ކުރީގެ އަދަދާއިގުޅޭ،

" އަހަރެން ރިސޯޓަށް ދަމުންވެސް އިއްބެއަށް ގުޅިން.. ބުނިން ރިސޯޓަށޭ މިދަނީ! ދެން އަހަރެން ނެތިސް އޭނަ އަންނަންވީ ކީއްވެ؟"

Ad
rt

ހާރޫން އެހެން ބުނުމުން ޔަޝްމީއަށްވެސް ލިބުނީ ހައިރާންކަމެވެ.

" އޭނަ ކީކޯ ކީ؟"

ހާރޫން ދެޖީބަށް އަތް ޖަހާލަމުން ޔަޝްމީއަށް ބަލައިލިއެވެ. އޭރު ހާރޫންގެ މޫނުމަތިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ އަސަރުތަކެއް ޔަޝްމީއަށް ފެނުނެވެ. އެހެންކަމުން އެކަމާ ހާރޫން ވަރަށް ބޮޑަށް ކަންބޮޑުވިކަން ޔަޝްމީއަށް އެނގުނެވެ.

" ނޭނގެ! ހަނދާނެއް ނެތް މިހާރަކު"

ޔަޝްމީ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

" ތެދަށް ބުނޭ! "

ތަންކޮޅެއް ހަރުކަށި ރާގަކަށް ހާރޫން އެހެން އަހާލީ ހަށިގަނޑަށް ބާރުލައިފައެވެ. އެއާއިއެކު ޔަޝްމީއަށް ޖެހިލުންވެ ހުރެ ހާރޫންއަށް ބަލައިލެވުނެވެ.

" އޭނަ ބުނީ.. އޭނަ ބުނީ ރިސޯޓަށް ގޮސް ހާރޫން ކުރާ ނުކުރާ ކަމެއް އަހަންނަށް އެނގޭނީ ކިހިނެއްހޯ؟ ދެން ބުނީ..."

" އޯކޭ ދެން.. މިހާރު އޭނަގެ ނިޔަތް އަހަންނަށް އެނގިއްޖެ! ސާފުވެއްޖެ! ދެން އަހަރެން ބޭނުމެއް ނޫން އިތުރަށް އަޑުއަހާކަށް! "

ޔަޝްމީ ވާހަކަ ދައްކަ ދައްކައި ހުއްޓާ ހާރޫން ބުންޏެވެ. އޭރު ހާރޫންގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމެވެ.

" އަހަރެން ހިއެއް ނުކުރަން އިއްބެ އަހަރެންގެ އަންހެނުންގާތު ތިފާޑުގެ ވިޔާނުދާ ވާހަކަ ދައްކާނެކަމަކަށް! އޭނަގެ މަޤްޞަދަކީ ޔަޝްމީގެ ހިތުގައި އަހަންނާމެދު ނަފްރަތު އުފެއްދުން! "

ހާރޫން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ވަރުބަލިކަމާއިއެކު އޭނާ އިށީނދެ ސޯފާގައި ބޯ ޖައްސާލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ކޮޅަށެވެ. ދެލޯ މަރައިގެން ހާރޫން އެހެން އޮތުމުން ޔަޝްމިއަށް ކޮޓަރިއަށް ދާކަށްވެސް ނުކެރުނެވެ.

" އެއީ އަހަރެން ދުވަހަކުވެސް އުޅޭނެ ގޮތެއް ނޫން! "

ހާރޫން އަސަރާއިއެކު ބުންޏެވެ.

