ކުރީގެ އަދަދާއިގުޅޭ،

ސިހިފައި ޔަޝްމީއަށް ހޭލެވުނެވެ. އެއާއިއެކު އެ ބޮޑު ކޮޓަރީގައި އޮތީ އޭނާ އެކަނިކަން ހަނދާންވިއެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވެރި ކުރުވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. މަޑުމަޑުން ތެދުވެ ލޮލު ތެރޭގައި އަވަސް އަވަހަށް ކަޅި ހިންގަން ފެށުނީ ހިތް ބިރުގަންނަ ވަރުންނެވެ. އެނދުން ފައިބައިގެން އޭނާއަށް ހިނގައިގަނެވުނީ ދޮރާއި ދިމާލަށެވެ. އެއާއިއެކު ޓީވީ ކައިރީގައި ހުރި ގަޑިން، މެންދަމުން އަލިވެ ތިނެއް ޖަހާފައި ހުރިތަން ފެނި އިތުރަށް ބިރުގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލީ ބޭރުގައި ހާރޫން އޮންނާނެކަން އެނގޭތީއެވެ. އެއީ ކިރިޔާވެސް މީހަކު ފެނުމުން ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ކޮޓަރިން ނިކުމެ ޔަޝްމީ ހުސްފަޔާ ހުރެ ޕޫލްގެ އަރިމަތީ ކައިރިން ހިނގަމުން ދިޔައީ ޕޫލްސޯފާއާ ދިމާލަށެވެ. އެ ސަރަޙައްދުގެ ކޮޓަރިތައް ވަކިކޮށްފައި ހުންނަނީ ބޯކޮށް ހައްދާފައިހުރި މަގޫގަސްތަކުންނެވެ.ގަސްތަކުގެ ތެރޭގައި ހަރުކޮށްފައި ހުރި ކުދި ބޮކިތަކުން އެ ސަރަހައްދަށް ފަނޑު އަލިކަމެއް ވެރިވެފައި ވެއެވެ. ކައިރިކައިރީގައި ފިޔަވަޅު އަޅަމުން ގޮސް ޔަޝްމީ ހުއްޓުނީ ސޯފާގެ ފަހަތުގައެވެ. ކުޑަކޮށް ކޮރެލަމުން އޭނާ ސޯފާއަށް ބޯދިއްކޮށްލީ ނިދާފައި ހާރޫން އޮންނާނެކަން އެނގޭތީއެވެ. އެއާއެކު އޭނާއަށް ސިހުން ލިބިގެން ދިޔައެވެ.

Ad
rt

ސޯފާގައި ހާރޫންއެއް ނެތެވެ. ޔަޝްމީގެ ހިތް ބިރުންގޮސް ބާރަށް ތެޅެން ފެށިއެވެ. އޭނާއަށް ހުރެވުނީ ގުޑިލާންވެސް ނުކެރިފައެވެ. އައިކޮޅަށް ކޮޓަރިއަށް ދާކަށްވެސް ނުކެރުނެވެ. ޕޫލްގެ އެއްކޮޅެއްގައި ހުރި ކުޑަވަރެއްގެ ހޮޅިއަކުން ފެން ފައިބާ އަޑު ފިޔަވާ އިތުރު އެއްވެސް އަޑެއް އެ ސަރަޙައްދަކުން ނީވެއެވެ.

" ހާރޫން"

ޔަޝްމީއަށް މަޑުމަޑުން ގޮވައިލެވުނީ ތުރުތުރުއަޅާ އަޑަކުންނެވެ. ލޮލުގެ ހިމަކޮޅުން އެކި ދިމަދިމާލަށް އޭނާއަށް ބެލެމުންދެއެވެ. ވަށައިގެންވަނީ ބޯ މަގޫގަސްތަކެވެ. ތަނަށް ވެރިވެފައިވަނީ ފަނޑުފަނޑު އައްޔެކެވެ. މަތި ބަލައިލިޔަސް ފެންނަނީ ދިގު ރުއްތަކެވެ. އެކަނި ހުންނަން ނުކެރިގެން އައިކޮޅަށް ދާން އެނބުރިލިވަގުތު ފަހަތުން ކޮންމެވެސް އަޑެއް އިވި އޭނާ ބާރުބާރަށް ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ.

