މިއަހަރު ރާއްޖެއިން އެއް މިލިއަން ވަނަ ފަތިރުވެރިޔާއަށް މިއަފު މަރުހަބާ ކިޔައިފިއެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ބްރިޓިޝް އެއާވޭސް އިން ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޮވްއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.
ޕަވްލޮވް ރާއްޖެއާއި އަނބިމީހާ އާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެގޮތުން، ޗުއްޓީ ހޭދަކުރާނީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި ކަމަށާއި ރާއްޖޭގައި ހަފުތާއެއް ހޭދަކުރާނެ ކަމަށް އޭނާ ބުންޏެވެ.
މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަން ފާހަގަކޮށް ޕަވްލޮވް ވަނީ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެގެންދިއުމުން އުފާވާ ކަމަށް ބުނެފައެވެ. އަދި ދިވެހިންގެ މެހެމާންދާރީއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު އާއި އެމްއެސީއެލް އަދި އިމިގްރޭޝަނުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިމިގްރޭޝަނުން ވަނީ އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ބޯޑަރ މައިލްސްގެ "އައިދަ" ދަރަޖަ އަރުވާފައެވެ. މީގެ އިތުރުންވެސް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އާއި އަދިވެސް ފަތުރުވެރިކަމާ ގުޅުންހުރި އެކި ތަންތަނުން އޭނާއަށް ހަދިޔާތައް ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އެއް މިލިއަން ފަތުރުވެރިޔާއާއެކު މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓަށް ދިއުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ. މިއަހަރު ފަތުރުވެރިންގެ އަދަދު ގުނި ނަމަވެސް ސަރުކާރުން ސަމާލުކަން ދެނީ ފަތުރުވެރިކަމުން ދައުލަތަށް އަދި ރައްޔިތުންނަށް ލިބޭ މަންފާގެ މައްޗަށް ކަމަށާއި މިއަހަރު ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އޭގެ އިތުރުން ރަޝިއާ އޢއި އިނގިރޭސިވިލާތާއި ޗައިނާ އާއި ޖަރުމަނާއި އިޓަލީ އަދި އެމެރިކާފަދަ ޤައުމުތަކުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.
މިއަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މިހާރު ވަނީ ލަފާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!