" އަހަރެން ވަރަށް ދެރަވެއްޖެ! އިއްބެއަކީ އަހަރެން ވަރަށް ގާތްކޮށް ގެންގުޅޭ މީހެއް! ތިއީ އަހަރެންގެ އަނބިމީހާ ވީމަ މިވަރުވެސް މި ބުނަނީ.. އޭނަ މިއަދު ކޮޅަށް އެހުރީވެސް އަހަރެންގެ ސަބަބުން.. އޭނަ މީހަކަށް ހެދީވެސް ހަމަ އަހަރެން! ވަޒީފާއެއް ނެތި މާލެ ތެރޭގައި އެނބުރެނިކޮށް ވަޒީފާ ދިނީވެސް އަހަރެން... އެކަމަކު މިއަދު އޭނަ އެ ދިމާކުރީ އަހަރެންގެ އަނބިމީހާއާ! ޔަޝްމީ ބުނެބަލަ! އެއީތަ އިޙްސާންތެރިކަމުގެ ބަދަލުގައި އަހަންނާމެދު ދެކެންޖެހޭ ގޮތަކީ؟"

ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އޭރު އޭނާ ހުރީ ފެންކަޅި ވެފައެވެ. ބުނާނެ އެއްޗެއް ނޭނގޭ ޙާލު ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލާށެވެ.

" ދެން ދޭ! ކޮޓަރިއަށް ގޮސް ނިދާލާ! "

ފުންނޭވާއެއް ދޫކޮށްލަމުން ހާރޫން ތެދުވަމުން ޔަޝްމީގާތު ބުންޏެވެ. އަދި އޭނާ އިތުރަށް މަޑުވެސްކޮށްލުމެއްނެތި ކޮޓަރިއަށް ހިނގައިގަތް އިރުވެސް ޔަޝްމީ ހުރީ ހުރި ފިޔަވަޅު މަތީއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ހާރޫން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ޔަޝްމީއަށް ބަލައިލެވުނީ މޭޒުމަތީގައިހުރި ކޮފީ ޖޯޑަށެވެ. އަވަސް އަވަހަށް އޭނާ އެ ޖޯޑު ހިފައިގެން ގޮސް ސިންކަށް ކޮފީފޮދު އޮއްސާލިއެވެ. އެހިނދު އޭނާއަށް އެ ޖޯޑަށް ބަލައިލެވުނީ ރުޅިވެރިކަމާއެކުއެވެ. އޭނާ އެ ޖޯޑު ޑަސްބިނަށް ވައްޓާލީ އިއްބެ ދެކެ އައި ރުޅިންނެވެ.

***

ހަފްތާއެއް ވޭތުވެގެން ދިޔައިރުގައިވެސް ހާރޫންގެ ހަމަހިމޭންކަމަކަށް ބަދަލެއް ނައެވެ. އޭނާ މިހާރަކަށް އައިސް ހުންނަނީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. އެކަމާ ސުވާލު ކުރަން ބޭނުންވި ނަމަވެސް ޔަޝްމީގެ ޟަމީރު އެކަމަށް އެއްބަހެއް ނުވެއެވެ. މިއަދުވެސް ހާރޫން ގެއަށް އައީ ޔަޝްމީ ޓީވީ ބަލަން އިންދައެވެ. އޭނާ ވަނުމާއިއެކު ޔަޝްމީއަށް ބަލައިލެވުނެވެ. އެއާއިއެކު ހާރޫން ލުއި ގޮތަކަށް ހީލިއެވެ. ނަމަވެސް އާދައިގެ މަތިން ޔަޝްމީ ހަމަ އިސްޖަހާލީއެވެ. ހާރޫންގެ ކޮންމެ ހިނިތުންވުމަކަށް އޭނާ ރައްދު ދޭ ގޮތަކީ އެއީއެވެ.

" އަހަންނާއެކު މިރޭ ޑިނަރ އަކަށް ދާން ކެރޭނެތަ؟ "

ހާރޫން އައިސް ހުއްޓުނީ ސޯފާގެ ކޮޅުގައެވެ. އޭރުވެސް ޔަޝްމީގެ ނަޒަރު ހުއްޓިފައި ހުރީ ޓީވީއަށެވެ. ހާރޫންގެ ޖުމްލައަށް ޔަޝްމީ ދިޔައީ ފުންކޮށް ވިސްނަމުންނެވެ. ގޭގައި އިނދެ އިނދެ އޭނާ މިހާރު ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. މާލެ ބަލައިލަންވެސް އޭނާ ބޭނުންވެއެވެ. ބޭރަށް ދާހިތްވެސް ވެއެވެ. އެކަމަކުވެސް ހާރޫންއާއެކު ދާކަށް ހިތެއް ނޭދެއެވެ.

