ބްރެޒިލްގެ ވިންގަރ ވިލިއަން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޕްރިމިއާ ލީގުގެ ފުލަމްއަށް ސޮއިކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ވިލިއަން މިދިޔަ ސީޒަންގައި ވެސް ކުޅުނީ ފުލަމްއަށެވެ. އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގެ ކުރީކޮޅު ހަމަވުމުން ނޮޓިންހަމް ފޮރެސްޓުން ވިލިއަން ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ކުލަބާއިއެކު އެއްބަސްވުމަކަށް ނުގޮސް ވިލިއަން ވަނީ އަލުން އެއް އަހަރު ފުލަމްގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓްގައި ސޮއި ކޮށްފައެވެ.

Ad
rt

އެއްބަސްވުން އައު ކުރުމަށް ފަހު ވިލިއަން ބުނީ ފުލަމްގައި ހުރީ ވަރަށް އުފަލުން ކަމަށާއި ފުލަމްއާއިއެކު ނިމިދިޔަ ސީޒަންގައި ނެރުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށެވެ. މިދިޔަ ސީޒަން ފުލަމް ނިންމާލީ ޕޮއިންޓް ތާވަލުގެ 10 ވަނާގައި އޮވެއެވެ.

ވިލިއަން ވަނީ ފުލަމްގެ އިތުރުން ޕްރިމިއާ ލީގުގެ ޗެލްސީއަށާއި އާސެނަލަށް ވެސް ކުޅެފައެވެ. ތިން ކުލަބަށް އޭނާ ވަނީ 286 މެޗު ކުޅެ 43 ލަނޑު ޖަހައި 43 ލަނޑު ޖަހަން އެހީތެރިވެދީފައެވެ.

ވިލިއަން ފުލަމްއަށް ގެނެސްފައި ވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރެޒިލްގެ ކޮރިއެންތިއަންސްއިންނެވެ.

ފާއިތުވި ސީޒަންގައި އޭނާ ވަނީ ފުލަމްއަށް 27 މެޗު ކުޅެ ފަސް ލަނޑު ޖަހައި ހަ ލަނޑު ޖަހަން އެހީތެރިވެދީފައެވެ.