މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ފާހަގަ ކުރެއްވީ މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރުކަމަށެވެ. އަދި މިފަސް އަހަރަކީ، ސިޔާސީ މިނިވަންކަމާއި، ދާހިލީ އަދި ހާރިޖީ މިނިވަންކަން އެންމެ ފުޅާކޮށް ލިބިދިން ފަސް އަހަރު ކަމަށެވެ.

މީގެ އިތުރުން ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު ކަމުގައި ވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

މިނިވަންކަމުގެ ހަގީގީ އުފަލަކީ އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާއި ދެމެދުގައި އޮތް ރަހުމަތްތެރި ބަދަހި ގުޅުން ކަމަށާއި އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް ދިރުން ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ، އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ކުރިމަގުގައި ވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި ރާއްޖޭގެ ގަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.