" ކީއްވެ އެއްޗެއް ނުބުނީ ؟ "

ހާރޫން ޔަޝްމީއަށް ބަލައިލަމުން ބުންޏެވެ.

" އަހަރެން ދާހިތެއް ނުވެ! "

ޔަޝްމީ އިސްޖަހާލައިގެން އިނދެ އެހެން ބުނެލުމުން ހާރޫން ޖަހާލީ ކުރު ހިނިގަނޑެކެވެ.

" އަހަންނާއެކު ބޭރަށް ދާހިތްނުވަނީ ކީއްވެގެންކަން އަހަންނަށް އެނގޭ! އަހަންނަކީ ޔަޝްމީގެ ހިތުގެ ރަސްގެފާނަށް ނުވީމަދޯ! ޔަޝްމީ ބޭނުންވާހާ ރީތި މީހަކަށް ނުވީމަ"

ހާރޫން ފުރަތަމަ ފަހަރަށް ޝަކުވާ ކުރިއެވެ. އެހިނދު ޔަޝްމީއަށް އޭނާއާއިދިމާލަށް ބަލައިލެވުނީ އެކަމާ ދެބަސްވާފަދަ ގޮތަކަށެވެ.

" އަހަންނަކީ ސިފައަށް ރީތި ހުތުރު ކިޔާނެ މީހެއް ނޫން.."

ހިތްހަމަ ނުޖެހޭފަދަ ގޮތަކަށް ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ހާރޫން އަނެއްކާވެސް ހީލިއެވެ.

" މާލޭގައި އަލަށް ހުޅުވާ ރެސްޓޯރެންޓަކަށް ދާން މިބުނަނީ! ދަޢުވަތު ލިބިފައި އޮތީ ދެމީހުންނަށް.. އެހެންވީމަ އެކަނި ދާކަށް ބޭނުމެއް ނޫން.. ވަރަށް ރަނގަޅު ޔަޝްމީ އަހަންނާއެކު ގޮސްދިނިއްޔާ!"

މިފަހަރު ހާރޫން ބުނެލި ޖުމްލައިން އަނެއްކާވެސް ޔަޝްމީއަށް މަޖުބޫރުވީ އެކަމާ އެއްބަސް ވާށެވެ.

***

ބާރުބާރަށް ހިނގާފައި އައިސް ޝަހާނާ ގެއަށް ވަނެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އަތުގައި އޮތް ކޮތަޅު ހިފައިގެން ކޮޓަރިއަށްވަދެ ފަންކާ ޖައްސާލީ ފިނިކޮށްލާށެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. އަތުގައި އޮތް ކޮތަޅުގައި އޮތް ދެ ހެދުން ނެގުމަށްފަހު ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑާއި ދިމާލަށް އޭނާ ހިނގައިގަތެވެ.

" ހާދަ ރީއްޗޭ! "

ހެދުން ހެޔޮވަރު ކޮށްލަމުން އަމިއްލަ ނަފްސަށް އޭނާއަށް ތަޢުރީފް ކުރެވުނެވެ. ހަމަ އެވަގުތެވެ. ބޭރުން ޖާވިދް ގޮވާލި އަޑު އިވުނެވެ. އެހެންކަމުން ޝަހާނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލީވެސް ހެވިފައި ހުރެއެވެ. ޖާވިދް އެތެރެއަށް ވަނުމާއިއެކު އޭނާ އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލިއެވެ.

" ބުނެބަލަ! ރީތިތަ މި ހެދުން؟ "

ޝަހާނާ އެނބުރިލަމުން ބުންޏެވެ. އެއާއިއެކު ޖާވިދްގެ މޫނުމައްޗަށްވެސް ވެރިވީ އުފާވެރިކަމެވެ.

