މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން ވިދާޅުވީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 12 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށެވެ.
މި އިނާމަށް މި ހުށަހެޅުން ލިބިފައިވަނީ އިނާމަށް އެދި ހުށަހެޅުމަށް ހުޅުވާލި ތިން ވަނަ ފުރުސަތުގައެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ ޖުލައި 2 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ، އިނާމަށް ނަން ހުށަހެލުމުގެ މުއްދަތު ޖުލައި 23 ވީ އާދީއްތަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ވަނީ އިތުރުކޮށްފައިވާ ކަމަށެވެ.
12 ދާއިރާއަކުން 63 ހުށަހެޅުން ލިބިފައި މިވަނީ ފަހުން މުއްދަތު އިތުރުކުރުމާއި ގުޅިގެންނެވެ.
މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުން ހިމެނެ އެވެ. އަދި ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނެއެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ވަނީ ބަޔާންކޮށްފައެވެ.
އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތައް، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާން" އާއެކު ވަނީ އާންކޮށްފައެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އަދި ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކަށެވެ.
އޭގެ ތެރޭގައި ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހިމެނެއެވެ. އަދި ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް ވެސް ހިމެނެއެވެ.
މީގެ އިތުރުން ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އާއި ފީޗަރ ރިޕޯޓާއި އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!