެވެސް އަހަންނަށް ޔަޝްމީގެ ލޯބި ކާމިޔާބެއް ނުކުރެވުނު.. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އަހަރެންގެ މި އުއްމީދުތައް އިތުރަށް އާނުކޮށް ދެން ދެމީހުން ދުރުވިއްޔާ"
ހާރޫން ވާހަކަ ދެއްކީ ލަސްލަހުންނެވެ. މާޔޫސްވެފައި އިނދެއެވެ. އޭނާގެ އަޑުގައިވެސް ވަނީ މޮޅިވެރިކަމެވެ. އެހެން އިނދެ ހާރޫން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އެއާއެކު ހިފެހެއްޓުމެއްނެތި ޔަޝްމީގެ ދެލޮލުން ކަރުނަ ފައިބަމުންދާތަން ހާރޫންއަށް ފެނުނެވެ.
" އަބަދު ތިހެން ހިތާމަ ކުރާތީ އަހަރެންވެސް ދެރަވޭ! އިރާދަކުރެއްވިއްޔަ އަހަރެންގެ ސަބަބުން ދެން ޔަޝްމީ ތިހެން ރޯކަށް ނުޖެހޭނެ.. ރަށަށް ދެވުނީމަ ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިދާނެ"
އިތުރަށް މަޑުނުކޮށް ހާރޫން ތެދުވެއްޖެއެވެ. އަދި ފުރަގަސްދީގެން ހުރެ އަނެއްކާވެސް ބުނެލިއެވެ.
" އަހަރެންގެ ސަބަބުން ޔަޝްމީ އުފުލި ހިތާމައާއިމެދު އަހަރެން ކަންބޮޑުވޭ! އަހަންނަށް މަޢާފްކުރާނެ ކަމަށް ހީކުރަން"
އެހިސާބަށް ވާހަކަ ދިޔުމާއެކު ޔަޝްމީއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ ފުންމައިގެން ތެދުވެ ގޮސް ހުއްޓުނީ ހާރޫންގެ ފުރަގަހުގައެވެ. އޭރުވެސް އޭނާއަށް ރޮވެނީއެވެ.
" މަޢާފޭ؟ "
ޔަޝްމީގެ އަޑަށް ހާރޫން އަވަސް އަވަހަށް ބަލައިލިއެވެ.
" ހާރޫން ބޭނުންހާ ގޮތެއް އަހަންނަށް ތި ހަދަނީ ކީއްވެ؟ ރަށުގައި އުޅެނިކޮށް އަހަރެން ފެނުނީމަ އަހަރެންދެކެ ލޯބިވީ. ދެން އަހަރެންގެ މައިންބަފައިންނަށް ލާރިކޮޅެއްދީ އެމީހުންގެ ހިތް ލަންބުވާލީ! އެއަށްފަހު އަހަންނާ އިނދެގެން މާލެ ގެނެސް، އެތައް ދުވަހެއް ވަންދެން މި ގަނޑުވަރުގެ ތެރޭގައި ބައިންދަ ބައިންދާފައި މިހާރު ތި ބުނަނީ ދާށޭ ރަށަށް! ބޭނުންވީމަ އިނދެލާފައި ބޭނުންވީމަ ދޫކޮށްލަން އަހަންނަކީ އެއްވެސް އަގެއް ހުރި މީހެއް ނޫންކަމަށްތަ ހާރޫން ހީކުރީ؟ ދެން ތި އެދެނީ މަޢާފަށް؟ ބަލަ މަޢާފަކީ އެންމެ ލަފްޒެއް! މަޢާފަކުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ! ކޮބާ އަހަރެންގެ ޙަޔާތުން ބޭކާރު ވެގެން ދިޔަ ދުވަސްތައް؟ ނަފްސާނީގޮތުން އަހަންނަށް ކުރި އަސަރުތަކުގެ ބަދަލް ހާރޫންއަށް ދެވިދާނެތަ؟ ނުދެވޭނެ! "
ރުޅިވެރި ރާގަކަށް އޭނާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އޭނާގެ މޫނުމަތީގައިވަނީ އެހެން ވާހަކައެކެވެ. އެ ދެލޮލުން ހާރޫންއަށް ފެންނަނީ މުޅީން ތަފާތު އެއްޗެކެވެ. އެއަޑުގައިވަނީ ވޭނީ އަސަރެކެވެ. މާބާރަށް ވާހަކަ ދެއްކުމުގެ ސަބަބުން ވަރުބަލިކަމާއިއެކު މާނޭވާ ލައިލައި ޔަޝްމީ ހުރީ ސީދާ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އެހެން ނޫނަސް އަހަރެން ހާރޫންދެކެ ލޯތްބެއް ނުވޭ!"
