ކުރީގެ ޢަދާއިގުޅޭ،

" އަޅުގަނޑުގެ މި ރެސްޓޯރެންޓް، ނަރީސްޓޭސްޓް ހުޅުވުމުގެ އުފަލުގައި ތިޔަ އެންމެ ބޭފުޅުން ބައިވެރިވެދެއްވީތީ ޝުކުރު ދަންނަވަން! މި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްޓަކައި، އިތާމޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ އޯނަރ ހާރޫން އަޙުމަދު އަޅުގަނޑުމެންގެ މި ދަޢުވަތު ޤަބޫލު ކުރައްވައި ވަޑައިގެންދެއްވީތީ އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމްގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން.."

Ad
rt

ފައިސަލްގެ އެ ޖުމްލައިން ހައިރާންކަމާއިއެކު ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އޭރު ހެވިފައި ހާރޫން ފައިސަލްއަށް ބަލަހައްޓައިގެން އިނެވެ. ފައިސަލް ވާހަކަ ދައްކައި ނިމުމުން ހާރޫން ކުޑަކޮށް ބޯ ތިރިކޮށްލަމުން އޭނާއަށް ޝުކުރު އަދާކުރިކަން ހާމަކޮށްލީވެސް ހިނިތުންވެ އިނދެއެވެ.

އެންމެންނަށް ކެއުމަށް ދަޢުވަތު ދެމުން ފައިސަލް މައިކް ބޭއްވުމާއެކު ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އެވަގުތު އަވަސް އަވަހަށް ޔަޝްމީ އިސްޖަހާލި އިރު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއްވާކަން ހާރޫންއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ހާރޫންއަށްވެސް ހިނިތުންވެލެވުނެވެ. އިރުކޮޅަކު ޔަޝްމީއަށް ބަލަހައްޓައިގެން އިނދެލުމަށްފަހު ހާރޫން ބަލައިލީ ވަށައިގެން އުޅޭ މީހުންނަށެވެ. އޭރު ކާއެއްޗެހި މޭޒުމަތަކަށް އެރުވުމުގައި ވެއިޓަރުން ހޭލަމޭލަވެ އުޅެއެވެ. ދުރުގައި ހުރި މޭޒެއްގައި ތަފާތު ވައްތަރު ތަކުގެ ބޯއެއްޗެހި އަތުރާލާފައި ހުރިތަން ފެނުމުން ހާރޫން ތެދުވިއެވެ.

" އަހަރެން އެބަ އަންނަން ޑްރިންކްސް ނަގައިގެން"

އެ ޖުމްލައާއިއެކު ޔަޝްމީވެސް ތެދުވިއެވެ. އަދި އޭނާވެސް ދާން ބޭނުންވާކަމުގައި ބުންޏެވެ. ހިނިތުންވެ ހުރެ ހާރޫން އައުމަށް އެދުނީ ބޮލުގެ އިޝާރާތުންނެވެ. ހާރޫންގެ ފަހަތުން ޔަޝްމީ ހިނގައިގަތީ ނުހަނު މަޑުމަޑުންނެވެ.

" ހެލޯވް މިސްޓަރ ހާރޫން.. ގުޑް އިވްނިންގ"

ހާރޫންއާ ސަލާމްކޮށްލުމަށް އަތް އުފުލާލަމުން މީހަކު ވާހަކަ ދެއްކި އަޑަށް ޔަޝްމީއަށް ބަލައިލެވުނެވެ.

" ކަންތައްތައް ކިހިނެއްތޯ؟ "

އޭނާ ހާރޫންއާ ސުވާލުކުރިއެވެ.

" ރަނގަޅު އަލްޙަމްދުލިﷲ! ރާފިޔު ކިހިނެއްތޯ؟ "

އޭރު ޔަޝްމީ ހުރީ ހާރޫންގެ ފުރަގަހުގައި ކުޑަކޮށް ނިވާވެގެންނެވެ. ނަމަވެސް އެމީހާ ބޯ އަރިކޮށްލާފައި ޔަޝްމީއަށް ބަލައިލީ ހިނިތުންވަމުންނެވެ.

