މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ދަތުރުފަތުރުގެ އަގު ހެޔޮކޮށްދީ، ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ބަހުގެ ހިދުމަތްތައް ގާއިމު ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "އާސްކް ނާޒިމް" ޕްރޮގްރާމްގައި "ނާޒިމްގެ ސަރުކާރެއްގައި ދަތުރު ފަތުރުގެ ނިޒާމަށް ގެންނަ ކުރިއެރުމަކީ ކޮބައިތޯ" ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެއަށް މޮނޮރެއިލްގެ ނިޒާމަކުން ގުޅާލާނެ ކަމަށާއި އެކަން ކުރެވުމުން ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ.

އެގޮތުން ތޮއްޖެހުން ނިމުމަކަށް އައިސް ރައްޔިތުންނަށް އަރާމުގައި ދަތުރު ކުރެވި، ބޮލުގައި ރިހުން ފިލައިގެންދާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މާލެއާއި ހުޅުމާލެ ރޭލުގެ ނިޒާމަކުން ގުޅުވާލުމަށާއި އައިލެންޑް އޭވިއޭޝަން މިހާރު ހިންގަމުންދާ މޮޑެލްއަށް ބަދަލު ގެނައުމުގެ ވިސްނުންހުރިކަން ފާހަގަކުރެއްވިއެވެ.

އޭނާގެ ވެރިކަމެއްގައި އިތުރަށް ލޯންޗުފަހަރު ބަނުން ހުއްޓާލާނެ ކަމަށާއި ދަތުރު ފަތުރުގެ ނިޒާމަށް ގެންނާނެ އިތުރު ބަދަލެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ދަރަނި ކުޑަކުރުމުގެ ގޮތުން އެއާޕޯޓު ގްރައުންޑް ހޭންޑްލިން ހިދުމަތް އައިލޭންޑް އޭވިއޭޝަންއާއި ހަވާލު ކުރާނެ ކަމަށެވެ.

މީގެ އިތުރުން އައިލޭންޑް އޭވިއޭޝަންއަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނީ އެ ކުންފުނިން ޕްލޭން ކުރެވިފައި އޮތް ގޮތުގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.