އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެމެރިކާގައި ކޭމްޕް ކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ކުޅުނު އެކުވެރިކަމުގެ މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ.

މި މެޗުގައި ރެއާލުން މި ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެންދިޔަ ޒުވާން މިޑްފީލްޑރ ޖޫޑް ބެލިންހަމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ އޭނާއެވެ.

Ad
rt

ރެއާލުން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި، ރުޑިގާ ރެއާލުގެ ފަހަތުން ކުޅުނު ދިގު ބޯޅައަކުން ތަނަވަސްވީ ފުރުޞަތުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެލިންހަމްއެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޔުނައިޓެޑްގެ ކީޕަރު އޮނާނާގެ އެ ބޯޅަ ދިފާއުކުރަން ނުކުތްވަގުތު ބެލިންހަމް ވަނީ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ޗިޕް ކޮށްލާފައެވެ. މިއީ ބެލިންހަމް ރެއާލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މި ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑާއި ގުޅުނު ކެމަރޫން ކީޕަރު އޮނާނާއަށް ކޯޗް ޓެންހާގް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. މިއީ އޭނާ ވެސް ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗެވެ.

ރެއާލުން މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ލޫކަސް ވަޒްކޭޒް ޔުނައިޓެޑްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބައިސްކަލް ކިކަކުން ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ މި ޓްރާންސްފާގައި ރެއާލާއި ގުޅުނު ފޯވާޑް ހޯސެލޫއެވެ.

މިއީ ޕްރީ ސީޒަންގައި ރެއާލުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރެއާލުން ވަނީ އޭސީ މިލާން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފައެވެ.