ޗެލްސީއަށް ކުޅެމުންއައި ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އައުބަމެޔަން ފްރާންސް ލީގުގެ މާސޭއަށް ބަދަލުވެއްޖެއެވެ.
އުމުރުން 34 އަހަރުގެ އައުބަމެޔަން މާސޭއަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާއަށް އެ ކުލަބުން ކުރާ އެއްވެސް ޚަރަދެއްގެ ތައްފްސީލް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2015 ވަނަ އަހަރު ހޯދު އައުބަމެޔަންގެ ކެރިއާގެ އެންމެ މޮޅު ކުޅުމެއް ދެއްކީ އޭނާ 2013 ވަނަ އަހަރުން 2018 ވަނަ އަހަރާއި ދެމެދު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގައި ހޭދަކުރި ދުވަސްތަކުގައެވެ.
2018 ވަނަ އަހަރު އާސެނަލްއަށް ބަދަލުވެ އެ ޓީމުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފަހުން އޭނާގެ ފޯމް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ބާސާގެ ކޯޗުކަމާއި ޒަވީ ހަވާލުވެ އެ ޓީމަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އައުބަމެޔަން ހިމެނެއެވެ. އޭނާ ބާސާއާއި ގުޅިފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އޭނާ ވަނީ ބާސާއަށް ކުޅުނު 23 މެޗުގައި 12 ލަނޑު ޖަހާފައެވެ. ނަމަވެސް ބާސާއިން ވަނީ 2022 ވަނަ އަހަރު ސެޕްޓެމްބަރ މަހު އައުބަމެޔަން ޗެލްސީއަށް ވިއްކާލާފައެވެ. އެއަށްފަހު އޭނާއަށް ޗެލްސީގެ ފުރަތަމަ އެގާރައިން ދާއިމީކޮށް ޖާގަ ނުލިބެއެވެ. ޗެލްސީއަށް ކުޅެދިން 22 މެޗުގައި އޭނާއަށް ޖެހުނީ ވެސް އެންމެ ތިނަ ލަނޑެވެ.
ޗެލްސީގެ ކޯޗުކަމާއި ޕޮޗެޓީނޯ ހަވާލުވެ އައު ސީޒަނަށް ޓީމް ތައްޔާރުކުރަން ފަށާފައިވާއިރު އެ ޓީމުން ވަނީ އައުބަމެޔަންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ވިއްކާލާފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މަޓެއޯ ކޮވެސިޗް، ކައި ހަވާޓްޒް، މޭސަން މައުންޓް، އެޑުއާޑް މެންޑީ، ކަލިދޫ ކުލިބާލީ، އެންގޯލޯ ކަންޓޭ، ލޮފްޓަސް ޗީކް، ޕުލިސިޗްގެ އިތުރުން އަޒްޕިލްކުއޭޓާ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!