ލީގު ކަޕްގައި އިންޓަ މިއާމީއާއި މެކްސިކޯގެ ކްރޫޒް އަޒުލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެސީ ލަނޑުޖަހައި އިންޓަ މިއާމީ މޮޅުކޮށްދީފިއެވެ. މި މެޗު ނިމިގެން ދިޔައީ 2-1 އިން އިންޓަ މިއާމީ މޮޅުވެގެންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓަ މިއާމީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓް ޓޭލާއެވެ.

Ad
rt

މެޗުގައި މެސީ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައެވެ. މެސީ ކުޅެން ނުކުމެ މެޗުގެ ފަހުބައިގައި ކެޕްޓަން ބޭންޑް ވެސް އެޅީ އޭނާއެވެ. މެޗުގައި ކްރޫޒް އަޒުލް ނަތީޖާ ހަމަހަމަ ކުރީ 66 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އުރިއެލް އަޓުނާއެވެ. މި މެޗުގެ ފަހު ހާފުގައި ބާސާއިން އިންޓަ މިއާމީއަށް ބަދަލުވި ސާޖިއޯ ބަސްކެޓް ވެސް ވަނީ ކުޅެން ނުކުމެފައެވެ.

މެޗުން އިންޓަ މިއާމީ މޮޅުކޮށްދިން ލަނޑު މެސީ ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކްރޫޒް އަޒުލްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ މަތީކަނަށް ވައްދާލައިގެންނެވެ.

ފްރާންސްގެ ޕީއެސްޖީ ދޫކޮށް މެސީ އިންޓަ މިއާމީއާއި ގުޅުމަށް ފަހު ރޭ މެޗަކީ އޭނާ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ފާއިތުވި ދެ ސީޒަންގައި މެސީ ޕީއެސްޖީގައި ހޭދަކުރި އިރު އޭނާ ވަނީ އެ ޓީމަށް ކުޅުނު 75 މެޗުގައި 32 ލަނޑު ޖަހާފައެވެ. އެ ދެ ސީޒަންގައި ވެސް މެސީ ވަނީ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ.