ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ދައުރުވަމުންދާ ޚަބަރާއި ގުޅިގެންނެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ބުނީ ރަނިންގ މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރެއް ކަމަށެވެ. އެހެންނަމަވެސް، ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ޔާމީން، ލީޑަރޝިޕްގައި އެދިވަޑައިންފައިވާ ކަމަށެވެ.
އެ ކޯލިޝަނުން އިތުރަށް ބުނީ ރަނިންގމޭޓު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހުތިޔާރަކަށް ވާތީ، ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ހިޔާރު ކުރެއްވުމަށް ދަންނަވަން ލީޑަރޝިޕްގެ އިއްތިފާގުން މިރޭ ނިންމާފައިވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޔާމީނުގެ އިތުރުން މިހާރުގެ ރައީސް ސާލިހާއި އެމްއެންޕީގެ ފަރާތުން ނާޒިމާއި ޖޭޕީގެ ފަރާތުން ގާސިމް އިބްރާހިމް އަދި "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެހެންނަމަވެސް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓަށް ތާއީދު އޮތް ތޯ ބެލުމަށް ބާއްވާ ޕްރައިމަރީ މި ޖުލައި މަހުގެ 28 ވަނަ ދުވަހު އޮންނާނެއެވެ. އެ ޕާޓީން އެ ދުވަހު ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލެއްވީ އިލްޔާސް އެކަނި ކަމަށްވާތީއެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާދަކުރައްވަން ނިންމަވައި، ކެމްޕެއިން ފައްޓަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!