" ވަރަށް ރަނގަޅު.. ހެލޯވް މެޑަމް! "

ރާފިޔު ނިތްއަރުވާލަމުން ބުނެލިއެވެ. ރައްދުގައި ޔަޝްމީ ހިނިތުންވުމަކުން ފުއްދާލީއެވެ.

" އަޅުގަނޑު އަޑުއެހިން އިތުރު ރިސޯޓެއްގެ ބިޑް ކާމިޔާބު ކުރެއްވި ވާހަކަ.. ވަރަށް ބޮޑަށް މަރުޙަބާ! "

ރާފިޔު މަރުޙަބާ ކިޔުމުން ހާރޫން ހިނިތުންވެލިއެވެ. ރާފިޔު ދިޔުމާއިއެކު ހާރޫން ހިނގައިގަތީ ޔަޝްމީއަށް ބަލައިލަމުންނެވެ. އެއާއިއެކު އަވަސް އަވަހަށް ޔަޝްމީ ހިނިތުންވެލީ ލަދުންނެވެ.

***

ކާރުގައި އެނބުރި ގެއަށް ދިޔައިރުގައިވެސް ޔަޝްމީ ހާރޫންގެ މޫނަކަށް ނުބަލައެވެ. އޭނާ އިނީ ކާރުގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ކާރުތެރޭގައިވެސް ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

" ޑްރައިވަރ! ރަސްފަންނު ސަރަޙައްދުގައި ކާރު މަޑުކޮށްލަދީ! "

މަޑުމައިތިރި ރާގެއްގައި ހާރޫން އެހެން ބުނުމުން ޔަޝްމީ ހާރޫންގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ހާރޫން އޭރު އިނީ ސީދާ ކުރިއަށް ބަލަހައްޓައިގެންނެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ހާރޫންގެ އެދުމަށް ޑްރައިވަރ މިސްރާބު ބަދަލުކޮށް، ރަސްފަންނު ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އެއާއިއެކު ހާރޫން އަވަސް އަވަހަށް ކާރުން ފޭބިއެވެ. އޭނާ ކުރަން އެއުޅޭ ކަމެއް ނޭނގޭ ޙާލު ކާރު ތެރޭގައި އިން ޔަޝްމީ ސިހުނީ ކުއްލިއަކަށް ހާރޫން ކާރުގެ ދޮރުފަތް ހުޅުވާލުމުންނެވެ. ސުވާލުގެ ނަޒަރަކުން ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އެއާއިއެކު ހިނިތުންވެ ހުރެ އޭނާ ޔަޝްމީގާތު ކާރުން ފޭބުމަށް އެދުނެވެ.

" ކީއްކުރަން މިތަނަށް؟ "

ބޭއިޙްތިޔާރުގައި ޔަޝްމީއަށް އަހައިލެވުނެވެ. އެއާއިއެކު ހާރޫން ހީލަމުން މޫދާއި ދިމާލަށް ބަލައިލިއެވެ. އޭރު އެ ސަރަހައްދުގައި މީހުން މަދުކަމުން ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.

" ތާޒާ ވައިގެ ތެރޭގައި ކުޑަ އިރުކޮޅަކު މަޑުކޮށްލިޔަސް ހަށިގަނޑަށް އަރާމުވެފައި ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެ!"

