ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް ޚާއްސަ ބިޒްނަސް ސެންޓަރެއް މި އަންނަ އަހަރު ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.
ޓިމް ސޯޔަރ މިހެން ވިދާޅުވެފައިވަނީ ރޭ ހުޅުމާލޭ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވަމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ބިޒްނަސް ސެންޓަރު ރޭ ހުޅުމާލޭގައި ހުޅުވައިދެއްވީ މިކަމަށް ހާއްސަ ކުރެވިގެން ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. މި ބިޒްނަސް ސެންޓަރު ހުންނަނީ ހުޅުމާލޭ ރެނާޓަސް އިތާމުއި ބިލްޑިންގ ގައެވެ.
މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭއިރު ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ. މީގެއިތުރުން ޕަރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެއެވެ.
މި ހިދުމަތާއެކު، ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެން ދާނެއެވެ.
މިދިޔަ މަހު ބީއެމްއެލްއިން ވަނީ މާލޭގައި ވެސް ބިޒްނަސް ސެންޓަރެއް ހުޅުވާފައެވެ. ރޭ ހުޅުމާލޭގައި މިފަދަ ސެންޓަރެއް ހުޅުވިއިރު އަންނަ އަހަރު ކުޅުދުއްފުށީގައި މި ހިދުމަތް ފަށަނެ ކަމަށް ޓިމް ވަނީ ފާހަގަކުރައްވާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!