ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވުމަށް ނިންމާފައިވާ "ދިވެހީންގެ ސުލްހަވެރި ހިނގާލުން" ކެންސަލްކޮށްފިއެވެ.
އެ ކޯލިޝަނުން ބުނީ މި ހިނގާލުން ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ކުރިއަށް ލަފާކުރާގޮތުން ވެސް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުން އެކަށީގެންވާތީ ކަމަށެވެ.
މި ހިނގާލުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ. އެ ކޯލިޝަނުން މިފަދަ ހިނގާލުންތައް ބާއްވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެފަދަ ހިނގައިލުމާއި އިހުތިޖާޖުތަކުގައި ޔާމީން މިނިވަން ކުރުމަށް ގޮވައިލާ، އަދި އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ކުރުމަށާއި ސަރުކާރާއި ދެކޮޅު ލިޔުން ލިޔެފައިވާ ޕޯސްޓަރުތައް ދަނީ ބޭނުން ކުރަމުންނެވެ.
މީގެ އިތުރުން ޔާމީން މިނިވަން ކުރުމަށް ގޮވައިލާ އަޑު ވެސް ދަނީ އުފުލަމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ހުއްޓިފައި މިވަގުތު އޮތީ ހުއްޓިފައެވެ. އެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާއި ގުޅިގެންނެވެ.
އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!