" ޔަޝްމީ! "

ފަހަތުން ދުވަމުން އައި ހާރޫންގެ އަޑު ޔަޝްމީގެ ކަންފަތުގައި ޖެހުނު އިރު އޭނާ ހުރީ ކޮޓަރިއަށް ވަދެއެވެ. އިސާހިތަކު ހާރޫންވެސް އެ ކޮޓަރިއަށް ވަދެއްޖެއެވެ.

" ޔަޝްމީ! ކިހިނެއްވީ ؟"

ހާރޫން އެހެން ބުނި އިރުވެސް ޔަޝްމީއަށް ރޮވެމުންދެއެވެ. އޭރު އޭނާ ބާރުބާރަށް މާނޭވާ ލަމުން ދިޔައެވެ.

" ބޭރުގައި ކީއްތަ ތިޔަ ކުރަނީ؟ "

ހާރޫން އަނެއްކާވެސް އެހީ ކަންބޮޑުވެ ހުރެއެވެ.

" ހާރޫން.... ކޮންތާކުން...ކޮންތާކުން ތިޔަ އައީ؟ "

ހާސްވެފައި ޔަޝްމީ އެހިއެވެ. އޭރު ފަހަތަށް ޖެހެމުން ގޮސް އޭނާއަށް އެނދުގައި އިށީނދެވިއްޖެއެވެ. ކުރިމަތީގައި ހުރި ހާރޫން ދެއަތް އުރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ނުނިދިގެން އަހަރެން ނިކުމެލީ މިދިމާ ބީޗަށް! ޔަޝްމީ ހާދަ ބިރުން ތިއިނީ؟ "

" މިހާ ބޮޑު ކޮޓަރިއެއްގައި އެކަނި އޮތީމަ ބިރުގަތީ.. ބޭރަށް ނިކުމެލިއިރު ހާރޫން ނެތީމަ އިތުރަށް ބިރުގަތް.."

ޔަޝްމީ އިސްޖަހާލަމުން ބުންޏެވެ. އެއާއިއެކު ހާރޫންއަށް ހެވިއްޖެއެވެ. އެއަޑަށް ޔަޝްމީ ހައިރާންވެފައި ހާރޫންއަށް ބަލައިލިއެވެ.

" ކީއްވެ ތި ހެނީ؟ "

" ސޮރީ! ހެވުނީ... އަހަރެން ހީކުރީ ޔަޝްމީ ވަރަށް ބިރުކުޑަ ވާނެކަމަށް.. ދެން މިހާރު މިތާ އެކަނި އޮންނަން ކެރޭނެތަ؟"

ހާރޫން އެހިއެވެ. ޔަޝްމީ ހިންދިރުވާލަމުން ހާރޫންއަށް ބަލައިލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

" އެންމެ ރަނގަޅު.. އަހަރެން މި ސޯފާގައި އޮށޯވެލާނަން.. ޔަޝްމީ ނިދާލާ.."

ހާރޫން އެހެން ބުނުމަށްފަހު ކޮޓަރީގެ ކަނެއްގައި ހުރި ސޯފާއަކާއިދިމާލަށް ހިނގައިގަތެވެ. ހާރޫން ސޯފާގައި އޮށޯތްއިރުވެސް ނުދަންނަ މީހަކާއި ދިމާލަށް ބަލާފަދަ ގޮތަކަށް ބަލަހައްޓައިގެން ޔަޝްމީ އިނެވެ.

***

ބާރުބާރަށް ދުއްވާފައި ދިޔަ ބައިސްކަލް ހުއްޓުނީ ބަނދަރުމަތީގެ މަޑު ފަސްގަނޑަށް އެރުމަށްފަހުގައެވެ. ބައިސްކަލްގެ ފުރޮޅު ހުއްޓުމުން ނާއިފް އަވަސްވެގަތީ ބައިސްކަލުން ފައިބާށެވެ. އޭނާ ތަންކޮޅަކަށް ދިޔައީ ބައިސްކަލް އަތުން ހިފައިގެންނެވެ.

