ސަރުކާރު ބަދުނާމުވާ ގޮތަށް ޢަމަލުކުރުން މަނާކޮށް، ރާއްޖޭގައި މުދައްރިސުންގެ ސުލޫކީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ.

މުދައްރިސުން އަމަލުކުރަން ޖެހޭ ވަކި އުސޫލެއް މީގެ ކުރިން އާންމުކޮށްފައި ނުވާއިރު، މިހައިތަނަށް އަމަލުކުރަމުން ގޮސްފައިވަނީ މުދައްރިސުންގެ ވަޒީފާގެ ބަޔާނުގައި އޮންނަ ގޮތަށެވެ.

Ad
rt

އެެހެންނަމަވެސް އެހެނިހެން ކަންކަމުގެ ތެރޭގައި ތަނުގެ ވެރިން އަންގާ ގޮތަށް އަމަލުކުރުމާއި ބެހޭ ބައެއް މުދައްރިސުންގެ ވަޒީފާގެ ބަޔާނުގައި ކުރިން ވެސް ހިމަނާފައި ވެއެވެ.

މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައިވާ މައިގަނޑު ހަތް އަސާސަކީ ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރާއި ދަރިވަރުންގެ ފަރުދީ ތަފާތުތަކެވެ. އަދި ފަންނީ އަދި ރަސްމީ ގުޅުމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަމެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ސުލޫކީ މިންގަނޑުގެ އުސޫލަކީ މުދައްރިސުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއި އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ވެސް އުސޫލުގެ ބޭނުމެއް ކަމަށް ވިދާޅުވެއެވެ.

މީގެ އިތުރުން ކަންކަން ކުރަން ރާވައިފައިވާ ގޮތް ދެނެގަނެ އެކަންކަމާއި ބެހޭ މައުލޫމާތު ތައުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ވެސް މި އުސޫލުގައި ވަނީ ބުނެފައެވެ.

މި އުސޫލުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުންގެ ހައްގުތައް ރައްކާތެރިކޮށް އެ ހައްގުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ދަރިވަރުންނާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއި ގަވައިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެ ކަންކަން ތަންފީޒުކުރުމަކީ މުދައްރިސުންގެ ޒިންމާއެއްގެ ގޮތުގައި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުގައި ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާ ފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ. އަދި މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށެއް ނުކުރުމާއި ޓެރަރިޒަމްގެ އަމަލެއް ނުކުރުމާއި އޮރިޔާންކާޑު ގެންގުޅުމާއި އެހެން މީހަކަށް ދެއްކުމާއި ފެތުރުން ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.