ކުރީގެ އަދަދާއިގުޅޭ،

" ތިއީ އަހަންނަށް ލިބުނު އަގުބޮޑު ޖަވާހިރެއް... ޖަވާހިރަކަށް ބޭނުންވާނީވެސް ޑައިމަންޑް ރިންގެއްނުދޯ! "

Ad
rt

ހެވިފައި އިނދެ ހާރޫން އެހެން ބުނުމުން ޔަޝްމީއަށް އަނެއްކާވެސް ބަލައިލެވުނީ އަނގޮއްޓިއަށެވެ. އެވަގުތު އަތް ދޭށޭ ބުނާފަދަ ގޮތަކަށް ހާރޫން ލޮލުން އިޝާރާތް ކޮށްލިއެވެ. އުނގުމަތީގައި އޮތް އަތް ބޭއިޙްތިޔާުގައި ޔަޝްމީއަށް އުފުލައިލެވުނެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ހާރޫންގެ މޫނަށް ރަނގަޅަށް ބަލައިލެވުމާއެކު ޔަޝްމީއަށް އަތް ތިރިކޮށްލެވުނެވެ. އެމަންޒަރު ފެނި ހާރޫންގެ މޫނުމަތީގައިވާ ހިނިތުންވުން އެއްކޮށް ގެއްލިއްޖެއެވެ.

" ކިހިނެއްވީ؟ މިއީ އަހަރެން ޔަޝްމީއަށް ގެނެސްދިން ކުޑަ ހަދިޔާއެކޭ! ބޭނުން ނުވަނީތަ؟ "

ހާރޫން މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔަޝްމީ ދެފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ހާރޫންގެ އެއްވެސް ހަނދާނެއް އަހަރެންގެ ހަށިގަނޑުން ފެންނާކަށް އަހަރެން ބޭނުމެއް ނޫން... ދުވަހަކުވެސް ބޭނުމެއް ނޫން.. ތި އަނގޮއްޓި އަހަރެންގެ އިނގިލީގައި އެޅުމަށްވުރެ އަހަރެން މާ އުފާވާނެ މި މޫދަށް އެރި ވެނަށް މި އިނގިލިތައް ކާން ދިނަސް..."

ޔަޝްމީގެ ޖުމްލަ އަޑު އިވުމާއެކު ހާރޫންއަށް އެ އަނގޮއްޓި މުށުތެރޭގައި ފޮރުވައިލެވުނެވެ. އަދި ދެލޯމަރައި ބާރުކޮށްލެވުނީ ހިތަށް ކުރި އަސަރަކުން ކެތް ނުކުރެވިގެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ހާރޫން ލޯ ހުޅުވާލިއެވެ. އޭރު ޔަޝްމީ އިނީ ހިތްހަމަ ނުޖެހޭ ގޮތް ދައްކައިގެން ދުރަށް ބަލަހައްޓައިގެންނެވެ.

" މި އަނގޮއްޓިއަކީ އަހަރެން ޔަޝްމީގެ އަތުގައި އަޅުވަން ޚާއްސަކޮށްގެން ގެނައި އެއްޗެއް! އަހަރެން މި އަނގޮއްޓި އަޅުވަން ބޭނުންވަނީވެސް އެންމެ ލޯބިވާ ކުއްޖާގެ އަތުގައި! އެހެންވީމަ އެއްދުވަހަކުން ޔަޝްމީގެ އަތުން މި އަނގޮއްޓި ފެންނާނެކަމަށް އަހަރެން އުއްމީދުކުރަން."

ހާރޫން ބުނެލިއެވެ.

" ދުވަހަކުވެސް ނުފެންނާނެ! "

އެ އިންގޮތަށް އިނދެ އޭނާ ބުނެލިއެވެ. އެއާއިއެކު ހާރޫން އެއްމިޔަކަނުން ހީލިއެވެ. އޭރުވެސް ހާރޫން ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނާގެ މޫނުމަތީގައިވި އުޖާލާކަން މިހާރު މުޅިން ފިލައިގެން ގޮއްސިއެވެ.

" ދެން އަޅައިނުލާ! އަވަހަށް ކާންފަށާ! "

އަނެއްކާވެސް ވާހަކަ ދެއްކީ ހާރޫންއެވެ. ހާރޫންއާ ދިމާލަށް ބަލައިވެސް ނުލާ އިނދެ ޔަޝްމީ ބަލައިލީ މޭޒުމަތީގައި އަތުރާފައި ހުރި ކާއެއްޗެއްސަށެވެ.

***

" މިރޭ ހިނގާބަލަ އަހަންނާއެކު ހިނގާލަން ދާން.."

ޝަހާނާ އެނދުގައި އޮށޯތުމާއެކު ޖާވިދް ބުންޏެވެ. ނަމަވެސް ޝަހާނާގެ ފަރާތުން އެހާބޮޑު ސަމާލުކަމެއް ނުލިބުނެވެ.

" ދެން ހިނގާބަލަ! ދަމުން ފިހާރައަކަށް ވަދެ، ކޯކެއް ގަނެގެންނޭ ދާނީ.. "

ޖާވިދް ޝަހާނާގެ ކުރިމަތީގައި ހުއްޓި ގުދުވެލިއެވެ.

" އަހަރެން ނޫޅެން ދާކަށް! ޖާވިދަށް އަހަރެން މުޙިއްމެއްނުވާނެ ދުވަހަކުވެސް.. ވަޒީފާދެކެ ލޯބިވާ މީހެއް ނޫޅެ ތި ނޫނީ!"

ޝަހާނާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކުމުން ޖާވިދް ގާތަށްވެސް އައީ ރުޅިއެވެ.

" ސާބަހޭ ޝަހާ! އަދިވެސް އެކަމުގައި ހިފާ ދަމަނީތަ؟ އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރަންދޯ އަހަރެން ދައްކާ ވާހަކައެއް؟ އަހަންނަށް މާލެ ބަދަލުވެވެން ނެތޭ ބުނީމަ އަންނަހާ ރުޅި؟؟ މިހާރު މޮޔަ ހީވެއްޖެ އެވާހަކަ ޝަހާނާއާ ހިއްސާ ކުރެވުނީމަވެސް! ބަލަ ކޮންމެ ކަމަކީވެސް ވަގުތާ ޙާލަތުން ބަދަލުވެގެން ހިނގައިދާނެ ކަންކަމޭ! އަހަރެން އޭރު މާލެދާން ބޭނުން ވިޔަސް ފަހުން އެ ޚިޔާލު ދޫކޮށްލިކަން ޝަހާއަށްވެސް އެނގޭނެ.. ދެން މިހާރު އެ ރުޅީގައި މަހެއް ވެގެން މިދަނީ.. އަހަންނާ ރީތިކޮށް އަނގައިން ނުބުނެ.. އަހަންނަށް ފުރަގަސްދީގެން އޮވެ ނިދަނީ.. ޝަހާއަށް އެނގޭތަ އެކަމުގެ ނުބައިކަން؟ ޝަހާއަށް އެނގޭތަ މަލާއިކަތްބޭކަލުން ލަޢުނަތް ލައްވާނެކަން؟ "

ބާރުބާރަށް ޖާވިދް އެހެން ބުނުމުން ޝަހާނާ ފުންމައިގެން ތެދުވިއެވެ.

"އަހަންނަށް ދީނީ ދަރުސްދޭން ތިއީ ވަކި ރަނގަޅު މީހެއްތަ؟ އަނބިމީހާ އުފަލުގައި ގެންގުޅުމަކީ ފިރިމީހާގެ ވާޖިބެއް"

ޝަހާނާވެސް ވާހަކަ ދެއްކީ ބާރަށެވެ. އޭނާ އެހެން ބުނުމުން ޖާވިދް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އެނދުމަތީ އިށީނެވެ.

" އަހަންނަށް ލިބޭ މިންވަރަކުން ޝަހާގެ ހުރިހާ ކަމެއް ބަލަހައްޓަން.. އެކަން ޝަހާ ބަލައި ނުގަންނަނީ.. ޝަހާއަކީ މުއްސަނދި ދިރިއުޅުމަކަށް ލޯބިކުރާ މީހެއްކަން އަހަންނަށް އެނގެޔޭ! އެކަމަކުވެސް އަހަރެންގެ ފެންވަރަކީ ޝަހާގެ ވިސްނުމުގެ ފެންވަރަށްވުރެ މާ ދަން ފެންވަރެއް! ކައިވެނި ކުރުމުގެ މާކުރިން ޝަހާއަށް އެކަން އެނގޭނެ"

ޖާވިދް ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ. ޖާވިދްގެ ކުރިމަތީގައ އިރުކޮޅަކު ހުރުމަށްފަހު ޝަހާނާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ.