ކުރިއަށް ހިނގައިގަންނަމުން ހާރޫން ބުނެލިއެވެ. އެހެންކަމުން އޭނާ އެތަނަށް އެއައީ ހިތްހަމަޖައްސާލަންކަން ޔަޝްމީއަށް އެނގުނެވެ. ހާރޫންއާ އެއްހަމައެއްގައި ޔަޝްމީވެސް ހިނގަމުން ދިޔައެވެ. ލަސް ފިޔަވަޅުތަކެއްގައި ދެމީހުން ގޮސް ފޭބީ ދޮންވެލި ފަސްގަނޑަށެވެ. ހާރޫން ގޮސް ހުއްޓިލީ މޫދާއި ނުހަނު ކައިރީގައެވެ. ޔަޝްމީ މަޑުކޮށްލީ ހާރޫންއަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. ޖެހެމުންދާ ތެތް ފިނި ވައިރޯޅިތަކުން ހަށިގަނޑަށް ފިނިކަން ލިބެމުންދާކަން އެވަގުތު ޔަޝްމީއަށް އިޙްސާސްކުރެވުނެވެ. ސާދަވިލޭރޭގެ ބޮޑު ހަނދުން ތަނަށް އިތުރު ފުރިހަމަކަމެއްވެސް މިރޭ ގެނެސްދޭ ކަހަލައެވެ.

" އަހަންނާ އެއްވެސް ސުވާލެއް ކުރަން ބޭނުންތަ؟ "

ދެޖީބަށް އަތް ޖަހާލައިގެން ދުރަށް ބަލަހައްޓައިގެން ހުރި ހާރޫންގެ އަަޑަށް ޔަޝްމީ ކުޑަކޮށް ސިހުނެވެ.

" ނޫ.. ނޫން! "

އެއާއިއެކު އޭނާއަށް އަވަސް އަވަހަށް ދެފަރާތަށް ބޯވެސް ހޫރާލެވުނެވެ. ޔަޝްމީ ނޫނެކޭ ބުނެލި ގޮތުން ހާރޫންއަށް ހެވުނުކަން ޔަޝްމީއަށް އެނގުނެވެ.

" އެހެންތަ؟ އަހަރެން ހީކުރީ އަހަންނަކީ ކާކުކަން އެނގެން ބޭނުންވާނެ ކަމަށް "

ފަހަތަށް އެނބުރި ހާރޫން އެހެން ބުނުމުން ޔަޝްމީ ކުރިއަށް ޖެހިލިއެވެ. އަދި ދެއަތް އުރާލަމުން ހާރޫންގެ މޫނަށް ބަލައިލިއެވެ.

" އަހަންނަށް ހާރޫންއާ ބެހޭގޮތުން އެނގެނީ ކޯއްޗެއް؟ އެއްވެސް އެއްޗެއް ނޭނގެ! އަހަންނަށް އެނގެނީ ހަމައެކަނި ނަން.. އެވަރުން ފުދިގެން އަހަރެން މި އިންނަނީ ހާރޫންގެ އަނތްބަކަށްވީތީ.. "

ޔަޝްމީ ވާހަކަ ދެއްކީ އަސަރާއެކުއެވެ. އޭރުވެސް ހާރޫން ދިޔައީ ފުންނަޒަރަކުން ޔަޝްމީގެ މޫނަށް ބަލަމުންނެވެ.

" އަހަރެން އެއްވެސް ކަމެއް ޔަޝްމީއަށް އޮޅުވާލާކަށް ބޭނުމެއް ނޫން.. އެކަމަކު.. ކައިވެންޏަށްފަހުގައިވެސް ޔަޝްމީއަށް އެއްވެސް އެއްޗެއް ކިޔައިދޭނެ ފުރުޞަތެއް ނުދެމެއްނު"

ހާރޫން ބުންޏެވެ. ރައްދުގައި ޔަޝްމީ އިސްކުރީ ހަމަހިމޭންކަމެވެ. އެހެންކަމުން އަނެއްކާވެސް ވާހަކަ ދެއްކީ ހާރޫންއެވެ.