ޔަޝްމީގެ ޖުމްލަ މެދުކެނޑުނީ ކުރިމަތީގައި ހުރި ހާރޫން ކުއްލިއަކަށް އޭނާގެ އުނަގަނޑުގައި ހިފައި ދަމާލުމުންނެވެ. އެއާއިއެކު ޔަޝްމީއަށް ހާރޫންގެ މޭމަތީގައި އަތް ވިއްދާލެވުނެވެ. އެއްއަތް ޖީބަށް ޖަހާލައިގެން ހުރެ އަނެއް އަތުން ޔަޝްމީގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރި ހާރޫންގެ ދެލޮލަށް ޔަޝްމީއަށް ބަލައިލެވުނެވެ.
" އެނގޭތަ؟ އާޕް މުޖޭ އައްޗޭ ލަގްނޭ ލަގޭ ގެ މާނަ؟ ތަންކޮޅެއް ކުރިން އަހަރެން ބުނީމެއްނު! ހަނދާން ހުންނާނެ! އޭގެ މާނަ ބުނެދީބަލަ "
ހާރޫން ވާހަކަ ދެއްކީ ލަސްލަހުންނެވެ. އެއާއިއެކު ޔަޝްމީގެ ދެތުންފަތް ތުރުތުރުއަޅައިގަތެވެ.
" އަހަންނަށް ކަލާ ކަމުދާން ފަށައިފިއޭ "
ޔަޝްމީއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އެހިނދު ހާރޫންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.
" އެއީ ދޮގެއްތަ؟ "
ހާރޫން އެހެން އަހާލުމާއިއެކު ޔަޝްމީއަށް ތެޅިގަނެވުނެވެ. އަދި ހާރޫންއާ ދުރަށް ޖެހިލިއެވެ. އޭރު ހާރޫން ހުރީ މާނަފުން ބެލުމަކުންް ޔަޝްމީއަށް ބަލާށެވެ.
" އެއީ ދޮގެއް! "
އެއްބަސްވާކަށް ޔަޝްމީ ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް އޭނާ ހިނގާފައި ގޮސް އަލަމާރި ކައިރީ ހުއްޓި، އޭނާގެ ހުރިހާ ހެދުމެއް ނެގިއެވެ. އަދި ފޮށި ހިފައިގެން އައިސް ފަރުވާ ކުޑަ ގޮތަކަށް ހެދުންތައް ފޮށީގެ ތެރެއަށް އަޅަންފެށިއެވެ. އެނާގެ ހަރަކާތްތައް އެހާމެ އަވަހެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ހާރޫންއަށް އިތުރަށް ހެވުނެވެ. އޭނާ އިތުރަށް މަޑުނުކޮށް ނިކުމެގެން ދިޔުމާއިއެކު ޔަޝްމީގެ ހަރަކާތްތައް ހުއްޓުނެވެ. އަތުގައި އޮތް ހެދުން ދުރަށް ހޫރައިވެސް ލެވުނެވެ. އޭރު ދެންމެ ހިނގާދިޔަ ކަންތައް އޭނާގެ ލޯމަތިން ސިފަވާން ފެށިއެވެ. އޭރު އޭނާގެ ތުންފަތުގައިވެސް އާއުއްމީދެއްގެ ހިނިތުންވުމެއް ކުޅެލިއެވެ.
***
ފޮއްޓަށް އެއްޗެހި އެޅުމަށްފަހު ޝަހާނާ އެނދުގައި އިށީނދެލީ ފޫހިކަމާއިއެކުއެވެ. އޭރު ފަސްވަނަ ފަހަރަށް ޖާވިދް ގުޅަމުންދެއެވެ.