" ތެޔޮނާށި ކާޅު ޖަހައިގަތީމަ ހުރިހާ ވަރެއް ތި އަރުވަނީ ބައިކަށްދޯ! ތަންކޮޅެއް ބަލައިގެން ދުއްވަބަލަ! "

ފަހަތުން އައި ބައިސްކަލްގައި އިން އިރުފާން ބުންޏެވެ. އެ ޖުމްލަތަކުން ނާއިފް ލަދުގަތް ނަމަވެސް އޭނާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. ނާއިފް ބައިސްކަލަށް އަރާ ދުއްވާލުމުން އިރުފާންވެސް އޭނާއާ އެއްވަރަށް ދުއްވަމުން ދިޔައެވެ.

" އަސްލުވެސް ބުނެބަލަ ޔަޝްމީ ކަލެއަށް ސެޓް ނުވީތަ؟ "

އިރުފާން އަނެއްކާވެސް އެ މައުޟޫއަށް ވާހަކަ ދެއްކިއެވެ. ނާއިފް އިރުފާނަށް ބަލައިލީ ހީލަމުންނެވެ.

" އަހަރެން އޭނަ ގާތަކު ނުބުނަން އެއްވެސް އެއްޗެއް! ލޯބިވާ ވާހަކަވެސް ނުބުނަން.. އަހަންނަށް އޭރު ހީވި އޭނަވެސް އަހަރެންދެކެ ލޯބިވެޔޭ.. އެކަހަލަ ކޮންމެވެސް ވަރެއްގެ އިޝާރާތެއްވީ ކަންނޭނގެ. އެކަމަކު ދެން ފެނުނީ އެގޭގައި ކުއްޔަށް ހުރި މީހާއާއެކު ފުރައިގެން ދަނިކޮށް."

ނާއިފް އޭނާގެ އެންމެ ގާތް އެކުވެރިޔާގާތު ބުންޏެވެ. އެއާއެކު އިރުފާން ބޯ ޖަހާލިއެވެ.

" އާނ! އަހަރެންވެސް ތިކަހަލަ ވާހަކައެއް އަޑުއަހައިފިން.. މިހާރު އެމީހާއާ އިނދެފިޔޯ.. އެއީ ހާދަ ބޮޑު މީހެކޭ.. އަހަންނަށް ހީވަނީ އާއިލާގެ ނުފޫޒުން ކުރުވި ކަމެއްހެން."

އިރުފާން އޭނާއަށް ލިބުނު ޚަބަރުތައް ނާއިފްއާ ހިއްސާކުރިއެވެ.

" އޭނ؟ ޔަޝްމީ ކައިވެނިވެސް ކުރީތަ؟ ދޮގު ނުހަދަބަލަ! "

ނާއިފްއަށް ކުއްލިއަކަށް ބައިސްކަލްގެ ބުރެކި ޖައްސާލެވުނެވެ. އެއާއެކު އިރުފާންވެސް ބައިސްކަލް ހުއްޓާލިއެވެ.

" އަހަރެންގެ މަންމަމެން އެވާހަކަ ދައްކާއަޑު އެހިން. ހަމަ ތެދެކޭ އެއީ.."

ނާއިފްގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އެއީ އޭނާ ފަހަރެއްގައިވެސް ހީކުރި ގޮތެއް ނޫނެވެ. ޔަޝްމީ ނުބުންޏެއް ކަމަކު އޭނާދެކެ ލޯބިވާކަން ނާއިފްއަށް އެނގެއެވެ. އެކަން އޭނާއަށް އިޙްސާސްވެއެވެ. ޔަޝްމީ ބަލާގޮތެވެ. ހީލާ ގޮތެވެ. އަދި ލޮލުން ކުރާ އިޝާރާތްތަކެވެ. މިއީ މުޅިންވެސް ނާއިފްގެ ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެވެ. ލިބުނު ޚަބަރުން ނާއިފް މުޅިން މާޔޫސް ވެއްޖެއެވެ.

