އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާގައި އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ވަނީ ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެއެވެ.
އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ "ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން" ކަމަށެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކޮށްދޭން ފުވާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްފައި ވާ ދަނޑިވަޅެއްގައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާއިރު، ކޮންމެ 5 އަހަރަކުން އެއް އަހަރަކު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިއަހަރު އޮންނާނެއެވެ. މި އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަަމަ، ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިއަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މިހައިތަނަށް އިއުލާން ކުރައްވާފައިވާ ބޭފުޅުން ވަނީ ކެމްޕެއިން ފައްޓަވާފައެވެ.
އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ ކެމްޕެއިން ފައްޓަވާފައެވެ.
ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު އަދި އޮތީ ބަންދުވެފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!