ޗެލްސީއަށް ކުޅެމުންއައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް އޭސީ މިލާނާއި ގުޅުމާއި ގާތަށް ގޮސްފައިވާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 24 އަހަރުގެ ޕުލިސިޗް ޗެލްސީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕުލިސިޗް މިލާނާއި ގުޅެނީ 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާގެ މެޑިކަލް ކަންކަން މިލާނުން މި ހަފްތާގައި ނިންމާނެއެވެ.
ޕުލިސިޗް ޗެލްސީއަށް ގެނެސްފައި ވަނީ 2019 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުންނެވެ. ޗެލްސީން އޭނާ ގެނައުމަށް 57.6 މިލިއަން ޕައުންޑް ހަރަދު ކުރިއެވެ. އޭނާ އަކީ އެންމެ އަގުބޮޑުކޮށް ޓީމް ބަދަލުކުރި އުތުރު އެމެރިކާގެ ކުޅުންތެރިޔާއެވެ.
ޕުލިސިޗް މިލާނާއި ގުޅުމާއި ގާތަށް ގޮސްފައިވާއިރު، މި ޓްރާންސްފާ މާކެޓްގައި އޭނާ ހޯދުމުގެ މަސައްކަތް ފްރާންސްގެ ލިޔޯނުން ވެސް ވަނީ ކޮށްފައެވެ.
ޕުލިސިޗް ވަނީ ޗެލްސީއަސް 145 މެޗު ކުޅެ 26 ލަނޑު ޖަހާފައެވެ. ޗެލްސީއާއިއެކު އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
މި ޓްރާންސްފާ މާކެޓްގައި އެންމެ ގިނަ ކުޅުންތެރިން ދޫކޮށްލި ޓީމަކީ ޗެލްސީއެވެ. އެ ޓީމުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޑޭވިޑް ޑެޓްރޯ ފޮފާނާ ޔޫނިއަން ބާލިންއަށް ދޫކޮށްލާފައެވެ.
މީގެ އިތުރުން ކައި ހަވާޓްޒް އާސެނަލްއަށް، މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް އަދި ކޮވެސިޗް މެންސިޓީއަށް ޗެލްސީން ވަނީ ވިއްކާލާފައެވެ. އަދި ކީޕަރ މެންޑީއާއި ކަންޓޭގެ އިތުރުން ކަލިދޫ ކުލިބާލީ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!