ނޯޓް: މިއީ ދިރިއުޅުމުގައި ތަފާތު ތަޖުރިބާތައް ކޮށްފައިވާ މީހުންގެ ޙަޤީޤީ ވާހަކަތަކުގެ ސިލްސިލާއެކެވެ.

އުފާވެރި ޙަޔާތަކަށް އުއްމީދު ނުކުރާނީ ކާކު ހެއްޔެވެ؟ ލޯބިން އެކުގައި މުޅި ޢުމުރަށް އުޅޭނެ ބައިވެރިޔަކު ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ޙަޔާތް އުޖާލާކޮށް، އުނގު ފަޅުފިލުވައިލަދޭނެ ލޯބިލޯބި ދަރިޔަކު ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ޖަވާބު ވަރަށްވެސް ސާފެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ހިތާއި ރޫޙުން ބޭނުންވާނެ ކަންކަމެވެ. ނަމަވެސް އަހަންނަކީ މިހުރިހާ ކަމަކުން މަޙްރޫމްވެފައިވާ އަންހެން ކުއްޖަކީމެވެ. އަދި ޤުދުރަތުގެ ނިޔާއިން އަހަންނަށް މިންވަރު ކުރެއްވި ގޮތަށް ރުހިގެންވާ އެކަނިވެރިޔަކީމެވެ. މިއީ އަހަރެންގެ ވާހަކައެވެ.

Ad
rt

ޙަޔާތުގައި އަލަށް މައްސަރުކަންތައް ލައްވައިލީ އަހަރެންގެ ޢުމުރުން 12 އަހަރުގައެވެ. އެއާއިއެކު މަންމަ އަހަންނަށް ހުރިހާ ގޮތަކުންވެސް ނަޞޭޙަތްތެރިވެދިނެވެ. އަހަންނަކީ ބޮޑު ކުއްޖެއްކަމާއި، ފިރިހެނުންނާއި ގާތް ނުވުމަށާއި، އެކަން ވެފައި ހުންނަ ދުވަސްކޮޅު ނަމާދު ނުކުރުމަށާއި، ރޯދަ ނުހިފުމަށާއި އަދި މި ނޫންވެސް ނުހަނު ގިނަ މަޢުލޫމާތުތައް ފޯރުކޮށްދިނެވެ. އެހެންކަމުން އަހަރެން އެކަންކަމަށް ނުހަނު ހޭލުންތެރިވީމެވެ.

ކޮންމެ މަހަކު ޤަވާއިދުން އަހަރެން " ޕީރިއަޑް " ވަމުން އައިސް އެކަން ވޭނަކަށްވާންފެށީ ޢުމުރުން 15 އަހަރުގައެވެ. ބަނޑުގައި ރިހުމާއި ހޮޑުލެވި، އަނބުރައިގަތުން އިތުރުވެގެން ދިޔައެވެ. އެތަދުތަކުން ސަލާމަތް ވުމަށްޓަކައި ގެއިން ހޯދެން ހުރި ފަރުވާތައް އަހަރެން ހޯދީމެވެ. ބަނޑުގައި ހޫނު ފެން ހަން އަޅައި، ތަދު ކަނޑުވާ ބޭސް ބޭނުންކޮށް، ދިވެހި ބޭސްވެސް ކުރީމެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ޑޮކްޓަރުން ބުނަނީ މީހަކާ އިނުމުން އެކަންކަން ޙައްލުވާނެކަމަށެވެ. ނަމަވެސް އޭރު އަހަރެންގެ ޢުމުރުން އެންމެ 16 އަހަރެވެ. އެއީ އަވަސް ޙައްލަކަށް ނުވާނެކަން އަހަންނަށް ޔަޤީންވެސް ކުރެވުނެވެ.