" މައްސަލައަކީ ޖާވިދް މާލެ ގޮސް އައިސް އަހަންނަށް ފޮނި ހުވަފެން ދެއްކުން... ޔަޝްމީގެ ކައިވެނި ހާރޫންއާ ކުރުވަން އަހަރެން އެހާ ބާރުއެޅީވެސް ހަމަ އެސަބަބަށްޓަކައި. ޔަޝްމީ މާލެއަށް ބަދަލުވީމަ އެންމެން ދެކޮޓަރީގެ ތަނެއް ނަގައިގެން ދާނިއްޔޭ ކީވެސް ހަމަ ޖާވިދްމެންގެ އަނގައިން.. އެކަމަކު ކުއްލިއަކަށް ޖާވިދްގެ ޚިޔާލު ބަދަލުވެ، ބައްޕަވެސް ނުދާގޮތަކަށް ނިންމީ! "

ޝަހާނާ މިފަަހަރު ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެހެންކަމުން ޖާވިދް އިސްއުފުލައި އޭނާއާ ދިމާލަށް ބަލައިލިއެވެ.

" ތިކަން ޤަބޫލު ކުރަމޭ! އެކަމަކު މިހާރު ޙާލަތު ބަދަލުވީމަ އެ ޚިޔާލު އަހަރެމެން ދޫކޮށްލީ! ދެން ޝަހާ އެކަމާ ހިފައިގެން އަހަރެން ދެކެ ރުޅި އައިސްގެން އުޅެންވީ ކީއްކުރަން؟ ޝަހާ ތިހެން ކަންތައް ކުރީމަ އަހަންނަށް ލިބޭ ނިކަމެތިކަން ޝަހާއަށް އެނގޭތަ؟ އަހަންނަށްވެސް ބުނެވިދާނެ ޝަހާ އަހަރެންދެކެ ލޯތްބެއް ނުވެޔޭ"

ޖާވިދް ބުނެލިއެވެ. އެހިނދު ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ ދެމީހުންނަށްވެސް ތިބެވުނެވެ. ޖާވިދާއި ދިމާލަށް ބަލަން ހުރެ، ޝަހާނާ މަޑުމަޑުން އައިސް އޭނާގެ ގާތު އިށީނދެލިއެވެ.

" އޯކޭ! ސޮރީ... "

އިސްޖަހާލައިގެން އިނދެ ޝަހާނާ އެހެން ބުނުމުން ޖާވިދަށް ހިނިތުން ވެލެވުނެވެ. އޭނާ ބޯ އަރިކޮށްލަމުން ނުހަނު ލޯބިން ޝަހާނާގެ މޫނަށް ބަލައިލިއެވެ. އެއާއިއެކު ޝަހާނާގެ މޫނުމަތި ލަދުން ރަތްވެގެން ދިޔައެވެ.

" ހަމައެކަނި ސޮރީ؟؟ އެވަރަކުން ނުފުދޭނެ.."

ޖާވިދް ލާނެތް ގޮތަކަށް އެހެން ބުނުމުން ޝަހާނާ އިސް އުފުލައި ޖާވިދްގެ މޫނަށް ބަލައިލީ ހިނިތުންވަމުންނެވެ.

" ދެން؟ ސޮރީއެއް ނޫންތަ އަހަންނަށް ބުނެވޭނީ؟ އަހަރެންގެ އަތަކު ނެތް ޖާވިދަށް ދޭނެ އެއްވެސް އެއްޗެއް.."

ޝަހާނާގެ ޖުމްލަ ނިންމާލުމާއެކު، އޭނާގެ މޫނާ ޖާވިދް ކައިރިވެލިއެވެ.

" މިއީވެސް.... ގޮތެއް! "

ޖާވިދް ޝަހާނާގެ ތުންފަތުގައި އިނގިލި ޖައްސާލުމާއެކު ފުންމައިގެން ޝަހާނާ ތެދުވީ ލަދުންނެވެ. ނަމަވެސް ހުޝިޔާރުވެ ހުރި ޖާވިދް ޝަހާނާގެ އަތުގައި ހިފައި އޭނާ ހުއްޓުވިއެވެ.

" ދެނެއް ތިހެންނެއް ނުދެވޭނެ! "

ލުތްކެއް ޖަހާފައި ޖާވިދް ޝަހާނާގެ އަތް ދަމައިގަތެވެ. އެއާއިއެކު ދެމީހުން އެކަކު އަނެކަކުގެ ގައިގައި ޖެހި، ޖާވިދްގެ ދެއަތުން ޝަހާނާގެ ހަށިގަނޑު ވަށާލިއެވެ.

" ހާދަ މީރުވަހެއް ދުވައޭ! ދުރަށް ދާހިތެއް ނުވެ"

ޖާވިދް ވައި އަޑުން ބުންޏެވެ. އެހިނދު ޝަހާނާގެ ތުއި ހީލުމުގެ އަޑުވެސް އޭނާއަށް އިވުނެވެ.

