ސަން ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

Ad
rt

އެ ދައުވާ ކުރަނީ ބޭރުގެ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ސަން ކުންފުނިން މެދުވެރިކޮށް ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ކްރިކް ރިޒާގެ މައްޗަށް ކުރިޔަސް، އޭނާގެ ބައި ދައުލަތުން ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ސަން ކުންފުނީގެ ފައިސާއާ ބެހޭ މަގާމެއް އަދާކުރި ރާއްޖެ އިން ބޭރުގެ މުވައްޒަފަކު ހެކިބަސް ދެމުން ބުނީ ޑޮލަރު މާރުކުރަން ޖެހޭ ކަމަށް ސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އޭނާ ގާތު އޭރު ބުނި ކަމަށެވެ.

ފަހުން ސަން ކުންފުނީގެ މުވައްޒަފެއް ކަމަށްވާ މައުރޫފް ކިޔާ މީހަކާ އެކު ރިޒާ ކިޔާ މީހަކު ގޮސް ޗެކެއް ދިން ކަމަށާއި އެ ޗެކުން ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާކުރި ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެ ފައިސާ ސަން އިންވެސްޓްމަންޓްގެ އެކައުންޓަކަށް ފޮނުވި ފަހުން ޔާމީންގެ ފަރާތުން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް ބުނާ ލިޔުމެއް ހިފައިގެން ސަންގެ މުވައްޒަފާއި ރިޒާ ކިޔާ މީހާ އަނެއްކާވެސް ދިޔަ އެވެ.

އެހެންވެ، ސަން އިންވެސްޓްމަންޓްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް ޑޮލަރު ޖަމާކުރަން ޗެކެއް ދިން ކަމަށާއި އޭގެ ރިސިޓް ވެސް ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ ނަގުދު ފައިސާ އިން ލިބުނުކަން ނޭނގޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާގެ ހެކިބަސް އޮންލައިން ނެގުމުގައި ދަތިތައް ކުރިމަތިވާން ފެށުމުން އޭނާ ކޯޓަށް ހާޒިރު ކޮށްގެން ހެކިބަސް ނަގަން ނިންމި އެވެ.

ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނަގަން ހާޒިރުކުރީ ސައުދީ އަރަބިއާގައި ހުރި ރާއްޖޭގެ ކޮންސިއުލޭޓަކަށެވެ. ނަމަވެސް ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ބޭރުގައި ތިބޭ މީހުންގެ ހެކިބަސް ނެގޭނީ އެމްބަސީއަކަށް ހާޒިރުކޮށްގެން ކަމަށް ވާތީ އެގޮތަށް ހެކިބަސް ނަގަން ދިފާއީ ވަކީލުން ދެކޮޅު ހެދި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ކޮންސިއުލޭޓެއްގައި ހެކިބަސް ނުނެގޭނެ ކަމަށެވެ. އަދި އޭނާގެ ބައި ފަސްކުރަން ގާޒީ ނިންމެވި އެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ.