ސަރުކާރުން ''ކުރާ ވައްކަންތައް ބަލައި، ހިސާބުކުރުމަށް'' ކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކޮމެޓީއެއް ހަދައިފިއެވެ.
އެކަން އެ ކޯލިޝަނުން ހާމަކުރީ ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ވައްކަން ކުރާލެއް ގިނަކަމުން ދިވެހި ރައްޔިތުން ނިކަމެތިވަމުންދާ ކަމަށެވެ.
"އެކަން ހިސާބުކުރަން ކޮމިޓީއެއް ހާއްސަކުރަން ޖެހުނީ އެހެންވެ. އަަޅުގަނޑުމެން މިހާރު ވާނީ ވައްކަމުގެ ހިސާބުތައް ބަލާނެ ހާއްސަ ކޮމިޓީއެއް ހަދާފަ." ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު، ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ހުއްދަ ދިނުމުން އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެއީ ރާއްޖޭގައި ހިންގި އެންމެ، އެންމެ ބޮޑު ވައްކަން ކަމަށެވެ.
އެހެންނަމަވެސް އެމީހުން ސަމާ ހޮލިޑޭއަށް ފޮނުވާލައިފި ކަމަށާއި ރައީސް ސޯލިހަށް ކެމްޕޭން ކުރެވެނީ އެންމެންނަށް ހޮލިޑޭ ދީގެން ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރަން އެމްޑީޕީން ގެންގުޅޭ ކެމްޕޭން ޝިއާރު، "އުފާވެރި އަމާން ރާއްޖެ"އަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އާމްދަނީ ހޯދަން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުވެފައިވާ ކަމަށެވެ.
އާއިލާތަކާ އެކު ހޭދަކުރާނެ ވަގުތު ނުލިބެންޏާ އުފާވެރިކަމެއް ނުލިބޭނެކަން ފާހަގަކުރައްވައި އޭނާ ވަނީ ރާއްޖޭގައި އަމާންކަމެއް ނެތް ކަމަށާއި ގޮތް ނޭނގޭ ގޮތް ގޮތަށް މަރުވި މީހުންގެ އަދަދު ވެސް ގިނަކަން ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!