***

ޖާވިދާއިއެކު މޭޒުކައިރީގައި ޝަހާނާވެސް އިނީ ހަވީރުގެ ސަޔަށް އިންސާފުކުރާށެވެ. ހަވީރު ސަޔަށް ގުޅަ ހަދައިދިނުމަށްފަހު ފާއިޒާ ދިޔައީ އަވަށު ކުންޏަށެވެ. އޭރުވެސް ޝާކިރު މަސްބާނަން ގޮސް ނާދެއެވެ.

" ޔަޝްމީގެ ޚަބަރެއް ވޭތަ؟"

ޝަހާނާ އަހާލިއެވެ. އެއާއެކު ޖާވިދް ގުޅައެއް ހަފާލަމުން ބޯ ޖަހާލިއެވެ.

" ހާރޫން ބުނި ފޯނެއް ގަނެދިން ވާހަކަ.. ގުޅޭގޮތް ހަދައިދޭނަމޯވެސް ބުނި.. ހީވަނީ އަދިވެސް ކޮއްކޮ ރުޅި އައިސް ހުރިހެން. އެހެން ނޫން ނަމަ އަހަރެމެންނާ ވާހަކަ ދައްކާނެދޯ! މަންމަވެސް ބުނި ކޮއްކޮ ހަމައަކަށް އެޅެންދެން ބަހައްޓާށޭ"

ޖާވިދްގެ ވާހަކަ އަޑުއަހަން ޝަހާނާ އިނީ ހެވިފައެވެ.

" އެހެންދޯ! ދެން ރަނގަޅުވާނެ ކަމަށް ބަލަމާ! ގައިމުވެސް ރަށްފުށުގައި ކުރަން މިޖެހޭ މަސައްކަތްތަކެއް މިހާރު އޭނައަކަށް ކުރާކަށް ނުޖެހޭނެތާ!"

ޝަހާނާ ބުންޏެވެ. އޭނާގެ ޖުމްލައިން ޖާވިދް ގާތަށް ހިނިއައެވެ. ޝަހާނާ އުޅޭހިތްވަނީ މާލޭގައިކަން ހަމަ ރަނގަޅަށްވެސް ޖާވިދަށް އެނގެއެވެ.

" ޖާވިދް! އަހަރެން ޑޮކްޓަރަށް ދައްކާލަން މާލެ ފޮނުވަންވީނު! ޔަޝްމީގާތު ހުރެވިދާނެތޯ އަހާލަންވީނު"

ކުއްލިއަކަށް ޝަހާނާ އެހެން ބުނުމުން ޖާވިދް ހައިރާންވެފައި ބަލައިލިއެވެ.

" އަހަންނަށް ޗުއްޓީ ލިބޭނެ ދެތިންމަސް ފަހުން.. ޝަހާ އެކަނި ފޮނުވާކަށް އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ! އަހަންނާއެކުގައި ދާން މަޑުކުރަންވީނު؟"

ޖާވިދްގެ ޚިޔާލު އެއްގޮތަކަށްވެސް ޝަހާނާއަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ވަގުތުން ޝަހާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެމަންޒަރު ދާދި ގާތުން ޖާވިދަށްވެސް ފެނުނެވެ. ޝަހާނާ ރުޅި އަންނަވަރުގެ އެއްވެސް ކަމެއް ކުރުމަކީ ޖާވިދް ބޭނުންވާގޮތެއް ނޫނެވެ. ސަބަބަކީ ޝަހާނާއަކީ ދެމިގެންދާ ރުޅިއެއް އަންނަ މީހަކަށް ވާތީއެވެ. އަދި އޭނާއަކީ ރުޅި ކޮންޓްރޯލްކުރަންވެސް އެނގޭ މީހެއް ނޫނެވެ.