" ކަޅުކުލަ ޝަހާއަށް ވަރަށް ގުޅޭ! ތި ހެދުން ދިގުވީމަވެސް އަހަންނަށް ވަރަށް ރީތި! "

ފައިގެ ކަށިމައްޗާއި ހަމައަށް ދިގުމިން ހުރި އެ ހެދުމަކީ ގަޔަށް ދޫ ފުޅާ ހެދުމެކެވެ.

" މާލެ ދާންވާއިރަށް ހެދުންތައް ބަދަލުކޮށްލީތަ؟ "

މަޖާ ރާގަކަށް ޖާވިދް އެހެން ބުނެލި އިރުވެސް ޝަހާނާ ހުރީ ލޯގަނޑު ކުރިމަތީގައި އަރިއަރިއަށް ބަލާށެވެ.

" ޝަހާ! މިއަދު އަހަންނަށް ބައިގަޑިއިރު އިނގޭ ބްރޭކަށް ލިބުނީ.. އަވަހަށް ކާލައިގެން ދާންޖެހޭނެ!"

ޝަހާނާގެ ފަރިބެލުން ނުހުއްޓޭނެތީވެ ޖާވިދް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެހެންކަމުން ޝަހާނާ ހިނިގަނޑެއް ޖަހާލުމަށްފަހު ހެދުން ބަދަލުކުރަން ފެށިއެވެ. ޝަހާނާ މާލެ ފޮނުވަން ޖާވިދް އެއްބަސްވީފަހުން އޭނާ ހުންނަނީ އަބަދުވެސް ހެވިފައެވެ. އެކަމާ ޖާވިދް ގާތަކަށް ވަރަށް ހިނިވެސް އާދެއެވެ. ނަމަވެސް އެކަން އޭނާ ފާޅު ނުކުރަނީ ޝަހާނާގެ މޫޑު ގޯސްވެދާނެތީއެވެ.

***

ސިޓިންގރޫމަށް ޔަޝްމީ ނިކުތް އިރު ހާރޫން އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ޔަޝްމީ ފެނުމާއެކު ހާރޫންއަށް ހިނިތުންވެލެވުނެވެ.

" މޭކަޕް ނުކުރިޔަސް ޔަޝްމީ އަހަންނަށް ވަރަށް ރީތި! "

ހާރޫން އެހެން ބުނުމުން ޔަޝްމީ ވަރަށް ބޮޑަށް ލަދުގަތެވެ. މިރޭ އޭނާ މޭކަޕްކުރީ އަމިއްލައަށެވެ. ކައިވެނިޕާރޓީ އޮތްރޭ މޭކަޕް ކުރިފަހުން އޭނާ އެކަން ކުރަން ނުހަނު ބޭނުންވެއެވެ. އެރޭ އޭނާއަށް ހަދިޔާއަށް ލިބިފައި ހުރި މޭކަޕް ސާމާނުތައް ފުރަތަމަ ފަހަރަށް ބޭނުންކުރީވެސް މިރެއެވެ.

" އަހަންނަކަށް ނޭނގެ މޭކަޕް ކުރާކަށް! "

އިސްޖަހާލައިގެން ހުރެ ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ކުޑަކޮށް ބޯ ތިރިކޮށްލަމުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ.

" އެކަމަކުވެސް ވަރަށް ރީތި! ނުކުރިޔަސް ކުރިޔަސް އަހަންނަށް ހަމަ ޔަޝްމީ ވަރަށް ލޯބި"

އަނެއްކާވެސް ހާރޫން ތަޢުރީފް ކުރިއެވެ. ޔަޝްމީއަށް އުނދަގޫވާނެކަން އެނގި ހުރެވެސް ހާރޫން ފަހަރަކު ޖުމްލައެއް ބޭރުކޮށްލީ އޭނާގެ ހިތް އެދޭވަރުންނެވެ.

ކާރުގައި އިން އިރުގައިވެސް ޔަޝްމީ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ހާރޫންއަށް އޭރުވެސް އިރުއިރުކޮޅުން ޔަޝްމީއަށް ބެލެއެވެ. ދެމީހުންވެސް ތިބީ ކާރުގެ ފަހަތު ސީޓްގައެވެ. ޑްރައިވަރ ކާރު ދުއްވަމުން ދިޔައީ އާދައިގެ ވަރެއްގެ ސްޕީޑެއްގައެވެ.

