މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ހުނަރުވެރި ފޯވާޑް މާކަސް ރަޝްފޯޑް އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ރަޝްފޯޑް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައި، އޭނާ މިވަނީ އިތުރު ފަސްއަހަރު ޔުނައިޓެގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ.
މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ ކޯޗުކަމާއި އެރިކް ޓެން ހާގް ހަވާލުވެ އެ ޓީމަށް އިރުޝާދު ދޭންފެށި ފަހުން ރަޝްފޯޑު އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އޭނާ މިދިޔަ ސީޒަންގައި ޔުނައިޓެޑަށް ކުޅުނު 56 މެޗުގައި ވަނީ 30 ލަނޑު ޖަހާފައެވެ.
އެއްބަސްވުން އައު ކުރުމަށް ފަހު ރަޝްފޯޑް ބުނީ ހުވަފެންތަކަކާއިއެކު އޭނާ ޔުނައިޓެޑާއި ގުޅުނީ އޭނާގެ އުމުރުން އެންމެ ހަތް އަހަރުގައި ކަމަށާއި، ޔުނައިޓެޑްގެ ޖޯޒީ ލުމުގެ ޝަރަފްލިބޭ ކޮންމެ ފަހަރަކު އޮތީ ޝަރަފްވެރިކަމާއި ފަހުރުވެރިކަމާއިއެކު ކާމިޔާބު ހޯދަން އޮތް ވަރުގަދަ އަޒުމް ކަމަށެވެ.
ރަޝްފޯޑް އިތުރަށް ބުނީ މިހާރު ވެސް ޔުނައިޓެޑްގައި ރަނގަޅު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ޔުނައިޓެޑާއިއެކު އިތުރު ކާމިޔާބުތައް ހޯދަން ބޭނުންވާ ކަމަށެވެ.
ރަޝްފޯޑަކީ އިންގްލެންޑް ގައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. އެންމެ ފަހުން ބޭއްވި ޔޫރޯއާއި ވޯލްޑް ކަޕްގައި ވާދަކުރި އިންގްލެންޑް ޓީމުގައި ރަޝްފޯޑް ވަނީ ހިމެނިގެން ކުޅެފައެވެ.
ރަޝްފޯޑް ޔުނައިޓެޑަށް މިހާތަނަށް 359 މެޗު ކުޅެ 123 ލަނޑު ވަނީ ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!