ދިވެހިންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމްގެ ތަޖުރިބާއިން ކަށަވަރުކޮށްދޭކަމަށް އެމަނިކުފާނުގެ ތަރުޖަމާނު، ކުރީގެ ވަޒީރު ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، ރޭ ވީޓީވީން "ޤާސިމް ކީއްވެ؟'' މައުލޫއަށް ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފް މޮޑަރޭޓް ކުރެއްވި މި ޕެނަލް ޑިސްކަޝަންގައި އަމީން މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އަންނަ ރިޔާސީ އިންތިޚާބުގައި ޤާސިމް އިޚްތިޔާރު ކުރަންވީ ކީއްވެތޯ ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިމާދުގެ ސުވާލު: ''ކޮންމެ ސަރުކާރެއް އަންނައިރު ސިއްހީ ޚިދުމަތުގެ އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމަކީ ވަޢުދެއް، ނަމަވެސް ދައުރުތައް ނިމިގެންދާއިރު މާބޮޑުކަމެއް ނުކުރެވޭ، ހޮސްޕިޓަލްތަކުގެ ޢަދަދު އެބަ އިތުރުވޭ، ޓާޝަރީ ހޮސްޕިޓަލް އެބައަޅާ، ނަމަވެސް ހަގީގަތަކީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އަސާސީ ޚިދުމަތް ލިބެންނެތި ރަށްރަށުގެ މީހުން މާލެ އަންނަންޖެހުމާއި އަދި މާލެއިން ވެސް ލިބެން ނެތިގެން ރާއްޖޭން ބޭރަށް ދާންޖެހުން، އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ޤާސިމް އިޚްތިޔާކުރަންވީ ކީއްވެގެންތޯ؟ ހެލްތުކެއާ ސިސްޓަމާ ދޭތެރޭ ވިސްނުމަކީ ކޮބައިތޯ؟''
އިމާދުގެ ސުވާލަށް ޖަވާބު ދެއްވަމުން ކުރިން ސިއްހީ ވަޒީރުކަން ވެސް ކުރެއްވި އަމީން ވިދާޅުވީ، ޤާސިމް އިޚްތިޔާރު ކުރަންޖެހޭ ސަބަބަކީ ޤާސިމްގެ ތަޖުރިބާ ބޮޑު ޔަގީންކަމެއްދޭތީ ކަމަށެވެ.
''ސިއްހީ ދާއިރާ ކަމަށް ވިޔަސް އިގްތިސޯދީ ދާއިރާ ކަމަށް ވިޔަސް ރާއްޖޭގައި މިހާރު ގިރާކުރަން މިއުޅޭ ހަރުފަތާއި ހަމައިން އަޅުގަނޑުމެން ދެތިންކަމެއް ވިސްނާލަންޖެހޭ، ވިސްނާލާއިރު ކުރިއަށް ރިޔާސީ ދައުރުގައި ރައީސުލްޖުމްޙޫރިއްޔާ ކަމަށް ޤާސިމް ކީއްވެގެންތޯ ކަމުދަނީ އެއާ މި ދޭތި ގުޅުވާލަން މިޖެހެނީ'' އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ޑިޒިޝަން ނެންގެވޭވަރުގެ ވެރިއެއް ރާއްޖެއަށް މިހާރު ބޭނުންވާކަމަށެވެ. އަދި ރާއްޖެއަށް ޖެހިލުން ކުޑަ އިންވެސްޓަރެއް ބޭނުންވާ ކަމަށާއި، ނިންމުންތައް ނިންމާއިރު ފައިވާނުގެ ކުރިއަށް ވިސްނާ މީހަކު ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.
''ހުރިހާ ރޮނގަކުން ވިސްނާއިރު ވެސް ޤާސިމަކީ ކަންކަމުގައި ވަރަށް ދުރަށް ވިސްނުން ގެންގުޅުއްވާ ބޭފުޅެއް، 30 އަހަރު 50 އަހަރު 100 އަހަރު ދުރަށް ކަންކަން ނިންމަންޖެހޭ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ދަންނަވާކަމަށް ވަންޏާ ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ފައިވާނުގެ ކުރިއާއި ހަމައަށް އިންވެސްޓް ކުރުން،'' އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ސިއްހީ ދާއިރާގައި މިވަގުތު ރާއްޖޭގައި ކަންކަން ނިންމަންޖެހެނީ މީގެ 50 އަހަރު 30 އަހަރަށް ވުރެވެސް ދުރަށް ވިސްނައިގެން ކަމަށެވެ. އަދި އެފަދަ ނިންމުންތަކުން ފައިދާ ކުރާނީ ވެސް އޭރުން ކަމަށެވެ. އެހެންނޫނީ އަޅުގަނޑުމެން ހޮސްޕިޓަލެއްގައި އެކްސްޓެންޝަނެއް ހަދާފައި އަނެއްކާ ތިން އަހަރުފަހުން އެކަމަށް ޚަރަދު ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން ފަސް އަހަރު ތެރޭގައި އެކުރާ ޚަރަދަކީ އެއީ ސިއްހީ ނުވަތަ އެނޫން ދާއިރާއެއް ކަމަށް ވިޔަސް 50 އަހަރުގެ އިންފްރާސްޓަކްޗާ، ނުވަތަ 50 އަހަރަށް ބޭނުންވާ ޚަރަދަކަށް ބައެއްފަހަރުވެގެންދާކަމަށް ވެސް އަމީން ވިދާޅުވިއެވެ.
