މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލަން ނިންމައިފިއެވެ.

އުމުރުން 30 އަހަރުގެ މެގުއާ މެންޗެސްޓާ ޔުނައިޓެޑާއި ގުޅިފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ލެސްޓާ ސިޓީން އޭނާ ޔުނައިޓެޑަށް ގެނައީ އޭރުގެ ކޯޗަކަށް ހުރި ސޯލްޝެއާއެވެ. މެގުއާ ޔުނައިޓެޑާއި ގުޅުނުތާ ހަމަސް ފަހުން 2020 ވަނަ އަހަރު ޖަނަވަރީ މަހު ސޯލްޝެއާ ވަނީ މެގުއާއަށް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ދީފައެވެ.

Ad
rt

ޔުނައިޓެޑްގެ ކޯޗްގެ މަގާމުގައި މިހާރުހުރި ޓެން ހާގް، 2022 ވަނަ އަހަރު ޔުނައިޓެޑާއި ހަވާލުވުމަށް ފަހު ޓީމަށް ގެނައި ބަދަލުތަކާއިއެކު މެގުއާއަށް އާންމުކޮށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެއެވެ. ފާއިތުވި ސީޒަންގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ޖުމްލަ ގޮތެއްގައި އަޅާފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލް މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒްއެވެ.

ކޯޗް ޓެން ހާގް މެގުއާ ތައުން ކެޕްޓަން ބޭންޑް އަތުލަން ނިންމާފައިވާކަން އެންގުމުން މެގުއާ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓްގައި ބުނެފައުވަނީ އޭނާ އަތުން ބޭންޑް އަތުލަން ނިންމުމުން އެކަމާއި ހިތާމަކުރާ ކަމަށެވެ. ނަމަވެސް ޔުނައިޓެޑަގެ ޖޯޒީގައި ކުޅޭ ކޮންމެ ފަހަރަކު ވެސް އޭނާގެ ސަތޭކަ ޕަސަންޓް ދޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.

ފާއިތުވި ސީޒަންގައި ޕްރިމިއާ ލީގުގައި މެގުއާ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައިވަނީ އެންމެ އަށް މެޗުގައެވެ. ފާއިތުވި ސީޒަންގައި ޔުނައިޓެޑުން ޖުމްލަ 62 މެޗު ކުޅުނު އިރު މެގުއާ ކުޅެފައިވަނީ 31 މެޗުގައެވެ.

މެގުއާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ކޯޗް ޓެން ހާގް ގެ ޕްލޭނުގައި މެގުއާ ނުހިމެނޭތީ، ކޯޗް ވިއްކާލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި މެގުއާ ހިމެނޭކަމަށް މީޑީއާގައި ރިޕޯޓް ކޮށްފައިވެއެވެ. ދާދިފަހުން ޕްރިމިއާ ލީގުގެ ވެސްޓްހޭމުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޔުނައިޓެޑުން އެ ޓީމްގެ ކެޕްޓަން ބޭންޑް ދެން ދޭނެ ކުޅުންތެރިއެއް އަދި އިއުލާން ކޮށްފައިނުވެއެވެ.