ޖީ.ސީ.އީ އޯލެވެލް ނިމި، ނާރިސންގ ކޯސް ފުރިހަމަ ކުރުމުގައިވެސް އަހަންނަށް އެންމެ އުނދަގޫވީ އަހަރެންގެ މި ބަލީގެ ސަބަބުންނެވެ. ކްލާހަށް ނުދެވޭ ދުވަސްތައް ގިނަވުމުން އަހަންނަށް ޖެހެނީ އަލުން އެ ކްލާސްތައް ނަގާށެވެ. ނަމަވެސް ހިތްވަރުކޮށްފައި އަހަރެން ކޯސް ފުރިހަމަކުރެވޭތޯ މަސައްކަތްކުރީމެވެ.

ލޯބީގެ އަހަރެން ގޮތުން ގުޅުނީ އަހަންނާ އެއް ކޮލެޖަކުން ކިޔަވަމުންދިޔަ ކުއްޖަކާއެވެ. އޭނާގެ މާޒީ އަހަންނާ އޭނާ ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އޭނާގެ ފުރަތަމަ ލޯބިވެރިޔާ، ދޫކޮށްލަން ޖެހުނީ މައިންބަފައިން ނުޤަބޫލުވުމުން ކަމުގައިވެސް ބުންޏެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން އޭނާގެ މައިންބަފައިން އަހަންނާ ކައިވެނިކުރަން ރުހުނެވެ.

ރަށުން ވަޒީފާ ނުލިބުމުން އަހަރެން ބަދަލުވީ އޭނާގެ ރަށަށެވެ. އެރަށު ޞިއްޙީމަރުކަޒުން ވަޒީފާ ހޯދައި އޭނާއާ ކައިވެނިވެސް ކުރީމެވެ. ދެމީހުން އުޅުނީ ވަރަށް ލޯބިންނެވެ. މުޅި ޢުމުރަށް އެގޮތަށް ދިރިއުޅެވޭނެކަމުގައި އަހަރެން އުއްމީދު ކުރީމެވެ. އޭނާ ދެކެ ވާ ލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. ފިރިމީހާވެސް އަހަންނަށް ވަރަށް ރަނގަޅެވެ. ނުހަނު އޯގާތެރިއެވެ. އެވަރުގެ ހެޔޮ ފިރިޔަކު މި އުޑުދަށަކު ނުހުންނާނޭ އަބަދުވެސް ހިތް ބުނަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ފިރިމީހާގެ ވަޒީފާ ހަމަޖެހުނީ މާލޭންނެވެ. އޭރުވެސް އަހަރެމެން ތިބީ ދަރިޔަކު ބޭނުން ވެފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އަހަރު ވެގެން ދިޔައީއެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކައި ފަރުވާ ހޯދީމެވެ. އެންމެ ފަހުން 6 މަސް ދުވަހުގެ މުއްދަތަކަށް ދެމީހުން ކައިރީގައި އުޅެން ޑޮކްޓަރ ލަފާ ދިނުމުން އަހަރެން މާލެ ބަދަލުވީމެވެ. މާލެއިން ވަޒީފާ ނުލިބުމުން، ނާރިސިންގެ މަތީ ކޯހެއް ހަދަންފެށީމެވެ.

މާލޭގައި އުޅުނު ދުވަސްތަކަކީ އަހަރެންގެ ޙަޔާތުގައިވެސް ވަރަށް ހިތްދަތި ތަޖުރިބާއެއް ކުރަންޖެހުނު ދުވަސްތަކެކެވެ. އަތްމަތި ދަތިކަމުން އަހަރެމެން އުޅުނީ އޭނާގެ އާއިލާ މީހެއްގެ ގާތުގައެވެ. ދެމީހުންނަށް ހާއްސަކޮށް ކޮޓަރިއެއް ލިބިފައި ނެތުމުން ދެމީހުން ނިދަނީ ވަކިންނެވެ. އެކަނިވެލާނެ ވަގުތުކޮޅެއް ނުލިބެއެވެ. ނަމަވެސް ދަރިޔަކު ހޯދަން މަސައްކަތްކުރާތީ ކޮންމެ ދެހަފްތާއަކުން އެއްފަހަރު ކޮޓަރި ކުއްޔަށް ނަގައިގެން ދަމެވެ. އެފަދައިން 2 އަހަރު ދުވަސް ހޭދަކުރީމެވެ. ބޭނުންވާ އުފާވެރި ނަތީޖާއެއް ނުލިބުނެވެ.