***

ގަޑިން ރޭގަނޑު 9 ޖަހަނީއެވެ. ހާރޫންއާ ޔަޝްމީ ތިބީ އެމީހުންނަށް ޚާއްސަ ކޮށްފައި ހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އޭރު އެ ސަރަޙައްދުގައިވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޔަޝްމީ ހުރީ ހާރޫންއަށް ފުރަގަސްދީގެން ދުރަށް ބަލަހައްޓައިގެންނެވެ.

" ދެން ހެދުން ބަދަލުކޮށްލަން ވަންނަންވީނު! މިހާރު ކިހާ އިރެއް ތި ހެދުން ލައިގެން އުޅޭތާ! އުނދަގުވެސް ވާނެއެއްނު"

ހާރޫން މަޑުމަޑުން ބުނެލި އަޑު ޔަޝްމީއަށް އިވުނެވެ. އޭނާ އަވަސް އަވަހަށް ފަސްއެނބުރި ހާރޫންގެ މޫނަށް ބަލައިލަމުން ލާނެތް ގޮތަކަށް ހީލިއެވެ.

" އަހަރެންގެ ރޫމް ކޮބާ؟ "

ޔަޝްމީގެ ސުވާލުން ހާރޫން ހައިރާނެއް ނުވެއެވެ. އޭނާ އެކޮޓަރިއަށް ވަންނަން ބޭނުން ނުވާނެކަން މާ ކުރިންވެސް އޭނާއަށް އެނގެއެވެ.

" ވަކި ރޫމެއް ހަމަޖައްސަން އަހަންނަށް ނުކެރޭނެކަން ޔަޝްމިއަށް ރަނގަޅަށް އެނގޭނެ.. އެކަން ވާނެ ޤަބޫލުކުރަން! އެތެރެއަށް ވަންނަން ހިނގާ! ދެމީހުންނަށް ވަކިން ތިބެވޭނެ"

ހާރޫން ބުންޏެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު ޔަޝްމީ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ދޮރު ހުޅުވާލުމާއެކު އޭނާއަށް ފެނުނީ ބޮޑު ޕޫލެކެވެ. ޕޫލްގެ އަރިމަތިން ހިނގަން ޚާއްސަކޮށްފައި އޮތް ސަރަހައްދުން ކޮޓަރިއަށް ދާން އޮތް މަގުވެސް އޮތީ މަލުން ރީތިކޮށްފައެވެ. އެމަންޒަރު ކިތަންމެހާވެސް ހިތްގައިމެވެ. ޔަޝްމީ މަޑުމަޑުން ހިނގަމުން ގޮސް ކޮޓަރިއަށް ވަނެވެ. އެއީ ވަރަށް ބޮޑު ރީތި ކޮޓަރިއެކެވެ. މެދުގައި ހުރި ބޮޑު އެނދުވެސް ހުރީ މަލުން ރީތި ކޮށްފައެވެ.

" ޔަޝްމީ ނިދާނީ މި އެނދުގައި! އަހަރެން އޮވެދާނަން ސޯފާގައި"

ޔަޝްމީ ގޮސް އެނދު ކައިރީ ހުއްޓުމާއެކު ހާރޫން ބުނެލިއެވެ. ނަމަވެސް ޔަޝްމީއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ހިނގާލާފައި އައިސް ހާރޫންގެ ކުރިމަތީގައި ހުއްޓުމަށްފަހު ދެއަތް އުރާލިއެވެ.

" އަހަރެން ބޭނުމެއް ނޫން ކަލެޔާ އެއްކޮޓަރީގައި އެންމެ މިނެޓަކަށްވެސް އޮންނާކަށް.. އަދި އަހަރެން ނިދާފައި އޮންނަތަން ފެންނާކަށްވެސް ބޭނުމެއްނޫން. އަހަރެން ކަލެޔަށް އިތުބާރެއް ނުކުރަމޭ..."

ޔަޝްމީ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ހާރޫން ކަންބޮޑުވެ ހުރެ ޔަޝްމީއަށް ބަލަން ފެށިއެވެ.

