ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު ޖަލު އަދަބުން ސަލާމަތްވެ, ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކާރެއްގައި ބަނގުރާ އުފުލަނިކޮށް ފުލުހުން އަތުލައިގަތީ ސިނަމާލެ ބްރިޖް ކައިރިންނެވެ. އެ ކާރުން 250 އަށް ވުރެ ގިނަ ބަނގުރާ ފުޅި ފެނުނެވެ.

Ad
rt

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާ އެ ކުށަށް އެއްބަސްވެފައިވެ އަދި އަދަބު ލުއިކޮށްދޭން އެދިފައިވާތީ ޖަލަށްލުމުގެ ބަދަލުގައި އެހެން ބާވަތުގެ އަދަބެއް ދިނުމަކީ އެންމެ މަސްލަހަތު ބޮޑު ގޮތް ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފްވުމުން އަދަބުގެ މިންވަރު އެއް މަހާއި 24 ދުވަހުގެ އަދަބަކަށް ކުޑަވި އެވެ. އަދި ތަހުގީގުގައި އޭނާ 11 ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހެނީ އެއް މަހާއި 13 ދުވަހުގެ އަދަބެވެ. އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމުން ޖެހެނީ 8،600ރ. ގެ ޖޫރިމަނާ އެކެވެ.

ހުކުމުގައި އަންގާފައިވަނީ އެ ފައިސާ ދެ މަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.