ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށާއި ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެޕާޓީގެ ޖަގަހަ ހުޅުވަން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ މިއަދު ގޯތި ދިނުމުގެ ސިޔާސަތަށް ބަލާލީމައި ވޯޓަށް ޖަހާލި "ޗައްކަރެއް"ގެ ގޮތުގައި ސިފަވަމުންދާ ކަމަށާއި މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނީ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ކަމަށެވެ.

މާލޭގެ ގެދޮރުވެރިންނާއި މުއްސަނދިންނާއި ވިޔަފާރިވެރިންނަށް ވެސް ގޯތި ލިބިފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެމްއެންޕީން ސަރުކާރާ ހަވާލުވާން މި އަންނަނީ ކަންކަން ދެނެގަނެގެން ކަމަށެވެ.

އެ ޕާޓީން ގޭގެއަށް ހިނގައިފި ކަމަށާއި މީހުން ދިރިއުޅޭ ހާލަތު ލޮލުން ދެކި، އަތުން ހިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ނިކަމެތިންގެ ހާލު ދަންނަން ޖެހޭ ކަމަށާއި ރަނގަޅަށް ބަލާފައި ނޫނީ ގޯތި ދީގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވީމަ މިހާރު ދިން ގޯތިތަކަކީ ސީދާ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ދިން ގޯތިތަކެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ފެށި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުން ގޯތި ދޭނެ އަދަދުތަކެއް ކަނޑައަޅާފައެވެ. ކޮންމެ ރަށަކުން 2،000 ގޯއްޗާ އެކު، ޖުމްލަ 6،200 ގޯތި ދޭނެ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމްގެ ދަށުން ނެރުނު ވަގުތީ ލިސްޓުގައި ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅި އިރު، އޭގެ ތެރެއިން 19،858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވެފައެވެ. މި ބުރުގައި އެ އެންމެންނަށް ގޯތި ނުދެވުނަސް، ސަރުކާރުގެ އަމާޒަކީ ޝަރުތު ހަމަވާ އެންމެންނަށް ވެސް މާލެ އިން ގޯތި ކަނޑައި ދިނުމެވެ.

މީގެ އިތުރުން ހުޅުމާލެ ބޭނުންކޮށްގެން ސަރުކާރުތަކުން ނަގަމުން އަންނަ ނާޖާއިޒު ފައިދާ ހުއްޓުވަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ރޭ ވިދާޅުވެފައެވެ.