އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް (ފަޔާ) މިއަދު ވިދާޅުވެއްޖެއެވެ.
ފަޔާ މިހެން ވިދާޅުވީ، ''ރައީސް ސޯލިހުގެ ރަނިންމޭޓު ހޮވަން މި ފަހަރު ވެސް ގަދަ ހިފުމަކަށް'' މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ.
އެ ޚަބަރުގައި ރައީސް ޞާލިޙް ރަނިން ރަނިންމޭޓަކަށް ނަންގަވާފާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ލިސްޓްގެ ކުރީގައި ފަޔާގެ ނަން ހިމެނިފައިވާ ކަމަށް ލިޔެފަ ވެއެވެ.
އެކަމާއި ގުޅިގެން ފަޔާ ވިދާޅުވީ، ''އަޅުގަނޑުގެ އެއްވެސް އިންޓަރެސްޓެއް ތިކަމަކަށް ނެތް'' ކަމަށެވެ.
''ތިވާހަކަ ކޮންމެވެސް ސަބަބަކާހުރެ ދައްކަވަނީ މޫސާ މަނިކު (ރީކޯ)، އެއީ ވަރަށް ދެރަ ކަމެއް،'' ފަޔާ ވިދާޅުވެފަވެއެވެ.
ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް ފަޔާ ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙް ރަނިން ރަނިންމޭޓަކަށް ނަންގަވާފާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި އެންމެ ކުރީގައި ދެން އޮތް ދެ ނަމަކީ މިހާރުގެ ޚާރިޖީ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ޝާހިދު އާއި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޞާލިޙް ކެމްޕެއިނަށް މ އަދި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި ރަނިންގ މޭޓެއް ކަނޑައެޅުމަކީ އުނދަގޫ ނިންމުމަކަށް ވަނީ ވެފައެވެ. އަދި އައު ކޯލިޝަންގައި ހެމެނޭ ވަކިވަކިން ޕާޓީގެ އިސްބޭފުޅުންގެ ވިސްނުމާ ހިޔާލު އެކަމާއި ގުޅިގެން ހޯއްދަވަމުން ގެންދަވާކަމަށާއި، އެކި ނަންތައް ލިސްޓްކުރެވިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!