ދުނިޔެދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ މޭޖަ ލީގު ސޮކާގެ އިންޓަ މިއާމީއަށް ސޮއި ކޮށްފިއެވެ.

ބޮލެންޑިއޯ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ފާއިތުވި ދެ އަހަރު ކުޅެފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ.

Ad
rt

ފާއިތުވި އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން މެސީ އިންޓަ މިއާމީއާއި ގުޅުމަށް ފަހު ބުނެފައިވަނީ އެމެރިކާގެ އިންޓަ މިއާމީއާއި ކެރިއާގެ އިތުރު ފިޔަވަޅެއް ކުރިއަށް އަޅަން ތައްޔާރަށް ހުރިކަމަށާއި އިންޓަ މިއާމީއާއި ގުޅެވުނީތީ ވަރަށް އުފަލުން ހުރިކަމަށެވެ.

އިންޓަ މިއާމީގެ ކޯ އޯނަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އެ ޓީމާއި މެސީ ގުޅުމުން ބުނެފައިވަނީ އިންޓަ މިއާމީ ފުޓްބޯޅަ ކްލަބުގެ މަސައްކަތް ފެށިއިރު، ކޮންމެވެސް ދުވަހަކުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅުންތެރިން ގެނެވޭނެކަމަށް އުއްމީދުކުރި ކަމަށާއި، މެސީ އެޓީމަށް ގުޅުމާއިއެކު އެ ހުވަފެން ހަގީގަތަކަށް ވެގެން ގޮއްސިކަމަށެވެ.

މެސީގެ ގިނަ ކާމިޔާބީތައް ގުޅިފައި އޮތީ އޭނާ ކެރިއާ ފެށި ބާސެލޯނާއާއެވެ. ބާސާގައި އޭނާ ހޭދަކުރި 21 އަހަރު ދުވަހުގެ ތެރޭ ކުލަބް ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް އޭނާ ވަނީ ހޯދާފައެވެ. ފާއިތުވި ދެ ސީޒަން ޕީއެސްޖީގައި ހޭދަކުރިއިރު އެ ސެ ސީޒަންގައި ވެސް ފްރާންސް ލީގު ކާމިޔާބުކުރީ އެ ޓީމުންނެވެ.