ކޯހުގައި ލަންކާއަށް ކުރި ދަތުރެއްގައި އަހަރެން ޑޮކްޓަރަށް ދެއްކީ މައްސަރު ކަންތަކުގައި ބަނޑުގައި ރިއްސާތީއެވެ. އެކަމާ ގުޅިގެން ކުރެވުނު ސްކޭނަކުން އަހަރެންގެ އަސްލު ބަލި ދެނެގަނެވުނެވެ. އެންޑޯމެޓްރިއޯސިސް އެވެ. އަހަރެންނަށް އެއީ ކޮންކަހަލަ ބައްޔެއްކަން އޭރުވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ފަރުވާ އެއް ނެތް ބައްޔެކެވެ. އެބަލީގައި ތަޙައްމަލްކުރަންޖެހޭ އުނދަގޫތަކަށް ވަގުތީ ފަރުވާއެއްގެ ގޮތުން ބޭސްދެއެވެ. އޭގެ އިތުރުން އެބަލިން ސަލާމަތްވެވެނީ ރަޙިމު ނަގައިގެންނެވެ.

ދަރިއެއްގެ އުފަލަށް އެދިއެދި ތިއްބާ އެކަން އެނގުމުން ވަރަށް ހިތާމަ ކުރީމެވެ. އެދުވަހު އަހަންނަށް އެންމެ ހިތްވަރުދިނީ ފިރިމީހާއެވެ. އޭނާ އަހަންނާއެކު އަބަދުވެސް ހުރެދޭނެކަމަށް ވަޢުދުވުމުން އެކަމާ ޝުކުރު ކުރީމެވެ. ކޯސް ނިންމާލުމަށްފަހު އަހަރެން އިންޑިއާއަށް ދިޔައީ އިތުރު ފަރުވާއެއް ލިބޭތޯއެވެ. އިންޑިޔާގެ ހޮސްޕިޓަލަކުން ލެޕްރޮސްކޮޕީ ހެދީމެވެ. އެ ފަރުވާއަށްފަހު އެނގުނީ ވަރަށް ވަރުގަދަޔަށް އެންޑޯމެޓްރިއޯސިސް ހުރިކަމެވެ. އަދި ރަހިމުގައި ދަރިމައިވާ ހުރިހާ ގުނަވަންތައް ތަތްވެފައި ހުރިކަމެވެ. އެ ސަރޖަރީއަށްފަހު، 6 މަސްތެރޭގައި ބަލިވެ ނީންނަ ނަމަ، އައި.ވީ.އެފް ހެދުމަށް ޑޮކްޓަރ އިރުޝާދު ދިނެވެ.

މާލޭގައި ދިރިއުޅެމުން ބޭސްކުރާނެ ފައިސާ އެއް ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އަހަރެން ބަދަލުވީ ރަށުގެ ޞިއްޙީ މަރުކަޒަށެވެ. އޭރު 6 މަސް ދުވަސް ފާއިތުވެއްޖެއެވެ. އަނެއްކާވެސް މައްސަރު ކަންތައް ޖެހުމުން ކުރިން އެޅި ވޭން އަޅަން ފެށިއެވެ. އެހެންކަމުން އަނެއްކާވެސް އަހަރެންގެ ބަލި ބޮޑުވާކަން އިހްސާސް ކުރެވުނެވެ. ބޭސްކުރަން ދާން އެއްކުރި ފައިސާއިން އަހަރެން ފުރަތަމަ ދިޔައީ ޢުމްރާއަކަށެވެ. އޭގެ ފަހުން އަނެއްކާވެސް ފައިސާ އެއްކުރަމުން ދިޔައީމެވެ. ނަމަވެސް ދަތުރަށް ތައްޔާރުވި އިރު ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެ ލޮކްޑައުން ކޮށްފިއެވެ. އެހެންކަމުން ފަރުވާ ލިބުން ލަސްވާތީ އަހަރެމެން ނުހަނު ކަންބޮޑުވިއެވެ. އެންމެ ދުވަހެއްވެސް ބޭކާރުވެ ދާކަށް ބޭނުމެއް ނޫނެވެ.

އަހަރެންގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ޢިބްރަތުން ފުރިގެންވާ ދުވަހެކޭ ހީވާންފެށީ އަނެއްކާވެސް އަހަންނަށް ކުރިމަތިލާންޖެހުނު ހިތްދަތި ކަމަކުންނެވެ. ޕީރިއަޑް ވެގެން ބަނޑުގައި ރިހޭ ވަރުން ޑޮކްޓަރަށް ދެއްކީމެވެ. ސްކޭންގެ ނަތީޖާ ލިބުމުން އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. ބިސްދަތުރު ކުރާ އެއް ހޮޅީފައި ފެން އުފެދިފައިވާކަމަށް ސްކޭނުން ދައްކައެވެ. އެހޮޅި ފަޅައިގެން ގޮސް ދާނެތީ އެ ހޮޅި ނަގަން ޖެހުނެވެ. ވަރަށް ރުއީމެވެ. ވަރަށް ހިތާމަ ކުރީމެވެ. އެއީ ދަރިޔަކު ހޯދުމަށް އަހަރެން ކުރަމުންދާ އުއްމީދުތައް ކުޑަވަމުންދާތީއެވެ. ފުރުޞަތުތައް ހަނިވަމުންދާތީއެވެ.

އޭގެ ފަހުން އަހަރެން އަބަދުވެސް ހުންނަނީ ހިތް ބިރުގަނެފައެވެ. ފިރިމީހާވެސް ވާނެ ދެރަ އިޙްސާސް ކުރެވެއެވެ. އަހަރެން ފަދައިން އޭނާވެސް ދަރިޔަކަށް އުއްމީދު ކުރާވަރު އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ޙާލަތަކީ ޚުދު އަހަންނަށްވެސް ބާރުފޯރުވޭނެ ކަމެއްނޫނެވެ. އެހެންކަމުން މާބޮޑަށް އެކަންކަމާމެދު އަހަންނަށް ވިސްނެންފެށުނެވެ.

އެންމެ ފަހުން އައިވީއެފް ހަދަން ދާން ނިންމީމެވެ. ލޮކްޑައުން އުވާލައި، އިންޑިއާއަށް ދިޔުމުގެ ހުއްދަ ލިބުމާއިއެކު އަހަރެމެން ފަރުވާއަށް ފުރީމެވެ. އައިވީއެފްގެ ފުރަތަމަ ބުރު ވީ ނާކާމިޔާބެވެ. ނަމަވެސް ދެވަނަ ފަހަރު ލިބުނީ ކާމިޔާބު ނަތީޖާއެކެވެ. އެދުވަހު އަހަންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. ފިރިމީހާވެސް ހަމަ އެފަދައެވެ. ދެމީހުންގެ ލޯބިވެސް އިތުރު ހަރުފަތަކަށް މައްޗަށް ޖެހިލިހެންވެސް އަހަންނަށް ހީވިއެވެ. އަހަރެމެންނަށް ދަރިޔަކު ލިބެނީއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އުފަލުން ހެވެއެވެ. ނަމަވެސް އެ އުފާވެރިކަމަކީ ވަގުތީ ކަމެއްކަން އަހަންނަށް އެނގުނީ ކުރެވުނު ސްކޭނަކުންނެވެ. އެމްބްރިޔޯ އަށަގަތީ ބާކީ އިން ބިސްދަތުރުކުރާ ހޮޅީގައެވެ. އެހެންކަމުން އެމަރޖެންސީކޮށް އެ ހޮޅިވެސް ނަގަން ޖެހުނެވެ. ނޯމަލްކޮށް ދަރިޔަކު ހޯދުމުގެ ދޮރު އަހަންނަށް ތާއަބަދަށް ބަންދުވީއެވެ. އެހިނދު ހިތްދަތިކަމުގެ ކޮޅެއްނެތޭ ހީކުރެވުނެވެ.

އަހަންނަށް ހިމޭން ވެވުނެވެ. ގޮތް ހުސްވިއެވެ. ހުރިހާ އުއްމީދެއް ނާއުއްމީދު ވެގެން ދިޔައެވެ. ނަމަވެސް ދަރިޔަކު ހޯދުމަށްޓަކައި އަހަންނަށް އޮތީ ހަމައެކަނި އައިވީއެފް ހެދުން ކަމުގައި ޑޮކްޓަރ ބުނުމުން ތިންވަނަ ފަހަރުވެސް އައިވީއެފް ހެދީމެވެ. ނަމަވެސް އެފަހަރުވީ ނާކާމިޔާބެވެ. އެ ނެގެޓިވް ނަތީޖާއާއެކު އަހަރެންގެ ފިރިމީހާއަށްވެސް ބަދަލު ތަކެއް އަންނަން ފަށައިފިކަން އިޙްސާސްވިއެވެ. އޭނާ ކަމަކާ ވަރަށް ވިސްނާކަން އެނގުނެވެ. އަހަންނާ ކުޑަކޮށް ދުރުވާހެންވެސް ހީވިއެވެ. ނަމަވެސް ކެތްތެރިވީމެވެ. އެނގޭ ކަމަކަށް ނަހަދަމެވެ. ޝަކުވާ ނުކޮށް ހުރީ 4 ވަނަ ފަހަރުވެސް އައިވީއެފް ހަދަން ބޭނުންވާތީއެވެ. ހަމައެކަނި ލޯބިލޯބިދަރިޔަކަށްޓަކައެވެ. އަހަރެން ހިތްވަރު އެލުވައެއް ނުލަމެވެ. 5 މަސްފަހުން އެނބުރި އިންޑިޔާއަށް އަންނަން ބޭހާއި އިންޖެކްޝަން ނަގައިގެން އަހަރެން ރާއްޖެ އައިސް ވަޒީފާއަށްވެސް ނިކުތީމެވެ.

އަހަރެމެންގެ ކައިވެންޏަށް 11 އަހަރު ވަނީއެވެ. 4ވަނަ ފަހަރަށް އައިވީއެފް ހަދަން ދާން 2 މަސް ދުވަހަށް ވެއްޖެއެވެ. އެއްދުވަހަކު ފިރިމީހާ އައިސް ދެއަނތްބަށް ކައިވެނިކުރަން ބޭނުންވާ ވާހަކަ އަހަރެންގާތު ބުންޏެވެ. ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ނަމަވެސް އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. ދަރިޔަކު ހޯދުމުގައި އަހަރެންގެ މައްސަލަތަކެއް ހުރިކަން އެނގުނު ދުވަހު އަހަރެން އޮންނާނީ އެކަމުގެ ރުހުން ދީފައެވެ. އެކަމަކުވެސް އަހަރެންގެ މޭގައިވެސް މިވަނީ ހިތެކެވެ. ވިންދު ޖަހަނީ ލޯބިވާ ފިރިމީހާގެ ލޯތްބަށްޓަކައެވެ. ވީއިރު އަހަރެން ދެރަ ނުވާނެ ހެއްޔެވެ؟ ނަމަވެސް އޭނާ އެކަމަށް ބޭނުން ވެގެން އެދުމުން އަހަރެން ހަމަ އެ ނޭވައިގައި އެއްބަސްވީމެވެ. އަދި ކައިވެނި ކުރަނީ ކާކާތޯ ސުވާލުކޮށްލެވުނެވެ. ޖަވާބުގައި ފުރަތަމަ ލޯބިވެރިޔާ ކަމުގައި އޭނާ ބުންޏެވެ. އަދި އެ ލޯބިވެރިޔާގެ ފުރަތަމަ ކައިވެންޏަށް ދަރިޔަކު ހުންނަކަމުގައިވެސް ބުންޏެވެ.

