ރުޅި އަންނަ މީހަކު މީހަކު ރުޅި އަޔަސް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގިނަ ބަޔަކު ކުރާ ހެޔޮ ދުއާތަކުގެ ބަރަކާތާއެކުގައި ކަމަށް ހޯމް މިނިސްޓަރު، އަދާލާތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީ އަކީ ރައީސް ޞާލިޙް މިހާރު ރައީސްކަން ކުރައްވަމުން ގެންދަވާ ރިޔާސީ ދައުރުގައި މި ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާއެވެ. އަދި އެ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދިނުމަށް ވެސް އެމްޑީޕީއާއެކު އިއްތިހާދު ވެފައެވެ.
އިމްރާން މީސް މީޑިއާގައި ވިދާޅުވީ، ރުޅި އަންނަ މީހަކު ރުޅިއަޔަސް މަލާމާތް ކުރާ މީހަކު މަލާމާތް ކުރިއަސް ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ވެސް އަދި އަމާންކަމާއެކު ދައުރު ފުރިހަމަ ކުރައްވަނީ ވެސް މާތްﷲގެ ރަޙްމާތާއެކުގައި ކަމަށެވެ.
''މާތްﷲގެ ރަޙްމަތާއެކު ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވޭނީ ވެސް ވަރަށް ގިނަ ހެޔޮލަފާ އަޅުންގެ އިޚްލާސްތެރި ހެޔޮދުޢާތަކުގެ ބަރަކާތާއެކު'' އިމްރާން ވިދާޅުވެފަވެއެވެ.
ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭން އަދާލަތުން ވެސް މިހާރު ފަށާފައިވާއިރު، އިމްރާން ގެންދަވަނީ އަދާލަތުގެ ތާއީދު އޮތް ރަށްތަކަށް ދަތުރުކުރައްވައި ރައީސަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އިމްރާން މީގެ ކުރިން ވަނީ އަދާލަތު ޕާޓީ މިހާރު އާދެވިފައިވާ ހިސާބުން ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ދައުރަކީ މުހިންމު ދައުރެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!