މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތޢި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި ޖުލައި މަހުގެ 25 ގައ ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުން އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ.

Ad
rt

މި ބައްދަލުކުރެއްވުމަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތްއަރުވާފައިވާ ބޭފުޅުންނުންނަށް ގެންދަވަނީ ދައުވަތު އަރުވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވިބޭފުޅުންނަށް ވެސް ދައުވަތު ދެއްވާނެއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާގެ ބައެއް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައިތިއްބެވި ބޭފުޅުންނަށް ވެސް ދަނީ ދައުވަތު ދެއްވަމުންނެވެ.

ހަމަމިއާއެކު ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެބޭފުޅުންނާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ސިވިލް ސާވިސްއާއި ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ރައީސް އޮފީހުން ދައްުވަތު ދެއްވާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށާއި، ޒުވާނުންނަށާއި އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ވެސް ފޮނުއްވާނެ ކަމަށެވެ.

ރައިސް އޮފީހުން އިތުރަށް ވިދާޅުވީ ހާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ އިތުރަށް، ޔުނިވާސިޓީއާއި ކޮލެޖުތަކާއި ސްކޫލްތަކުގެ ދަރިވަރންނަށް ވެސް ރަސްމީ ބައްދަލުކުރެއްވުމަށް ދައުވަތު އަރުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.