''މިކަންކަން ކުރުމުގައި ޤާސިމްގެ ތަޖުރިބާ އެމަނިކުފާނުގެ މައްޗަށް ވަރަށް ބޮޑު ޔަގީންކަމެއްދޭ، އެއީ މީގެ 10 ވަރަކަށް 15 ވަރަކަށް އަހަރު ކުރިން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ މިހާރު ވިސްނާލީމަ އެނގޭ ވަރަށް ދުރަށް ވިސްނަވާފަ ކުރެއްވި ކަންތައްތަކެއްކަން،'' އަމީން ވިދާޅުވިއެވެ.
އެކަމުގެ ވަރަށް އާދައިގެ މިސާލެއް ކަމަށް ވިދާޅުވި، އަމީން ވިދާޅުވެ ދެއްވީ ޤާސިމް ކުރިން ދިވެހި ރައްޔިތުން އިންޑިއާ އަށް ފޮނުވައިގެން ބޭސްކޮށްދިން ދިނުމާއެވެ.
''އޭރު ރާއްޖެއިން ލިބެންނެތް ސިއްޚީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހުނު، ތަނަވަސްކަމުގެ ގޮތުން ބޭރަށް ދެވެންނެތް ޒަމާނެއްގައި އެހެންގޮތަކަށް ދަންނަވާކަމަށް ވަންޏާ އެ ތަޢާރަފްކުރެއްވި އިންސުއަރެންސް ސްކީމް، މީހުންނަށް ސިއްހީ ގޮތުން އެހީތެރިވުމުގެ ބޮޑު ޚަރަކާތް، އޭރުވެސް އެމީހާ ހާސްކަމެއްނެތި ސިއްޚީ ފަރުވާ ލިބޭނެ ސިއްޚީ ޚިދުމަތު ނިޒާމެއް ޤާސިމް ގެންގުޅުއްވި،'' އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ޤާސިމް އެހީތެރިކަމުގައި އޭރު ބޭސްފަރުވާއަށް ދިޔުމުގައި ހާސްކަމެއް ނެތް ކަމަށާއި، ބަލިމީހާގެ ފަރުވާގެ އެއްވެސް ހާސްކަމެއް އޭރު ނެތް ކަމަށެވެ. ބަލިމީހާ ހުރުމުގެ ހާސްކަމެއް، އަދި އޭނާ ދަތުރުފަތުރުގެ ހާސްކަމެއް ވެސް އޭރު ނެތް ކަމަށް އަމީން ވިދާޅުވިއެވެ.
''އެހެންނަމަވެސް އަޅުގަނޑުމެން އަދިވެސް މިއުޅެނީ ހާސްކަމެއްނެތް ނިޒާމެއް ނުގެނެވިގެން، މީގެ 15 އަހަރު ކުރިން އެމަނިކުފާނު އަޅުގަނޑުމެންނަށް ދައްކައިދިން ހާސްކަމެއްނެތް ނިޒާމެއްގެ މިންވަރެއް، އެހެންވީމަ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުފަދަ ފަހުގެ ފަހުގެ ނިންމުން ނިންމާ އިޚްތިޔާރުލިބޭ މަޤާމެއް ލިބިވަޑައިގެންފިނަމަ އަޅުގަނޑަށް ޝައްކެތްނެތް އެމަނިކުފާނު ހާސްކަމެއް ނިޒާމެއް ގެނެސްދެއްވާނެ،'' އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ސިއްހީ ނިޒާމު ވެސް ހާސްކަމެއް ނެތް ދުވަސްތަކަކަށް ބޭނުންވާކަމަށްވަންޏާ ޤާސިމް ބޭނުންވާ ކަމަށެވެ. އަދި ޤާސިމް ބޭނުންވާ ކަމަށް މިދަންނަވަނީ އެހެންވެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!