ނިގާބް އަޅާ މީހުންނަށް ތަޢުލީމް ޙާޞިލުކުރުމަށް ހުރަސްއެޅޭގޮތަށް އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާ އަދާނުކުރެވޭނޭ ގޮތަށް ގަވާއިދުތައް ހެދިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އޭނާ ވިދާޅުވީ ނިގާބް އަޅާ އަންހެނުންނަކީ މި ސަރުކާރުން މާ ބިރުހީވާ ބައެއް ކަމަށެވެ.

ނިގާބު އެޅުމަކީ މިއަދު ރާއްޖޭގައި ގަބޫލުކޮށް ހުއްދަކޮށްފައިވާ ހެދުން އެޅުމުގެ މިންގަނޑެއްކަން ފާހަގަކުރައްވާ، ނާޒިމް ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމް ހާސިލުކުރާ އަދި ވަޒީފާ އަދާކުރާ އަންހެން ކުދިންގެ ތެރޭގައި ނިގާބް އަޅާ ކުދިން މަދު ނޫން ކަމަށެވެ. އަދި އެމީހުންނަކީ އެމީހުންގެ ވަޒީފާގެ މާޙައުލުގައި އިހްތިރާމް ލިބިގެންވާ، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ މަސައްކަތްކުރާ ބައެއް ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން، ދިވެހިރާއްޖެއިން ޓެރަރިޒަމާއި އަދި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ. ދިވެހިރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރީ އަޅުގަނޑު. އެހެނަސް އެކަން ކުރަންޖެހޭނި ވަކި ހަމައެއްގެ މަތިން." ނާޒިމް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ހަރުކަށި ފިކުރުގެ ވިސްނުމުގައި އަންހެނުން ތައުލީމް ޙާޞިލުކުރުމާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެހެންކަމުން އަންހެން ކުދިންގެ ތެރެއިން، ނިގާބް އަޅާކުދިންނަށް ތައުލީމް ހާސިލުކުރުމަށް ހުރަސްއެޅޭގޮތަށް އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާ އަދާނުކުރެވޭނޭ ގޮތަށް ގަވާއިދުތައް ހެދިގެން ނުވާނެ ކަމަށެވެ.

އެފަދަ ކަންކަމުން މިފަދަ އަންހެނުންކުދިންނާއި އަންހެނުން ބާކީވެ، ވަންނަންޖެހޭނީ ގެއަށް ކަމަށާއި އެފަދަ ކަންކަމުން މަހުރޫމް ކުރީމާ ފިކުރު ވަކި ހަރުކަށިކަމާ ދުރަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ނިގާބް އަޅާ އަންހެނުންނަށް ވަޒީފާ އަށް ނުދެވި އެކަހެރި ކުރުމަކި، ހަމަހަމަކަމެއްނެތް، ހަމައެކަނި އަންހެނުންނަށް ޓާގެޓްކުރާ ބޯދާ ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމީހުން ގާނޫނާ ޚިލާފުކަމެއް ކުރާނަމަ އެކަން އެމްއެންޕީން ހުއްޓުވާނެ ކަމަށާއި އެކަމަކު ހެދުން އެޅުމުގެ ގޮތުން އެކަނި، އެކަހެރިކުރެވިގެން ނުވާނެ ކަމަށެވެ.

މިޒަމާނުގައި އަންހެނުންގެ އައިޑެންޓިފިކޭޝަނަކީ މައްސަލައަކަށްވާނަމަ، އެކަން ހައްލުކުރެވޭނެ ގޮތްގޮތް ހުންނާނެ ކަމަށާއި ކްލާސްރޫމްގައި ކިޔަވައިދެވޭނޭ އެހެން ގޮތްގޮތްވެސް ހަމަޖެއްސޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހަމައެކަނި އަންހެންކުދިންގެ ކްލާސްތަކަށް ކިޔަވާދިނުން ވަނީ މިސާލަކަށް ނަންގަވާފައެވެ.