މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ލަދުގަންނަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބުގެ ކެމްޕެއިން ހަރަކާތުގައި އައްޑޫ ސިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މިއަހަރު ބާއްވާ އިންތިހާބާއި ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
އެގޮތުން 2018 ވަނަ އަހަރުގެ އިންތިހާބަށް ދިޔައިރު، ހެޔޮ ހާލުގައި ސަލާމަތުން ޖަލުން ވީއްލި، އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހަރު އެކަން ވަނީ މުޅިން ބަދަލުވެފައި ކަމަށާއި ހުރިހައި ރިޔާސީ ކެންޑިޑޭޓުން އެބަތިބި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީ ބައިބައިވެ، ނިކަމެތިވެގެން ދިޔައީ މިދިޔަ ފަސް އަހަރު، ރައީސް ސާލިހު އަމަލު ކުރެއްވި ގޮތުން ކަމަށާއި އެމްޑީޕީގެ ޖޯޝާއި ރޫހު މިހާރު ފެންނަނީ ޑިމޮކްރެޓްސް ޕާޓީގެ ތެރެއިން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެންމެހައި ބޭފުޅުންގެ ގަދަ ހިތްވަރާއި މަސައްކަތުން، ދުރު ވިސްނުމުން މިކަން ކާމިޔާބު ކުރެވޭނެ ކަމަށާއި އެމްޑީޕީއަށް ލިބެން ހުރި ވޯޓު މިހާރު މަދުކަމަށެވެ. އަދި މިފަހަރު އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރައީސް ސާލިހަށް ދިމާވެފައި ވަނީ ކުރީގެ ރައީސް ޑރ، މުހައްމަދު ވަހީދުގެ ދަތުރު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މި އިންތިހާބުގެ ދެވަނަ ބުރަކަށް ދާނަމަ، އެ ބުރުގައި "ދަ ޑިމޮކްރެޓްސް" ގެ ކެންޑިޑޭޓް އިލްޔާސްގެ ނަން އޮންނާނެ ކަމަށާއި އިލްޔާސް، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!