" އަހަރެން ތި ރަށަށް ގޮސް އުޅުނީ މިސްކިތެއް ބިނާ ކުރުމުގައި! ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކޮންމެވެސް ރަށެއްގައި މިސްކިތެއް ބިނާކުރުމަކީ އަހަރެންގެ ޢަޒުމެއް.. ޔަޝްމީގެ ބައްޕައަށް ފައިސާ ދިނީ ހަމަ އެ އުސޫލުން އެއިރެއްގައި އެންމެ ބޭނުން ޖެހިފައިވާ މީހަކަށް ދޭން އަހަރެންގެ ބައްޕަ އަހަންނަށް ޙަވާލްކޮށްފައިވާ ފައިސާއިން... ބައްޔެއްވިޔަސް، ދައްޗެއް ވިޔަސް އަހަންނަށް އެކަމުގެ ޚަބަރު ލިބޭ ހިސާބުން އެމީހަކަށް އެ ފައިސާ ދިނުމަށް ބައްޕަ އޮތީ ބުނެފައި.."

ހާރޫން އެހެން ބުނުމުން ޔަޝްމީއަށް ބޭއިހްތިޔާރުގައި ހާރޫންއަށް ބަލައިލެވުނެވެ.

" ޔަޝްމީ ހީކޮށްފާނެ އަހަރެން އެގޮތަށް ކަންތައްކުރީ ޔަޝްމީގެ ބޭނުމުގައޭ! އެހެންވެ އަސްލު މިވާހަކަ އަނެއްކާވެސް މި ބުނެލީ.. އަހަރެން އެގޮތަށް ވަރަށް ގިނަ ރަށްރަށަށް ދިޔައިން. އެކަމަކު.. އަހަރެން ހިތްއެދޭކަހަލަ އެއްވެސް ކުއްޖަކު ތި ނޫނީ ނުދެކެން"

އެންމެ ފަހު ޖުމްލަ ބުނެލަމުން ހާރޫން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލް ވުމުންވެސް މިފަހަރު ޔަޝްމީއަކަށް އެހެން ދިމާލަކަށް ނުބެލުނެވެ. އޭނާދެކެވާ ލޯބި، ހާރޫންގެ ލޮލުގެ ތެރެއިން ސާފުކޮށް ޔަޝްމީއަށް ފެންނަމުން ދިޔައެވެ. އެހެންކަމުން ޔަޝްމީއަށް އެ ދެލޮލުގެ ތެރެއަށް ފީނައިގަނެވުނު ކަހަލައެވެ. ޔަޝްމީ އެގޮތަށް ބަލަމުންދާތީ ހާރޫންގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ޔަޝްމީއާ ދިމާލަށް ހާރޫންއަށް އެނބުރިލެވުނެވެ. އެއާއިއެކު ޔަޝްމީއަށްވެސް ހާރޫންގެ ސާފު މޫނު ކުރިމަތިން ފެނުނެވެ. ހާރޫންއަށް ޔަޝްމީއާ ދިމާލަށް އެއްފިޔަވަޅު ކުރިއަށް ޖެހިލެވުނެވެ. އޭރު ޔަޝްމީހުރީ ހީކަރުވައިގަނެފައި ހުންނަ ކަހަލަ ގޮތަކަށް ދެއަތުން ހަށިގަނޑު ފިއްތާލައިގެންނެވެ.

" ތެދެއް! ދެމީހުންގެ އޭޖް ވަރަށް ތަފާތު.. އެކަމަކު.. އަހަރެންގެ ހިތް އަދިވެސް ވަރަށް ޒުވާން"

ހާރޫން އެހެން ބުނެލި އިރު އޭނާގެ ނިތްކުރިމަތިން ތެދަށް ނާރެއް ފުއްޕާލާފައިހުރިތަން ޔަޝްމީއަށް ފެނުނެވެ. އަދި އޭނާ ޔަޝްމީއަށް އެދެމުންދާވަރު އިޙްސާސްކުރެވުނެވެ.

