މުލަކަތޮޅު ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހްކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއުތައް އިފްތިތާޙް ކޮށްދެއްވީ އެރަށަށް މިއަދުކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

އެމަނިކުފާނު ވަނީ މ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވާފައެވެ. އަދި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުންފާހަގަކުރުމާއި އެރަށުގެ ފެނުގެ ނިޒާމު ވެސް ރަސްމީގޮތުން ވަނީ ފަށްޓަވައިދެއްވާފައެވެ.

ގްރީން ފަންޑުން ހަރަދުކޮށްގެން ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދެ ބްރޭކްވޯޓަރ ގާއިމްކޮށް، އިރުދެކުނު ފަރާތުން ގިރާ ސަރަޙައްދަށް ވެލިއެޅުމާއި މޫދަށް އެރޭ ސަރަޙައްދެއް ތަރައްގީކޮށްފައިވެއެވެ.

ކޮޅުފުށީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޑެޓުންނެވެ. ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މަލްޓިޕާޕަސް ހޯލާއި 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ އިންނެވެ.