"ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިކަން ހާމަކުރީ އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ރޭ ބޭއްވި މި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ދެ ދުވަސްތެރޭ ހުޅުވާލާނެ ކަމަށެވެ.
އެގޮތުން މި ޖުލައި މަހުގެ 17 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށާއި ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޓީން މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
އެ ޕާޓީގެ އެ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން އަދިހާމައެއް ނުކުރައްވައެވެ. ނަމަވެސް ގިނަބަޔަކު ގަބޫކުކުރާ ގޮތުގައި "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އެމަނިކުފާނެވެ.
އެގޮތަށް ގިނަބަޔަކު ދެކެނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގެންފައިވާތީއެވެ. އަދި "ދަ ޑިމޮކްރެޓްސް" އުފެދުނީ ވެސް އެކަމުގެ ސަބަބުން އުފެދުނު ހިޔާލުތަފާތުވުމާއެކުގައި ކަމަށްވާތީއެވެ.
އެ ހޔާލިތަފާތުވުންތަކުގެ ސަބަބުން ފިކުރެއްގެ ދިރުން އުފެދި، ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ވަނީ ބަދަލުކޮށްފައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިކީހުގެ ތަޅުމުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައި ވެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ވަނީ މިހައިތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް ސާލިހާއި އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމާއި ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަދި ޕްރޮގްރެސިވް ކޯލިޝަނުން ކުރީގެ ރައީސް ޔާމީނެވެ.
މީގެ އިތުރުން "ދަ ޑިމޮކްރެޓްސް" އިން ވެސް ކެންޑިޑޭޓަކު ނެރުމަށް ތައްޔާރުވަމުން އަންނައިރު، ކުރީގެ ހޯމް މިނިސްޓަރުު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!