" ދެންމެ ވަދެގެން އައި އިރު ޕޫލް ކައިރީގައި ސޯފާއެއް ހުރިތަން ދުށިން.. ހިޔާކޮށްފައި ހުރި ކުޑަވަރެއްގެ ތަންކޮޅެއް ހުރި! އަހަރެން އޮވެދާނަން އެތަނުގައި"

ޔަޝްމީ އެހެން ބުނުމާއެކު ހާރޫންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަހަރެއްގައިވެސް ޔަޝްމީ އެފަދައިން ވިސްނަފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

" އަހަރެން ޗޭންޖް ކޮށްލައިގެން ބޭރަށް ނިދަން ހިނގައިދާނަން. ޔަޝްމީއަކަށް ނުޖެހޭނެ ބޭރުގައި ނިދާކަށް"

ހާރޫން ބުނެލީ ހަމައެކަނި އެފަދައިންނެވެ. އިތުރަށް މަޑުކޮށްލުމެއްނެތި އޭނާވަނީ ފާޚާނާ ބަޔަށެވެ. އޭރުވެސް ދެއަތް އުރާލައިގެން ޔަޝްމީ ހުއްޓެވެ. ހާރޫން ފެންވަރާލީވެސް ނުހަނު އަވަހަށެވެ. އެއަށްފަހު ޓީޝާޓަކާއި ފަޓްލޫނެއް ގަޔަށް މަހާލައިގެން އޭނާ ކޮޓަރި ތެރެއަށް އައިސް ޔަޝްމީއަށް ބަލައިލިއެވެ.

" ކަމެއް ބޭނުން ވިއްޔާ އަހަންނަށް ގޮވާލާތި"

ހާރޫން އެހެން ބުނުމަށްފަހު މަޑުނުކޮށް ނިކުމެގެން ދިޔައެވެ. ހާރޫން ނިކުތުމުން ޔަޝްމީއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާވެސް ލަސްނުކޮށް ފެންވަރާލަން ދިޔައެވެ. ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލުމާއެކު ޔަޝްމީގެ ހަށިގަނޑަށް ފަސޭހަވެގެން ދިޔައެވެ. އެ މަޑުމަޑު ގޮދަނޑީގެ ތެރެއަށް އޭނާގެ ފަތިހަށިގަނޑު ގަނބަައިގަނެގެން ދިޔައެވެ. އިސާހިތަކު ދެލޯ ކުޑަވާންފެށީ ވެފައިވާ ވަރުބަލިކަމުންނެވެ.

***

ސިހިފައި ޔަޝްމީއަށް ހޭލެވުނެވެ. އެއާއިއެކު އެ ބޮޑު ކޮޓަރީގައި އޮތީ އޭނާ އެކަނިކަން ހަނދާންވިއެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވެރި ކުރުވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. މަޑުމަޑުން ތެދުވެ ލޮލު ތެރޭގައި އަވަސް އަވަހަށް ކަޅި ހިންގަން ފެށުނީ ހިތް ބިރުގަންނަ ވަރުންނެވެ. އެނދުން ފައިބައިގެން އޭނާއަށް ހިނގައިގަނެވުނީ ދޮރާއި ދިމާލަށެވެ. އެއާއިއެކު ޓީވީ ކައިރީގައި ހުރި ގަޑިން، މެންދަމުން އަލިވެ ތިނެއް ޖަހާފައި ހުރިތަން ފެނި އިތުރަށް ބިރުގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލީ ބޭރުގައި ހާރޫން އޮންނާނެކަން އެނގޭތީއެވެ. އެއީ ކިރިޔާވެސް މީހަކު ފެނުމުން ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ކޮޓަރިން ނިކުމެ ޔަޝްމީ ހުސްފަޔާ ހުރެ ޕޫލްގެ އަރިމަތީ މަގުން ހިނގަމުން ދިޔައީ ޕޫލްސޯފާއާ ދިމާލަށެވެ. އެ ސަރަޙައްދުގެ ކޮޓަރިތައް ވަކިކޮށްފައި ހުންނަނީ ބޯކޮށް ހައްދާފައިހުރި މަގޫގަސްތަކުންނެވެ. ގަސްތަކުގެ ތެރޭގައި ހަރުކޮށްފައި ހުރި ކުދި ބޮކިތަކުން އެ ސަރަހައްދަށް ފަނޑު އަލިކަމެއް ވެރިވެފައި ވެއެވެ. ކައިރިކައިރީގައި ފިޔަވަޅު އަޅަމުން ގޮސް ޔަޝްމީ ހުއްޓުނީ ސޯފާގެ ފަހަތުގައެވެ. ކުޑަކޮށް ކޮރިލަމުން އޭނާ ސޯފާއަށް ބޯދިއްކޮށްލީ ނިދާފައި ހާރޫން އޮންނާނެކަން އެނގޭތީއެވެ. އެއާއެކު އޭނާއަށް ސިހުން ލިބިގެން ދިޔައެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (23)

ސިލްސިލާ ވާހަކަ: ޝިކާޔަތު (23)

(ނިމުނީ)