ކޮންމެ ވެރިޔަކާއިމެދުވެސް ރުހޭ މީހުންނަށްވުރެ ނުރުހޭ މީހުން ގިނަ ކަމަށާއި މިއީ ނިޒާމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބައެއް ނިޒާމީ ބަދަލުތަކާ ގުޅޭ ގޮތުން އަލަށް އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކު ލީމަވެސް ގޯސް މިވަނީ. އަދި ރަނގަޅު މީހަކު ވަތް ކަމަކަށް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މިއުޅެނީ ގޯސް މީހާއަށް ވެސް ރަނގަޅު ކަމެއް ނޫންކަމެއް ނުކުރެވޭނޭ ނިޒާމެއް ތައްޔާރުކުރުން. އަޅުގަނޑުގެ މުޅި ހަޔާތް މިދަނީ މިކަމުގަ. ރަނގަޅު މީހަކާއި ދިމައެއް ނުވޭ." ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ކުރިން ޑިމޮކްރެޓުން ނިޒާމަށް ގެނަން ބޭނުންވާ ބަދަލުތަކުގެ މަޝްވަރާކޮށް، ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތައް ގަނޑަށް ތިރިކޮށް ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ރައްޔިތުންނާއި ހަމައަށް ހުށަހެޅަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑިމޮކްރެޓުން ވެސް އެހެން ޕާޓީތަކުން ވެސް އިސްކަންދޭންވީ ނެރޭ މީހާއަށްވުރެ ބޮޑަށް ސިޔާސަތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަަކީ ނަޝީދު އަބަދު ވެސް ދައްކަވަމުން ގެންދަވާ ވާހަކަފުޅެކެވެ. ތަފާތު އެކި ފޯރަމްތަކުގައި އެކިފަހަރުމަތީން އެކަމަނިކުފާނު ގެންދަވަނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!