" ޖާވިދް! އަހަރެން މޭގައި ރިއްސާތާ ދުވަސްކޮޅެއް ވެއްޖެ! ޖާވިދަށް ޗުއްޓީ ލިބޭނެހާ ދުވަހެއް ވަންދެން އަހަންނަށް ހުރެވިދާނެ ޑޮކްޓަރަށް ނުދައްކާވެސް. އެކަމަކު އަހަންނަށް ދެރަގޮތެއް ވިއްޔާ ޖާވިދް ޖެހޭނެ ޒިންމާ ނަގަން"

ޝަހާނާ ބުނެލީ ގަދަފަދަ ގޮތަކަށެވެ. ޖާވިދް ވިސްނާލިއެވެ. އަދި ޝަހާނާގެ މޫނަށް ބަލައިލަމުން ބުންޏެވެ.

" އަހަރެންގާތު މޭގައި ރިއްސާ ވާހަކަ ނުވެސް ބުނަމެއްނު.. ޝަހާއަށް ކުޑަކަމެއް ވިޔަސް އަހަރެން ވަރަށް ކަންބޮޑުވާކަން ޝަހާއަށް އެނގޭނެ. މާދަމާ އަތޮޅު ހޮސްޕިޓަލަށްދާން ފުރަންވީނު"

އަނެއްކާވެސް ޝަހާނާ އިތުރަށް ފޫހިވިއެވެ.

" އެތަނުން ކޮންކަމެއްތަ ވަނީ؟ އެތަނުން ކަންކަން ނުވެގެން ކިތައް މީހުން މާލެ ދާންޖެހެނީ؟ ރަނގަޅު ޑޮކްޓަރުންނެއް ނުތިބެޔޭ! ހުރިހާ ތާކަށް ދަތުރެއް ނުކުރެވޭނެ. އަހަރެން މާލެ ގޮސް ޑޮކްޓަރަށް ދައްކާފައި އަންނާނަމޭ"

ޝަހާނާ ގޮތްދޫ ނުކުރުމުން ޖާވިދަށް އެކަމާ ވިސްނަން މަޖުބޫރުވިއެވެ.

" އެންމެ ރަނގަޅު. އަހަރެން މިރޭ ހާރޫންއަށް ގުޅާނަން.. ބޯޓުގައި ދާ ބަޔަކު އެނގޭތޯ ބަލައްޗޭ! އެކަނި ދާއިރު ދަންނަ މީހުން ތިބޭތޯވެސް ބަލަންވާނެއެއްނު"

ޖާވިދް އެހާ ފަސޭހައިން އެއްބަސް ވުމުން ޝަހާނާ ވަރަށް އުފާވިއެވެ. އޭނާ ލޯތްބާއިއެކު ޖާވިދްގެ މޫނަށް ބަލަން އިނުމުން ޖާވިދްގާތަށް ހިނިވެސް އައެވެ.

***

ގެއަށް ވަދެވުމާއެކު ޔަޝްމީ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.

" އަހަންނާއެކު މިރޭ ޑިނަރ އަކަށް ދާންވީނު"

ކޮޓަރިއަށް ނުވަދެވެނީސް އޭނާއަށް އިވުނީ ހާރޫންގެ އަޑެވެ. ޔަޝްމީ ފަހަތް ބަލައިލަމުން ކުރިއަށް ހިނގައިގަތެވެ. ދޮރުކައިރީގައި ހުއްޓި ހުރި ހާރޫންގެ ކުރިމަތީގައި މަޑުކޮށްލަމުން ޔަޝްމީ ހިނިތުންވެލިއެވެ.

" ހާރޫންއާއެކު އަހަރެން އެ ރިސޯޓަށް މިކުރި ދަތުރަކީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ދަތުރު. ދެން އަހަރެން ހާރޫންއާއެކު ދާންޖެހޭނެ އެއްވެސް ތަނެއް ނޯންނާނެ.. އަހަންނަށް މަޖުބޫރު ނުކުރޭ! "

މަޑުމަޑުން ޔަޝްމީ އެހެން ބުނުމުން ހާރޫންވެސް ހިނިތުންވެލިއެވެ. އަދި ފަރުވާތެރިކަމާއެކު ޔަޝްމީގެ މޫނަށް ބަލައިލިއެވެ.