" ޔަޝްމީ އަހަރެން ކިތަންމެ ދުރު ކުރިޔަސް އަހަންނަަކަށް ފޫއްސެއް ނުވެވޭނެ! "

ހާރޫން އިތުރަށް ކައިރިއަށް ޖެހިލުމުން ޔަޝްމީ އަވަސް އަވަހަށް ހާރޫންއަށް ފުރަގަސް ދިނެވެ.

" ޕްލިޒް! އެއްޗެއް ބުނެބަލަ! ވާހަކަ ދައްކަބަލަ!"

ހާރޫން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

" އަހަރެން ކީކޭ ބުނާނީ؟ ތިއީ ފިރިމީހާގެ ގޮތަކު އަހަންނަކަށް އަދިވެސް ނުދެކެވޭ ހާރޫން! ލޯބީގެ ގޮތުން ވާހަކަ ދައްކާނީ ކިހިނެއްކަމެއްވެސް އަހަންނަކަށް ނޭނގެ"

ޔަޝްމީ އެހެން ބުނުމަށްފަހު އެއްގަމާއިދިމާއަށް ހިނގައިގަތީ އިތުރަށް މަޑުކުރަން ބޭނުން ނުވާތީއެވެ. ޔަޝްމީ ނުހުއްޓި ދާން ފެށުމުން މާޔޫސްވެ ހުރެ ހާރޫންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.

***

ގެއަށް އައިސް ވަނުމާއިއެކު ޔަޝްމީ ކޮޓަރިއަށްދާން ހިނގައިގަތީވެސް މަޑުކޮށްލުމެއްނެތިއެވެ. ނަމަވެސް ކޮޓަރިއަށް ނުވަދެ އޭނާއަށް ހުއްޓެން ޖެހުނީ ހާރޫންގެ އަޑުންނެވެ.

" އަހަންނަކީ ކިތަންމެ ބޮޑު މުއްސަންޖަކަސް ޙަޤީޤަތުގައި އަހަންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް! ފައިސާއަކީ އެއްވެސް އެއްޗެއް ނޫންކަން އަހަންނަށް އަންގައިދިނީ ޔަޝްމީ"

ހާރޫން އެހެން ބުނުމުން ޔަޝްމީއަށް އިސްއުފުލައިލެވުނީ ހައިރާންކަމާއެކުއެވެ.

" އަހަރެން؟ "

" ޔަޝްމީދެކެ އަހަރެން މިވާ ލޯބި ޚުދު އަހަންނަކަށްވެސް ބަޔާންކޮށެއް ނުދެވޭނެ! ބުނެއެއް ނުދެވޭނެ..! ޔަޝްމީދެކެ ލޯބިވެވުނު އިރު އަހަރެން ހީކުރީ ލޯތްބަކީ ވަރަށް ފޮނި އެއްޗެއް ކަމަށް.. އޭރު އަހަންނަށް ކުރެވުނީ ވަރަށް އުފާވެރި އިޙްސާސެއް! އެކަމަކު އަހަރެންގެ ޙައްޤަކަށް ޔަޝްމީ ވުމަށްފަހު އަހަންނަށް މި އެނގުނީ ލޯތްބަކީ އަނިޔާއެއްކަން.. އަދި އެހާމެ ވޭން ބޮޑު ޖަޒްބާތެއްކަން! ޔަޝްމީ... އަހަރެންގެ އަތުގައި ނެތް އެއްޗެއް ނެތް.. ދުނިޔޭގެ ހުރިހާ އުފަލެއް މުދަލެއް އަދި މުއްސަނދިކަމާ ތަނަވަސްކަން ލިބިއްޖެ! ޙާޞިލް ނުވަނީ ހަމައެކަނި ޔަޝްމީގެ ލޯބި.. އަހަރެންގެ އަނބިމީހާގެ ލޯބި"

ހާރޫން ވާހަކަ ދެއްކީ އަސަރާއިއެކު އެހާމެ މަޑުމަޑުންނެވެ. ހާރޫންގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު ލަސްފިޔަވަޅުތަކެއްގައި އައިސް ޔަޝްމީ ހުއްޓުނީ ސީދާ ހާރޫންގެ ކުރިމަތީގައެވެ. އެއަށްފަހު ހާރޫންގެ މޫނަށް އޭނާ ބަލަންފެށީ އާދަޔާ ޚިލާފް ނަޒަރަކުންނެވެ.