އަހަރެން ހިތުގައި އަތް އަޅާލައިގެން ހުރެ އެކަން ކުރާށޭ ބުނީމެވެ. ނަމަވެސް އެ އަންހެން ކުއްޖާގާތު ފިރިމީހާއާ ކައިވެނިކުރަން އެދެން ޖެހުނީ އަހަންނަށެވެ. ފިރިމީހާގެ އުފަލަށްޓަކައި އަހަރެން އޭނާގެ އެދުމަށް އެކަންވެސް ކުރީމެވެ. އަހަރެންގެ ފިރިމީހާއާ ދެއަނތްބަށް އިންނަން ކެރޭނެތޯ އަހަރެން އެހީމެވެ. އޭނާ ބުނިގޮތުން އޭނާ އުޅެނީ މީހަކާއި ރައްޓެހިވެގެންނެވެ. އަހަރެން އޭނާގެ ޖަވާބު ފިރިމީހާއަށް ރައްދުކޮށްދިނީމެވެ. ފިރިމީހާގެ މޫނުމަތިން އޭނާ އެކަމާ މާޔޫސްވިވަރު އަހަންނަށް ފެނުނެވެ.

ޖެހިގެން އައި ދުވަހެވެ. އަހަރެންގެ ފިރިމީހާއާ އިންނަން ތައްޔާރު ކަމަށް ބުނެ އޭނާގެ މެސެޖެއް އަހަންނަށް ލިބުނެވެ.ވަރަށް ދެރަވިއެވެ. ނަމަވެސް ކުރިއަށް ގެންދާށޭ އަހަރެންވެސް ބުނީމެވެ. ނަމަވެސް ދެން ލިބުނު މެސެޖުން އަހަރެންގެ މޭކަރައިލިއެވެ. ދެއަނތްބަށް އިންނަން އޭނާގެ މަންމަ ޤަބޫލެއް ނޫނޭ ބުންޏެވެ. ދެން ކަންތައްވާނީ ކިހިނެއްކަން ނޭނގޭ ޙާލު އެކަމުގައި އަހަރެން ކުރާނެކަމެއްނެތޭ ބުނީމެވެ.

ފިރިމީހާގާތު އަހަރެން އެހުރިހާ ވާހަކައެއް ދެއްކީމެވެ. އެއާއިއެކު ފިރިމީހާއަށް ރުޅި އާދެވުނީ އަހަރެން ދެކެއެވެ. އަހަންނާ އިނދެގެން އުޅެންވެސް އޭނާ ބޭނުން ނުވާ ކަހަލައެވެ. އަހަރެންގެ ސަބަބުން އޭނާއަށް ދަރިޔަކު ނުލިބޭތީ ކުރެވެމުންދިޔަ އިޙްސާސްތައް އަހަރެންގެ ފައިބުޑަށް ބަންޑުން ކޮށްލިއެވެ. އޭނާއަށް އުފާވެރިކަން ލިބެން އޮތް މަގެއްވިއްޔާ އަހަރެންގެ ސަބަބުން ބަންދުވާ ކަމުގެ އިޙްސާސްތައް އަހަންނަށްވެސް ކުރެވެން ފެށިއެވެ. އަހަރެން ވަރަށް ކެތްކުރީމެވެ. އަހަރެންގެ ހުރިހާ ކަމެއް މާތްﷲއަށް ދޫކޮށްލައި، އިސްތިހާރާ ނަމާދު ކުރީމެވެ. އެއަށްފަހު ފިރިމީހާ ބޭނުންވި ގޮތަށް ވަރިވާން ފޯރމްވެސް ލީ އަހަންނެވެ. އެކަމާ ފިރިމީހާގެ މަންމަމެން ވަރަށް ހިތްހަމަ ނުޖެހުނެވެ. އަހަރެމެން ވަރިވާން އެ އާއިލާ މީހުންވެސް ޤަބޫލެއް ނޫނެވެ. އެހެންކަމުން ކޯޓުގައި ދެމީހުން އެއްބަސްވީ އެކުގައި އުޅޭށެވެ. ލޯބިވާ ފިރިމީހާއާއެކު އުޅެލަން އިތުރު ފުރުޞަތެއް މިންވަރު ކުރެއްވީތީ އަހަރެން ޝުކުރުވެރިވީމެވެ. އަހަރެން އޭނާއާ ކައިވެނިކުރީ މުޅި ޢުމުރަށް އެކުގައި އުޅޭށެވެ. ދެދުނިޔޭގައިވެސް އެއީ އަހަރެންގެ ލޯބި ކަމުގައި ބަލައިގެން އެކުގައި ސުވަރުގެދާން ބޭނުންވާތީއެވެ.