" ނާޒުކު މަޤާމެއްގައޭ ހިތް މި ތެޅެނީ މަގޭ... މަސްތީ ޚިޔާލެއްގައޭ ލޯ މި މެރެނީ މަގޭ..

ހުވަފެން ދައްކާ.. މަންޒިލް ހޯދަން.. އެދެނީ ކުރާށޭ ދަތުރު...

ހިތާ މޭ ފިނިވަނީ،، ދިމާވީމާ ނަޒަރު.. ވަނީ ގުޅިފައިލެޔޭ ނުދާހެން ތިޔަ އަސަރް......"

ކާރުގައި ޖަހާފައިވާ ލަވަޔަކުން ހާރޫންގެ ހިތަށް އުނދަގޫވާ ކަހަލައެވެ. ހާރޫންގެ ހިތުގެ ޙާލު، ޔަޝްމީއަށް އަންގައިދޭން ކިޔުންތެރިޔާވެސް މަސައްކަތްކުރަމުންދާ ކަހަލައެވެ. ލަވައިގެ ތެރެއަށް އޭނާއަށް ވަދެވުނު ވަރުން ހާރޫންގެ މުޅި ހަށިގަނޑު ފިނިވަމުންދެއެވެ. އިރުއިރުކޮޅުން މޫނު އަނބުރާ އޭނާއަށް ބެލެނީ ޔަޝްމީއަށެވެ. އެކަން ޔަޝްމިއަށް ފާހަގަވެސް ކުރެވުނެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި ޔަޝްމީއަށްވެސް ހާރޫންގެ މޫނަށް ބަލައިލެވެއެވެ. އޭރު ކާރުތެރެއަށް އެޅިފައިވާ ފަނޑު އަލިން ހާރޫންގެ ރީތި ދެލޯ އޭނާއަށް އަމާޒުވެފައިވާތަން ޔަޝްމީއަށް ފެނުނެވެ. ހާރޫން އޭނާއަށް ބަލަމުންދާ ގޮތުން ޔަޝްމީގެ ހިތްވެސް އާދަޔާ ޚިލާފަށް ތެޅެން ފަށައިފިއެވެ. ވަގުތަކީ ކާރުވެސް އެމީހުންގެ މަންޒިލަށް އާދެވުނު ވަގުތެވެ. އެހެންކަމުން ކާރު ހުއްޓުމާއިއެކު ދެމީހުންނަށްވެސް ތެޅިގަނެވުނެވެ.

ކާރުން ފޭބި އިރުގައިވެސް ދެމީހުންނަށްވެސް ކުރެވެމުންދިޔައީ ތަފާތު އިޙްސާސެކެވެ. ޔަޝްމީއަށްވެސް ތަފާތު އުނދަގުލެއްވާކަން އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް އޭނާ ދެކޭގޮތުގައި ހިތަކީ އޭނާގެ ބާރުގެ ދަށުގައި ހައްޔަރުކޮށްފައިވާ އެއްޗެކެވެ. ހިތަށްވެސް އަމުރު ހިންގާނީ އޭނާއެވެ. ހާރޫންއާ ގަޔާވާކަށް އެހިތަކަށް ހަމަހިލާ ނުކެރޭނެއެވެ. މިފަދަ ޚިޔާލްތަކެއްގައިހުރެ ޔަޝްމީ ގޮސް ހާރޫން ގާތު ހުއްޓުނެވެ. ދެމީހުން ހިނގާފައި ދިޔައީ އެއް ހަމައެއްގައި ތިބެއެވެ. ވާހަކަ ދެއްކުމެއްނެތެވެ. ހިނިތުންވުމެއްވެސް ނެތެވެ.