" ހާރޫން ވާހަކަ ތިދައްކަނީ ހާރޫންގެ އިޙްސާސްތަކަށް! އެންމެ ފަހަރަކުވެސް އަހަރެންގެ މި ހިތް ހުޅުވާފައި ބަލައިލަން ކެރޭނެތަ؟ އަހަރެންގެ ހިތް ޒަޚަމްވެފައިވާވަރު ބަލަން ބޭނުންތަ؟ މި ހަތަރު ފާރުގެ ތެރޭގައި އަހަރެންގެ ޙަޔާތް ބޭކާރުވެގެން ދާކަން ހާރޫންއަށް އެނގޭތަ؟ "

ޔަޝްމީ ބާރަށް ވާހަކަ ދައްކަން ފެށުމުން ހާރޫން ކަންބޮޑުވިއެވެ. ނަމަވެސް ޔަޝްމީގެ ހިތުގައި ހުރި އެއްޗެހި އެނގެެން ބޭނުންވާތީ އޭނާ ކެތްތެރިވެގެން ހުރީއެވެ.

" ތެދެއް ތިބުނީ! ފައިސާއަކީ އެއްވެސް އެއްޗެއް ނޫން... ހުރިހާވެސް އެއްޗަކީ ހަމަ ލޯތްބާއި އުފާވެރިކަން.. ކައިވެނީގެ ގުޅުމުން ގުޅިފައިވީ ނަމަވެސް އަހަރެމެން ދެމީހުންނަކީ އެކައްޗެއް ނޫނޭ ހާރޫން! މީހުންނަށް ހީވެދާނެ އަހަރެން ހާރޫންއާ އިނދެގެން މިއުޅެނީ ހާރޫންގެ މުދާގަނޑަށޭ.. އެހެންވީމަތާ ކޮންމެ މީހަކުވެސް އަހަރެން ފެންނައިރަށް އަޖައިބުވެގެން އަހަންނަށް ބަލަނީ.. އަހަރެން ލަދުގަނެޔޭ ހާރޫން!! އަހަންނަކީ މުއްސަނދިކަމަށް ލޯބިކުރާ މީހެއް ނޫނޭ! "

ޔަޝްމީއަށް އެހެން ބުނެވުނު އިރު އޭނާއަށް ރޮވެނީއެވެ. އެއީ އެއްގޮތަކަށްވެސް ހާރޫން ބޭނުންވާގޮތެއް ނޫނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ޔަޝްމީއާ ގާތަށް ޖެހިލަމުން ބުންޏެވެ.

" ނުރޮއި.. ޔަޝްމީ ރޮއްވާކަށް އަހަރެން ބޭނުމެއް ނޫން.. "

" އެހެންވިއްޔާ އަހަރެން ދޫކޮށްލާ ހާރޫން! ޕްލީޒް އަހަރެން ދޫކޮށްލާ.. މީހުން އަހަންނަށް ފުރައްސާރަ ކުރާކަށް އަހަރެން ބޭނުމެއްނޫން.. އަހަންނަށް ޖޯކު ޖަހާކަށް އަހަރެން ބޭނުމެއްނޫން.."

ޔަޝްމީ ރޮމުން ރޮމުން ސޯފާއަށް ތިރިވިއެވެ. އޭރު ހާރޫން ހުރީ ހާސްވެގެން ހަދާނެގޮތް ބޮޑުވެފައެވެ. ޔަޝްމީ އެވަރަށް ރޯތަން ބަލަން އޭނައަށް ކެތްކުރަން އުނދަގޫވިއެވެ. އޭނާ އައިސް ޔަޝްމީއާ ދާދި ގާތުގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ.