އޭގެ ފަހުން ފިރިމީހާ މުޅިން ތަފާތު ވެއްޖެއެވެ. އަހަންނާ ދުރުވާން ފެށިއެވެ. ވާހަކަ މަދުވެ، އަހަރެންގާތު ވަގުތު ހޭދަކުރުން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެހެންކަމުން އެކަކު އަނެކަކަށް ޝަކުވާ ކުރެވެން ފެށުނެވެ. ޚުދު އަހަރެންގެ އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވެނީއެވެ. އޭނާގެ ޢަމަލުތައް ބަހައްޓާގޮތުން މިހާރު އޭނާއަށް އަހަރެން މުޙިއްމު ނުވާކަން އަހަންނަށް އެނގުނެވެ. އެހެންކަމުން ފުރަތަމަ ލޯބިވެރިޔާއާ އޮންނަ ގުޅުން ވަރުގަދަ ވަމުންދަނީކަން އަހަންނަށް އެނގުނެވެ. އޭރުވެސް އަހަރެން ދިޔައީ 4 ވަނަ ފަހަރަށް އައިވީއެފް ހަދަން ދެވޭނެކަމުގެ އުއްމީދުގައި ގިނަ ޢަދަދަކަށް ބޭސްކަމުންނެވެ. ނަމަވެސް މިހާރު އަހަރެންގެ ފިރިމީހާ ހުރީ އަހަރެން އަތްފޯރާ ފަށަށްވުރެ މާ ދުރުގައެވެ. ގާތުގައި ހުރެމެ ، އަތް ނުޖެހޭހާ ދުރުގައެވެ. އެއީ އަހަންނަށް އިޙްސާސްވާގޮތެވެ.

ފިރިމީހާ ބޭނުންވާ ފަދައިން ދެއަނތްބަށް އިންނަން ހުއްދަ ދިނީ އޭނާއަށް ދަރިޔަކު މިންވަރު ކުރައްވާނެކަމުގެ އުއްމީދުގައެވެ. އޭނާއާމެދު އަހަރެން ވިސްނާތީއެވެ. އޭނާގެ އުފާ އަހަންނަށް މުޙިއްމުވީތީއެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި އިންނަން އަހަރެން ކިތަންމެހާވެސް ބޭނުންވިއެވެ. އޭނާގެ ލޯބި އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް އޭނާ އަހަރެން އެއްފަރާތްކޮށްލީއެވެ. ބާކީ ކޮށްލީއެވެ. އެހެންކަމުން އޭނާއާ ދުރަށް ދާން މަޖުބޫރުވެއްޖެކަން އިޙްސާސް ކުރެވި، އަމިއްލައަށް ވަރިއަށް އެދުނީމެވެ. އިތުރު ގޮތެއް ނެތީމައެވެ. ހަމައެކަނި ފިރިމީހާގެ އުފަލަށްޓަކައެވެ.

އަހަރެން ބިކަވީއެވެ. ބާކީ ވީއެވެ. ދަރިން ލިބުމުން މަޙްރޫމް ވުމުގެ ސަބަބުން ދުނިޔެއަށް ގިނަވީއެވެ. ޤުދުރަތުގެ ނިޔާގެ ސަބަބުން އޭނާ އަހަރެން ކުށްވެރިކުރީއެވެ. އަހަރެން އެންމެ ދެރަވީ، އިތުރު ކައިވެންޏެއް ކުރަން ރުހުމުންވެސް އަހަރެން ބާކީ ކޮށްލީމައެވެ. އެ ދިރިއުޅުމުގެ ހުޅުކޮޅު ނިވެމުން ނިވެމުން ދަނިކޮށް އަތް އަޅައި ނިއްވާލީ އަހަރެންގެ އަތުންނެވެ. ދެލޮލުން ކަރުނަ ފައިބާޙާލުގައެވެ.

ނިމުނީ

(ނިމުނީ)