" އަހަރެން މިއުޅެނީ ފޮއްޓަށް އެއްޗެހި އަޅާށޭ! ކިހިނެއްވެގެންތަ އެހާ ވަރަކަށް ތި ގުޅަނީ؟"
ޝަހާނާ ރުންކުރު ގޮތަކަށް ބުންޏެވެ.
" އައްދެ! އަހަރެންގެ އަންހެނުން ހާދަ އަވަހަކަށް ރުޅި އައީ؟ މިއަދު އެއްވެސް ވަރަކަށް ނުގުޅާތީވެ ކަންބޮޑުވާނެތާދޯ! އަލަށް ވިއްޔަ މާލެ ދިޔައީ"
ޝަހާނާގެ މޫޑު ބަދަލުވޭތޯ ޖާވިދް ވާހަކަ ދެއްކީ ނުހަނު މަޖާ ރާގަކަށެވެ. ނަމަވެސް ޝަހާނާގާތަށް އިތުރަށް ރުޅިއައެވެ.
" ޖާވިދް ތީ ދެން ކޮންކަމެއް؟ އަހަރެން އަލަށް މާލެ އައްޔޭ ކިޔައިގެން އަބަދު އަހަންނާ ދިމާކުރުން ނޫން ކަމެއް ޖާވިދް ނުކުރޭ! އޮފީސް ކަމަކު ޖާވިދް އަލަށް މާލެ އައިސް ރަށަށް ދިޔައީމަ އަހަރެން ތިފާޑަށް މަލާމާތް ކުރިތަ؟ "
ޝަހާނާގެ ޖުމްލައިން ޖާވިދް އަނެއްކާވެސް ފެށީ ހޭށެވެ.
" އަޅެ! ރުޅި އައީތަ؟ މިހާރު ދުރުގައި އުޅޭތާ މާ ދުވަސްވީއޭ! ދެން އަވަހަށް އާދޭ! "
" އަހަރެން ނުވޭ ދާހިތެއް.."
ޝަހާނާ ބާރުބާރަށް ބުނެލިއެެވެ. އެއާއިއެކު ޖާވިދް ޗޮކެއް ކަނޑާލި އަޑު އިވުނެވެ.
" ތީ ހަމަ ބުނާއެއްޗެއް! ޝަހާއަށް އަހަންނާ ނުލައި ނޫޅެވޭނެ.. "
ޖާވިދްގެ ޖުމްލައަށް ޝަހާނާ އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ޖާވިދެވެ.
" މަގޭ އަންހެނުން ރުޅި އަރުވައިލެވުނީތީ ސޮރީ! ސޮރީ"
" ހޫމް.. ދެން ހެވޭ! ބާއްވަނީ"
ފޫހިކަމާއިއެކު ޝަހާނާ އެހެން ބުނުމަށްފަހު ފޯނު ކަނޑާލީ ޖާވިދަށް އަނގައިން ބުނެލަން އިތުރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލި އަޑަށް އޭނާ ބާރުބާރަށް ގޮސް ދޮރު ހުޅުވިއެވެ. ހަމައެހިނދު ޔަޝްމީ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. އަދި ޝަހާނާއަށް އެއްވެސް ސަމާލުކަމެއް ނުދީގޮސް ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުތައް ދަމަން ފެށިއެވެ. ބާރުބާރަށެވެ. ދެން އޭނާ ހުޅުވާލީ ވަކިން ހުރި ކުޑަ ކަބަޑެކެވެ. އޭރު ޔަޝްމީގެ އަވަސް ހަރަކާތްތަކާއިއެކު އޭނާ ވަރަށް ބޮޑަށް ހާސްވެފައިވާކަންވެސް ޝަހާނާއަށް ފާހަގަ ކުރެވުނެވެ.
" ތި ހޯދަނީ މިތަ؟ "
އަލަމާރިން ވަރީގެ ފޯމް ނަގައި ޝަހާނާ އަހާލުމުން ޔަޝްމީ ދިޔައީ ސިހިގެންނެވެ. ޝަހާނާއަށް އެ ފޯމް ފެނުމުން ޔަޝްމީ އިންތިހާއަށް ކަންބޮޑު ވެއްޖެއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (31)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!