" އެއްވެސް މީހަކަށް ޖޯކު ޖަހާކަށް ނުކެރޭނެޔޭ! ތިގޮތަށް ނުވިސްނާ! އަހަރެން ޔަޝްމީއާ ކައިވެނިކުރީ ދުވަހަކުވެސް ޔަޝްމީ ދޫކޮށްލާކަށްނޫން.. އަހަރެން ލޯބިވާވަރު އަދި ނޭނގެނީ.. ކޮންމެވެސް ދުވަހަކުން އަހަރެންގެ އިޙްސާސްތައް ޔަޝްމީއަށް އެނގޭނެ"

ހާރޫން ވާހަކަ ދައްކަން ފެށުމުން ޔަޝްމީ މައިތިރިވިއެވެ. ނަމަވެސް އޭނާ އަދިވެސް އިނީ މޫނުގައި އަތް އަޅައިގެން ގިސްލާށެވެ. ޔަޝްމީގެ ގައިގައި އަތްޖައްސާލަން ހިތް އެދޭވަރުން ހާރޫން ތުރުތުރުއަޅާ އަތަކުން ޔަޝްމީގެ އަތުގައި ހިފިއެވެ. އެއާއިއެކު މޫނުމަތިން އަތް ނަގަމުން އޭނާ ހާރޫންއަށް ބަލައިލިއެވެ. އެހިނދު ކުއްލިއަަކަށް ހާރޫން ޔަޝްމީގެ އަތުން ދޫކޮށްލިއެވެ.

" އަހަންނަށް މީހުން ކުރާ ޤަދަރާ އިޙްތިރާމް ޔަޝްމީއަށްވެސް ކުރާނެ! "

ޔަޝްމީ ހިތްހަމަ ޖައްސާލުމަށްޓަކައި ހާރޫން ބުނެލިއެވެ.

" ޔަޝްމީ ދޫކޮށްލުމަކީ ދުވަހަކުވެސް އަހަރެން ކުރާނެ ކަމެއްނޫން!"

އަނެއްކާވެސް ހާރޫން ބުންޏެވެ. އެވަގުތު ދެއަތުން މޫނު ފުހެލަމުން ޔަޝްމީ ތެދުވިއެވެ.

" އަހަރެންދެކެ ލޯބި ވަންޏާ އަހަރެން ދޫކޮށްލާ! އޭރުން އަހަރެން ޤަބޫލު ކުރާނަން އަހަރެންދެކެ ހާރޫންވަނީ ޙަޤީޤީ ލޯބިކަމަށް.. އަހަރެންދެކެ ތިހާ ލޯބިވާއިރު، އަހަރެންގެ އުފަލަށްވުރެ ތިމާގެ އަމިއްލަ އުފަލާ އަމިއްލަ އެދުން އިސްކުރާނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން! އަހަންނަށް މި ދިރިއުޅުމަކުން ދުވަހަކުވެސް އުފަލެއް ނުލިބޭނެ.. އަހަރެން މިނިވަންކުރޭ! އޭރުން އަހަންނަށް ޔަޤީންވާނެ ހާރޫން އަހަރެންދެކެ ތިވަނީ ވަރަށް މާތް ލޯތްބެއްކަން.."

ޔަޝްމީ އެހެން ބުނި އިރު ހާރޫންއަށް ކޮޅަށްވެސް ތެދުވެވިއްޖެއެވެ. ނަމަވެސް ހާރޫންގެ މޫނަށް ބަލައިލުމެއްނެތި ޔަޝްމީގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (27)

ސިލްސިލާ ވާހަކަ: ޝިކާޔަތު (27)

(ނިމުނީ)