ރިޔާސީ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ، މ. މަޑުއްވަރީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ހޭޅިފަށް ރައްކާތެރި ކޮށްދެއްވާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުނީގެ މައްސަލައަށް ހައްލު ހޯދުމުގެ މަޝްރޫއުގައި އެރަށަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ވޭވަށު ބޭރުގައި އަޅާފަ އޮތް މަސް ކަނދުފައްޗާއެކު އެ ސަރަހައްދުގެ 30 މޭލު ދުރުގައި އިތުރު ކަނދުފައްޗެއް އަޅައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުވައިލައްވާ ވިދާޅުވީ ހަމައެކަނި ފެނާއި ނަރުދަމާއަށް ވެސް 141 ރަށެއްގައި ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަމަށެވެ. އަދި ރަނގަޅު، ހޭލުންތެރި، ތައުލީމީ ޖީލެއް އުފެއްދުމަށް އުންމީދު ކުރައްވާކަން ހާމަކުރައްވާ ވިދާޅުވީ ރަށްރަށުގެ ސްކޫލުތަކަށް ބޭނުންވާ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްދީފައި ވާނެ ކަމަށެވެ.
3000 އަށްވުރެ ގިނަ ދަރިވަރުން ސްޓޫޑެންޓް ލޯނުގައި ރާއްޖެއިން ބޭރުން ކިޔަވަމުން ދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެ ދަރިވަރުން ކުރިއަށް އޮތް ތިން އަހަަރުގެ ތެރޭގައި ކިޔަވާ ނިމި މަސައްކަތުގެ މާހައުލަށް ނުކުންނާނެ ކަމަށެވެ.
އެމަނިކުފާނުގެ ކެމްޕޭން މި ދަތުރުފުޅުގައި މިހާރު ހުންނެވީ ވ. ރަކީދޫގައެވެ. އެރަށުން އެމަނިކުފާނަށާއި ކެމްޕޭން ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.
ރައީސް ސާލިހުގެ ކެމްޕޭން ދަތުރުފުޅުގައި ވަނީ މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ތާވަލުކޮށްފައިވާއިރު، މ. އަތޮޅުގެ ރަށްތަކަށް ރައީސް ވަނީ އިއްޔެ ޒިޔާރަތް ކުރައްވާފައެވެ.
އެއަށް ފަހު މިއަދު ވ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރަވަން ހަމަޖެހިފައިވާއިރު، ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫ އަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.
ރާއްޖޭގެ މީހުން ދިރުއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުމުގެ އަމާޒުގައި ފައްޓަވާފައިވާ ކެމްޕޭނު ދަތުރުފުޅުތައް އަތޮޅު ތެރޭގައި ފަށާފައިވަނީ މިދިޔަ ހަފުތާގައި ށ. އަތޮޅުންނެވެ. އޭގެ ފަހުން ކ. އަތޮޅުގެ ރަށްތަކުގައި ވެސް ކެމްޕޭން ކުރައްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި އެމްޑީޕީގެ ކޯލިޝަންގެ ބައިވެރިން ކަމަށްވާ އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިސްވެރިން ވެސް ބައިވެރިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!