އެ ރެސްޓޯރެންޓަކީ ގޯޅިއެއްގައި ހުރި ތަނަކަށް ވާތީ، ގިނަ ބަޔަކު އެތަނުގައި ތިބީ ތޮއްޖެހިފައެވެ. ނަމަވެސް ހާރޫންއާއި ޔަޝްމީއަށް ޖާގަ ދެމުން އިސާހިތަކު މީހުންތައް އެއްފަރާތްވެއްޖެއެވެ. އެއާއިއެކު ރެސްޓޯރަންޓްގެ މައިދޮރު ފެނިގެން ދިޔައެވެ. ދޮރު ހުރަހަަށް ފަލަ ރެބަންގަނޑެއް ދަމާފައިވާއިރު މެދުގައި އޮތީ ރީތި މާބޮނޑިއެއް އައްސާފައެވެ. ރެބަންގަނޑު ކަނޑާލުމަށްޓަކައި ހާރޫންއަށް ކަތުރު ދިއްކޮށްލީ ތަނުގެ ވެރިޔާ ފައިސަލްއެވެ. ނަމަވެސް ހާރޫން ހިނިތުންވެލަމުން އެ ކަތުރު ޔަޝްމީއަށް ދިނުމަށް އެދުނެވެ. ކިތަންމެ ލަދުގަތް ނަމަވެސް ޔަޝްމީއަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ރެބަންފަށް ކަނޑާލީ ހިނިތުންވެލަމުންނެވެ. އެއާއިއެކު އަތްތިލަބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ.

ފައިސަލްގެ އެދުމަށް ހާރޫންއާއި ޔަޝްމީ ދޮރުން އެތެރެއަށް ވަނެވެ. ޔަޝްމީއަށްވެސް ވަށައިގެން ނަޒަރު ހިންގާލެވުނީ އެއީ ދުވަހަކުވެސް ނުފެންނަހާ ރީތި، އެހާމެ ޝާހީ ރެސްޓޯރަންޓަަކަށް ވީތީއެވެ. މަޑުމައިތިރި މިޔުޒިކަކުން ތަަނުގެ ފަޅުކަންވަނީ ފިލާފައެވެ. ތަނުގައި މޭޒާއި ގޮނޑި އަތުރާފައި ވަނީ މިރެޔަށް ޚާއްސަކޮށް މެހެމާނުންނަށް ތިބެވޭ ގޮތަށެވެ. ހާރޫންގެ ދެމަފިރިންނަށް ޚާއްސަކޮށްފައިވާ މޭޒުގައި އެމީހުން އިށީނދެލިއެވެ. އޭރުވެސް އާޝޯޚްވެފައި އިނދެ ޔަޝްމީ ފަރާތްފަރާތް ބަލަމުން ދެއެވެ.

" އައްސަލާމްޢަލައިކުމް... މިއީ ވަރަށް ވެސް އުފާވެރި ޙަފްލާއެއް..."

ކުއްލިއަކަށް އެންމެންގެ އަޑު ކެނޑުނީ މައިކް ހިފައިގެން ހުރި ފައިސަލްގެ އަޑުންނެވެ. ހުރިހާ އެންމެންގެ ނަޒަރު އޭނާއަށް އަމާޒުވުމުން އަނެއްކާވެސް ފައިސަލް ވާހަކަ ދައްކަން ފެށިއެވެ.

" އަޅުގަނޑުގެ މި ރެސްޓޯރެންޓް، ނަރީސްޓޭސްޓް ހުޅުވުމުގެ އުފަލުގައި ތިޔަ އެންމެ ބޭފުޅުން ބައިވެރިވެދެއްވީތީ ޝުކުރު ދަންނަވަން! މި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްޓަކައި، އިތާމޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ އޯނަރ ހާރޫން އަޙުމަދު އަޅުގަނޑުމެންގެ މި ދަޢުވަތު ޤަބޫލު ކުރައްވައި ވަޑައިގެންދެއްވީތީ އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމްގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން.."

ފައިސަލްގެ އެ ޖުމްލައިން ހައިރާންކަމާއިއެކު ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އޭރު ހެވިފައި ހާރޫން، ފައިސަލްއަށް ބަލަހައްޓައިގެން އިނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (26)

ސިލްސިލާ ވާހަކަ: ޝިކާޔަތު (26)

(ނިމުނީ)