މިއަދު ކުރިއަށް ދިޔަ ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ.
މި ޕްރައިމަރީގައި ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ.
ޕްރައިމަރީއަށް ފަހު ދަ ޑިމޮކްރެޓްސް އިން މިރޭ ޢާންމު ކުރި ވަގުތީ ނަތީޖާގައިވާ ގޮތުން އެ ޕާޓީގެ 3203 މެންބަރަކު މިއަދުގެ ޕްރައިމަރީގައި ވަނީ ވޯޓު ލާފައެވެ.
މިއަދުގެ ވޯޓުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް އިލްޔާސް ހަމަޖައްސަން ފެންނަކަމަށް 3041 މެންބަރަކު ވަނީ ވޯޓު ދީފައެވެ. ނުފެންނަ ކަމަށް 153 މެންބަރަކު ވޯޓު ދިނެވެ. އަދި 9 ވޯޓެއް ވަނީ ބާތިލުވެފައެވެ.
ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ޕާޓީ ހިމަނާފައިވަނީ މި ޖުލައި މަހުގެ 12 ގައެވެ. މި ޕާޓީއަކީ ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދާފައިވާ ޕާޓީއެކެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!