ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރަށްވައިފިއެވެ.
ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ޕީއެޗްޑީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިންނެވެ.
ދިވެހި އަދަބިއްޔާތަށް ވެސް ޚިދުމަތް ކުރައްވާފައިވާ އަމީން ޕީއެޗްޑީ ހާސިލްކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
އަމީން މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަމީނަށް ޑޮކްޓަރޭޓް ސެޓްފިކެޓް ލިބިވަޑައިގަތީ އިއްޔެ އެވެ.
އަމީން ޕީއެޗްޑީގެ ތީސިސް ލިޔުއްވާފައި ވަނީ ރާއްޖޭގެ ރިސޯޓްތައް ފައިދާ ހުރިގޮތުގައި ހިންގުމަށާއި ރިސޯޓު މުވައްޒަފުންގެ އިންޓްރާޕްރެނިއަރޝިޕް ހުނަރު ތަރައްގީކުރުމަށް އެންމެ އިފެކްޓިވް ލީޑަރޝިޕް ސްޓައިލަކީ ކޮބާތޯ ދެނެގަތުމުގެ މައްޗަށެވެ.
އަމީނަކީ ޖޭޕީގެ ލީޑަރ، ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމްގެ މިފަހަރުގެ ރިޔާސީ ކެމްޕޭންގެ އުތުރު ސަރަހައްދުގެ ކެމްޕޭން މެނޭޖަރެވެ. އޭނާ އަކީ އެ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގައި ދެމިހުންނެވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!