"ކޯޓަށް ފަރިތަ" ނަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ.

Ad
rt

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއީ ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ކޯޓުތަކާއި ގުޅުންހުރި މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސިލްސިލާކޮށް ހިންގުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ "ކޯޓަށް ފަރިތަ" ހޭޝް ޓެގާއެކު މި ތައާރަފް ކުރެވުނު ކެމްޕޭނަކީ ބޭނުންތެރި މުހިންމު މަސައްކަތެއް ކަމަށާއި ފަނޑިޔާރުންގެ އެންމެ މުހިންމު ޒިންމާއަކީ ކޯޓުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ކޯޓުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިދުމަތްތަކާއި ގުޅުންހުރި ފުރިހަމަ މައުލޫމާތު ފޯރުކޮށް ދިނުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރުވެސް ރާއްޖޭގައި ޝަރުއީ ދާއިރާގެ މަސައްކަތްތައް ގެންގޮސްފައިވަނީ ވަރަށް ތަރުތީބުންކަން ފެންނަން އެބައޮތް ކަމަށާއި މިހާރުވެސް އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެނީ، އިޚުލާސްތެރިކަމާއެކު ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށްކަން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ ވިދާޅުވީ މި ކެމްޕޭންގެ ސަބަބުން ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ލުއިފަސޭހަކަން ގާއިމް ކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެމެރިކަން ބާ އެސޯސިއޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން މި ކެމްޕޭން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޯޓުތަކާއި ގުޅޭ މައުލޫމާތާއި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށްޓަކާ ސިލްސިލާ ކެމްޕޭނެއްގެ ގޮތުގައެވެ.

މި ކެމްޕޭނުގެ ޒަރިއްޔާއިން ކޯޓުތަކާއި ގުޅޭ މައުލޫމާތާއި، ކޯޓުތަކުން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުގެ އިތުރުން، ހިދުމަތްތައް ލިބިގަތުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ވެސް ހާމަކޮށްދެވޭނެއެވެ.