ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ގާނޫނާއި ހިލާފަށް ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ރައީސް ސާލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެ ކަމަށެވެ.
އެ ނޫސްބަޔާނުަގއި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓް ރައީސް ސާލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ފަޅުކަމަށްވާ، ވ. ފޮއްތެޔޮ ފަޅު ބޮޑު ޖަރީމާއެއްގެ ތެރެއިން ޤާނޫނާއި ހިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.
"އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ މިކޯލިޝަން ވެސް އަދި ދިވެހި ރައްޔިތުން ވެސް އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫނެވެ. ޤާނޫނާއި ޚިލާފު ކޮރަޕްޝަންގެ ބޮޑު މިޢަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ." ނޫސްބަޔާނުގައި ވެއެވެ.
ހަމަމިއާއެކު މިމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް، އެ ކޯލިޝަނުން ވަނީ ގޮވައިލާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ކުންފުނިތަކުން ވެސް ގާނޫނާއި ހިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ހަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށް ވެސް ގޮވައިލާކަމަށެވެ. އަދި މިފަދަ މުއާމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!