އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ލިވަޕޫލުން ސިންގަޕޫރަށް ކުރަމުން އަންނަ ދަތުރުގައި، މިއަދު ލެސްޓާ ސިޓީއާއި ކުޅުނު އެކުވެރިކަމުގެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ.
ލިވަޕޫލުގެ ކޯޗް ޔާގެން ކްލޮޕް ވަނީ މި ޓްރާންސްފާ މާކެޓްގައި ލިވަޕޫލާއި ގުޅުނު މެކް އަލިސްޓާއަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. މީގެއިތުރުން މި ޓްރާންސްފާގައި އާރުބީ ލައިޕްޒިގުން ލިވަޕޫލާއި ގުޅުނު ހަންގޭރީގެ ޒުވާން މިޑްފީލްޑަރ ޑޮމިނިކް ޒޮބޮސްލާއީ ވެސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
ލިވަޕޫލުން މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ތިން ލަނޑު ޖަހާފައެވެ ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑާވިން ނުނޭޒްއެވެ. ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބޮބީ ކްލާކް ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި މަޓިޕް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ޖޮޓާއެވެ.
ލިވަޕޫލުގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެން ޑޯކް އެވެ. މި މެޗުގައި ލެސްޓާއަށް ސުން ކަނޑާލަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އެ ޓީމްގެ ފޯވާޑް ޑަކާއަށެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން އޭނާއަށް ނުހިފުނެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން އަދި ދެ މެޗު ކުޅޭނެއެވެ. އަންނަ މަހު ދެވަނަ ދުވަހު ލިވަޕޫލު ބައްދަލުކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!