ފާއިތުވި ސީޒަންގައި އިޓަލީގެ ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ދެކުނު ކޮރެއާގެ ސެންޓަ ޑިފެންޑަރ ކިމް މިން-ޖޭ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.
އުމުރުން 26 އަހަރުގެ ކިމް ޖަރުމަނުގެ ޗެމްޕިއަން ބަޔާންއާއި ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާގޮތުން ބަޔާނުން ވަނީ ކިމްގެ ރިލީޒް ކްލޯޒްގެ ގޮތުގައި 50 މިލިއަން ޔޫރޯ ދައްކާފައެވެ.
ނަޕޯލީން ތިރީސް އަހަރަށް ފަހު މިދިޔަ ސީޒަންގައި އިޓަލީ ލީގު ކާމިޔާބު ކުރިއިރު އެ ޓީމްގެ ފަހަތުގައި ކިމް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އިޓާލިއަން ލީގުގެ މޮޅު ޑިފެންޑަރގެ މަގާމު ވެސް ހޯދީ އޭނާއެވެ. ނިމިދިޔަ ސީޒަންގައި އިޓާލިއަން ލީގުގައި ނަޕޯލީއަށް ކިމް ވަނީ 35 މެޗު ކުޅެދީފައެވެ.
ކިމްއަކީ ކޮރެއާގެ ޑިފެންސްގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަމަށް ކޮރެއާ ޓީމަށް 49 މެޗު ކުޅެފައެވެ.
ބަޔާންއާއި ގުޅުމަށް ފަހު ކިމް ބުނީ ބަޔާންއާއި ގުޅުމަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް ކަމަށާއި، ބަޔާނުގައި ކުރިއެރުން ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއާގެ އައު ފެށުމެއް ކަމަށެވެ.
ކިމް އަކީ 2022 ވަނަ އަހަރު ތުރުކީގެ ފެނަބާޗޭއިން ނަޕޯލީއަށް ގެނައި ކުޅުންތެރިއެކެވެ.
އައު ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން އައު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ބަޔާނުން ކުރަމުން އަންނައިރު، އެ ޓީމުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ހޯދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!