" މިހާރު ތިއީ އަހަރެންގެ އަނބިމީހާ އެއްނު... ޔަޝްމީއަށް އެނގޭތަ؟ އަހަރެން ވަރަށް ދުވަސްވެއްޖެ އެކަނި އުޅޭތާ! އަހަރެން ވަރަށް އުފާވާނެ އޮފީހަށްދާ އެއްޗެހި ޔަޝްމީގެ އަތުން ރެޑީކޮށްލަ ދިނިއްޔާ.."

އުއްމީދާއެކު ހާރޫން އެހެން ބުނުމުން ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ތިއީ ހާރޫން އަހަންނާމެދު ދެކޭގޮތް. އަހަރެން ނުދެކެމޭ ތިއީ އަހަރެންގެ ފިރިމީހާގެ ގޮތަކު.. އެއީ ތަފާތަކީ.."

އެހެން ބުނުމަށްފަހު ޔަޝްމީ ހިނގައިގަތީ ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ހާރޫންއަށް ބަލައިލަމުންނެވެ. ޔަޝްމީގޮސް ކޮޓަރިއަށް ވަންނަންދެން ހާރޫން ބަލަހައްޓައިގެން ހުއްޓެވެ.

***

ކޮންމެ މަހެއް ނިމުމާއެކު ކަލަންޑަރުގެ ސަފްޙާ ޔަޝްމީ ބަދަލުކޮށްލަނީ ފޫހިކަމާއެކުއެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ ޙަޔާތުން ބޭކާރު ވެގެންދާ ދުވަހެއްކަމުގައި އޭނާ ދެކެއެވެ. އެގޭގައި އިނުމަށްވުރެ ހަނަފަސް ސަހަރާއެއްގައި އޮތުންވެސް މާ ރަނގަޅޭ އޭނާއަށް ހީވެއެވެ.

އެނދުމަތީގައި އޮއްވާ ސިޓިންގރޫމުން ބަޔަކު ހީ ސަކަރާތް ޖަހާ އަޑު ޔަޝްމީއަށް އިވުނެވެ. އެހެންކަމުން އަތުގައި އޮތް ކަލަންޑަރު ބާއްވާފައި ތެދުވެގެން ގޮސް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. އޭރު ސޯފާގައި ދެ އަންހެނުންނާ ތިން ފިރެހެނުން ތިއްބެވެ. އަވަސް އަވަހަށް ޔަޝްމީ ދޮރު ގާތްކޮށްލީ ހައިރާންކަމާއެކުއެވެ. އޭރު އެއީ ކޮންބައެއް ކަމާމެދު އޭނާގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ތަންކޮޅަކަށް ނާދެވެނީސް ދޮރުގައި ޓަކި ޖަހާލި އަޑަށް އޭނާއަށް ބަލައިލެވުނެވެ. ބާރުބާރަށް ގޮސް އަނެއްކާވެސް އޭނާ ދޮރު ހުޅުވާލީ ނުހަނު ކުޑަކޮށެވެ. ނަމަވެސް ކުރިމަތީގައި ހުރި ހާރޫން އެ ދޮރު ބޮޑަށް ހުޅުވާލުމަށް ފަހު އެތެރެއަށް ދެމިގަތެވެ. އޭނާގެ އެ ޚަރަކާތްތަކުން ޔަޝްމީގެ މޫނުމަތީގައި ހިތްހަމަ ނުޖެހުމުގެ ކުލަވަރު އުފެދުނެވެ.

" ހަމަޖެހިލަބަލަ ޔަޝްމީ! "

ހާރޫން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" އަހަންނާއެކު ސިޓިންގރޫމަށް ގޮސްލެވިދާނެތަ؟ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިންތަކެއް.. ޔަޝްމީއާ ބައްދަލްކޮށްލަން އެއައީ"

ހާރޫން ވާހަކަ ދެއްކީ އާދޭހުގެ ރާގެއްގައެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (24)

ސިލްސިލާ ވާހަކަ: ޝިކާޔަތު (24)

(ނިމުނީ)